މުހައްމަދު ޝިފާޒް

ކުރިއަށް އޮތީ އުންމީދީ ދުވަސްތަކެއް: ޝިފާޒު

ރައްޔިތުން އުންމީދުކުރާ ފަދަ ދުވަސްތަކެއް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ފެނިގެންދާނެ ކަމަށް ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް މަސައްކަތްކުރި އެ ޕާޓީގެ ކައުންސިލް މެންބަރު މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓުންގެ ރަސްމީ ހަރުގެ "ހައުސް އޮފް ޑިމޮކްރެޓްސް" ގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ ކަންކަން ހިނގާނީ އަބަދު އެއްގޮތަށް ކަމަށް ދެކިގެންނުވާނެ ކަމަށެވެ.

އެގޮތުން އެމްޑީޕީ އާއި ޕީޕީއެމްއަށްވެސް ވެރިކަންކުރުމުގެ ފުރުސަތު ލިބުނުކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެމްޑީޕީވެސް ވެރިކަންކޮށްފި އަދި އެމްޑީޕީ މަގުމަތީގައިވެސް އޮވެފި. ޕީޕީއެމްވެސް ވެރިކަންކޮށްފި އަދި ޕީޕީއެމް މަގުމަތީގައިވެސް އޮވެފި،" ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވި ގޮތުގައި މުއިއްޒު ވެރިކަން ކުރައްވާނީ ކުރީގެ ތަޖުރިބާގެ އަލީގަ އެވެ.

އެހެންކަމުން މުއިއްޒުގެ ވެރިކަމުގައި ރައްޔިތުންނަށް އުންމިދީ ދުވަސްތަކެއް ފެނިގެންދާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި ރައްޔިތުން ތިބޭނީ އެ އުންމީދުގައި ކަމަށް ޝިފާޒް ވިދާޅުވި އެވެ.

"ކުރީގައި ވެފައި އޮތް ގޮތެއްގެ މައްޗަށް މާދަމާގެ ވެރިކަމެއް ބައްޓަމެއް ނުކުރައްވާނެ. ތަޖުރިބާގެ އަލީގައި ވެރިކަން ބައްޓަން ކުރައްވާނީ،" ޝިފާޒް ވިދާޅުވި އެވެ.