ޕީޕީއެމް

ޕީއެންސީގައި ޕާޓީ ދެކެ ލޯބިވާ މީހަކު ނެތް: އަބްދުލްރަހްމާން

ޕީއެންސީ ފިކުރަށް ތާއީދުކޮށް ޕާޓީ ދެކެ ލޯބިން ތިބި ބަޔަކު ނެތް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުލްރަހްމާން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ މީދޫ ދާއިރާގެ ރައީސް އަބްދުލްރަހްމާން މިހެން ވިދާޅުވީ ޕީޕީއެމް އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމާފައިވަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މަޖިލީހަށް އަމިއްލަ ގޮތުން އިންތިހާބުވި އަބްދުލްރަހްމާން ވިދާޅުވީ ޕީޕީއެމްގެ މެންބަރުން މަގުމަތިކޮށްފައިވާ ކަމަށެވެ.

"ޕާޓީ މެންބަރުންގެ ހައްގުގައި ބަހެއް ބުނަން ނުކެރި، ޕާޓީމެންބަރުން މަގުމަތި ކޮއްފަ، ބަސްއަހާ ދެ ބޯއިންހެން އައިސް ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް އަދި ޣައްސާން މައުމޫން ލަދުގަންނަން ޖެހޭ ގަރާރޭ، ސަރުކާރޭ ކޯލިޝަނޭ މަސްލަހަތޭ ވިދާޅުވެ ވާހަކަފުޅުދައްކަވަން. ކޮބާ ކޯލިޝަން؟" އަބްދުލްރަހްމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމް އުވާލި ނަމަވެސް ޕީއެންސީއަކީ އެ ފިކުރު ނޫން ކަމަށެވެ.

"އަޅުގަނޑުމެން ތިބީ ޕީޕީއެމްގަ، ތިޔަ އުވާލީ ޕާޓީ، ޕާޓީއުވާލިޔަސް ފިކުރެއް ދިމާނުވޭ. އަޅުގަނޑުމެން ވަރަށް ބީރައްޓެހި މިހާރުގެ ޕީއެންސީ ފިކުރަށް، އެއީ ތިންހާހުން ފެށި އެހެން ފިކުރެއް، ޕީއެންސީގަވެސް ގިނައީ މަޖިލިސް އިންތިހާބު ޕްރައިމަރީ ސްކޭމުގަ އަޅުގަނޑުމެން ޖައްސުވާ ފުރުވި ފޯމް، ފިކުރުވެގެން ފުރި ފޯމެއްނެތް. ކޮބާ ފޯރިއާއިއެކު ޕާޓީ ހިންގަން ތިބި މީހުން މިހާރު؟،" އަބްދުއްރަހްމާން ސުވާލުކުރެއްވި އެވެ.

އޭނާ ވިދާޅުވީ ޕީއެންސީ ފިކުރަށް ތާއިދުކޮށް، އެޕާޓީ އަދި އެ ފިކުރު އެއީ ކޯޗެއްކަން އެނގޭ އެޕާޓީ ދެކެ ލޯބިން ތިބި ބަޔަކުނެތް ކަމަށެވެ.

"ހުސް ތިބީ މަގާމާއި ވަޒީފާ، ކަމާއި ބަހާ ސަރުކާރުން ހޯދަން ތިބި މީހުންނާއި ވަގުން. ގައުމަށާއި ޕާޓީއަށް އިޙްލާސްތެރިންނެއް ނެތް،" އަބްދުއްރަހްމާން ތުހުމަތު ކުރެއްވި އެވެ.

އަބްދުއްރަހްމާން ވިދާޅުވީ އެމްޑީޕީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުވިހެން ޕީޕީއެމް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނޫނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޫން ކަމަށެވެ.

"ރައީސް ޔާމީން އެ ހުންނެވީ ރައީސް ޔާމީންގެ ޕާޓީ ހިންގަވަން، އާ ޖެނެރޭޝަނެއް ލީޑްކުރައްވަން ނައިބް ރައީސް ޝިޔާމުމެން ޣައްސާނުމެން ފަދަ ބޭފުޅުން ތިއްބަވަންވީ ޕާޓީ ހިންގަވަން. ޕީއެންސީ ބޭފުޅުން ތިއްބަވަންވީ އެތިއްބަވާ ކޯލިޝަނެއް ހިންގަވަން،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހްމާން ވިދާޅުވި ގޮތުގައި "ދިވެހީންގެ ރާއްޖެ" އާއި ޕީޕީއެމް ހިސޯރުވީ ޕީޕީއެމްގެ މެންބަރުންނަށް މަޖިލީސް ތަމްސީލު ކުރުމުގެ ފުރުސަތު ނުދިން ހިސާބުންނެވެ.

"އޭރުވެސް ވަޒީރުކަމާއި ލިބެންއޮތް ކަމެއް ގެއްލިދާނެތީ ބިރުން މަނިކުފާނުމެން ހަނު، ފާލުބަލާ މީހަކު ބެލި ޕްރޮފެސީއަކުން އޭރުއްސުރެން ތިގޭސް ގަނޑެއް އަނބުރާ، ކިރިޔާވެސް ހައްގަށް ބަހެއް ބުނާ މީހަކު ބްލެކްރާޑަރަށް އަރުވަން ފަށައިފި. ޑިމޮކްރަޓިކް ހަމައެއް ނެތް، ބޭނުންވީ ހުސް ބޮޓުން،" އަބްދުއްރަހްމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެހެން ނޫންނަމަ މިއަދު މަޖިލީހުގައި ގިނައިން ތިބޭނީ ހުސް ސަނާ ކިޔާ މީހުންގެ ބަދަލުގައި ހައްގަށް ވަކާލާތު ކުރަންކެރޭ، އެއްބާރުލުންދޭ އަދި ޒިންމާދާރުވެސް ކުރުވާނެ މެންބަރުންނެވެ.