ޔުކްރޭން ހަނގުރާމަ ހުއްޓުވުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ވައުދެއް ނަމަވެސް، ހަނގުރާމަ ހުއްޓުވުމަށް އެމެރިކާ ބޮޑަށް ބުރަވަނީ ހުޅަނގަށް ކަމަށް ރަޝިއާގެ ޚާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް ވިދާޅުވެއްޖެ އެވެ.
ޔުކްރޭން ހަނގުރާމަ ހުއްޓުވުމަށް ހުޅަނގަށް ގޮތެއް ކިޔައިދީ ބަޔަކަށް ބުއްދިލައިދެވޭނީ -- ލަވްރޯފް ވިދާޅުވި ގޮތުން، ހަނގުރާމަ ފެށުނު ސަބަބު ހުޅަނގަށް ސާފުވެގެންނެވެ.
ލަވްރޯފް ވިދާޅުވީ ޔުކްރޭން ހަނގުރާމަ ފަށަންޖެހުނީ ކީއްވެގެންކަން އަދިވެސް ހުޅަނގަށް ނޭނގޭ ކަމަށެވެ. ހުޅަނގު އަދިވެސް އޮތީ އަނދިރީގައި ކަމަށާއި އެ ހާލަތުގައި ބަޔަކަށް އެއްޗެއް ކިޔައިދެވޭނެ ގޮތް އެނގިވަޑައިނުގަންނަވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ޔުކްރޭން ހަނގުރާމަ މިހާރު އޮތް ހިސާބުން، ހަނގުރާމަ ހުއްޓުވާ ނަމަ -- ހަނގުރާމަ ފަށަންޖެހުނު ސަބަބު ކޮންމެ ބަޔަކަށް ވެސް އެނގެން ޖެހޭނެ ކަމަށް ލަވްރޯފް ވިދާޅުވި އެވެ. ސަބަބުތަކުގެ ތެރޭގައި، ޔުކްރޭން ނޭޓޯގައި ބައިވެރިވާން މަސައްކަތްކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ލަވްރޯފް ވިދާޅުވި ގޮތުން، ހުޅަގުގެ ގައުމުތަކާ ޚިލާފަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކުގައި އޮއްޓާރު އެބަ ހުއްޓެވެ. ޔުކްރޭން ހަނގުރާމަ ފެށުނީ ސަބަބުތަކެއް މެދުވެރިވެގެންކަން އެމެރިކާ ގަބޫލުކުރާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާޢިން މަސައްކަތްކުރަނީ މައްސަލަތަކުގެ އަސާސަށް ދިއުމަށް ކަމަށްވެސް ލަވްރޯފް ވިދާޅުވި އެވެ. ބަހުސް ފަށަންޖެހޭނީ އެ ހިސާބަށް ގޮސްފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި ނޭޓޯގައި ބައިވެރިވާން ޔުކްރޭން މަަސައްކަތްކުރުމަކީ ބޮޑު ގޯހެކެވެ. އެއީ ރަޝިއާގެ ސިޔާދަތަށް ނުރައްކަލަށް ވެދާނެތީ އެވެ.
ރަޝީއާ މިފަދައިން ގޮވާލާފައި އޮއްވައި، ޔުކްރޭންގެ އަމަލުތައް ހުރީ އެހެން ކޮޅަކަށް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި ރަޝިއާއާ ހަނގުރާމަކޮށްގެން ޔުކްރޭން މޮޅެއް ނުވާނެ އެވެ. މިހާރުވެސް ކިރިޔާ ހިފަހައްޓާލެވެނީ އެމެރިކާގެ އެހީތެރިކަމާ އެކު ކަމަށް އޭނާ ވިދާޅުވި އެެވެ.