ނޭޓޯ މިހާރު އެ އޮތީ ބިންދައިގެންދާން ތައްޔާރަށް ކަމަށާއި 2025 އާ ހިސާބަށް ދުޅަހެޔޮ ޖަމާއަތެއް ގޮތުގައި ނޭޓޯ ނޯންނާނެ ކަމަށް ބުނާ ދިރާސާ ރިޕޯޓްތަކެއް އާންމުވެއްޖެ އެވެ.
އެމެރިކާގެ ވެރިކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގެންފިނަމަ ނޭޓޯއަށް އޮތީ ހިތި ދުވަސްތަކެއް ކަމަށްވެސް ރިޕޯޓްގައިވެ އެވެ.
ޔުކްރޭނަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ގައުމުތަކުން ވިސްނަން ބޭނުންނަމަ އެ ގައުމުތަކަށް މެދުވެރިވެދާނެ ހާލަތާ މެދު މިހާރުވެސް ވިސްނަންވީ ކަމަށާއި، އެމެރިކާގެ ރިޔާސީ ގަނޑުވަރަށް ޑޮނަލްޑް ޓްރަމްޕް ވަދެވަޑައިގެންފިނަމަ -- ހުޅަނގުގެ ގައުމުތަކަށް ޖެހޭނީ އެ ބަޔަކު ޔުކްރޭނަށް ކުރި ހޭދަ އަނބުރާ ލިބޭނެ ގޮތެއް އެ މީހުން އަމިއްލައަށް ހޯދަން ކަމަށްވެސް ދިރާސާ ރިޕޯޓްގައި އޮތީ ބުނެފަ އެވެ.
ޖޯ ބައިޑަންގެ ސަރުކާރުން ޔުކްރޭނަށް މިހާރު ފޯރުކޮށްދެމުން ގެންދާ އެހީތެރިކަން އެ ގޮތުގައި އެމެރިކާގެ ސަރުކާރު ބަދަލުވެއްޖެނަމަ ކުރިއަކަށް ނުގެންދާނެ އެވެ.
ޑޮނަލްޑް ޓްރަމްޕަށް ބައިއަތުހިފައިގެން ތިބި ސަޕޯޓަރުންގެ އެދުމަކީ ވެސް ޔުކްރޭނަށް ދެމުން ގެންދާ އެހީތައް ހުއްޓާލާފައި، އެމެރިކާއަށް ފައިދާ ހުރި ކަންކަމަށް ފައިސާ ހޭދަކުރުމެވެ.
އަނެއްކޮޅުން ޓްރަމްޕަކީ ވެސް އެމެރިކާގެ ސިޔާސަތު އިސްކުރެއްވުމަށް ވާކާލާތު ކުރައްވާ ބޭފުޅެކެވެ. މިހެން ކަން އޮތުމުން ސިޔާސަތު އަންދާޒާކުރާ މީހުން ދެކެނީ ޓްރަމްޕްގެ ސަރުކާރެއްގައި ޔުކްރޭނަށް ދެރަ ގޮތްތަކެއް މެދުވެރިވެދާނެ ކަމަށެވެ.
ރަޝިއާއަށް ދަތިކުރަން އާންބަަސް ކިޔައިގެން ތިބި ޔޫރަޕްގެ ގައުމުތަކަށް ވެސް ޓްރަމްޕްގެ ސަރުކާރެއްގައި އެގޮތަށް ނުތިބެވޭނެ އެވެ. މަޝްރަހު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި އެމެރިކާގެ ސަރުކާރު ބަދަލުވުމަކީ ޔޫރަޕަށްވެސް ލިބޭނެ ވަރަށް ބޮޑު ދެރައަކަށް ވާނެ އެވެ.
ނޭޓޯ ރޫޅޭ ހާލަތަށް ހުޅަނގުގެ ގައުމުތަކުގެ މެދުގައި އޮތް ގުޅުން ދާނެ ކަމަށް ދިރާސާތަކުން ދައްކަ އެވެ. އަމިއްލަ ގައުމާ މެދު ވިސްނުމެއް މެތި ރަޝިއާއަށް ދަތިކޮށްގެން ތިބި ގައުމުތަކުން ނޭޓޯއަށް ބަރޯސާކުރެވުނިތީ މޮޔަ ހިތަށް އަރާނެ ކަމަށްވެސް ގައުމުތަކުގެ ސިޔާސަތު އަންދާޒާކުރާ މިހުން ބުނެ އެވެ.
ޓްރަމްޕްގެ ސަޕޯޓަރުންނަކީ -- ބައިޑަންގެ ސަޕޯޓަރުންނާ ހިލާފަށް -- ޓްރަޕް ބުނާ ގޮތް ވަރަށް ފަސޭހައިން ހަދާ ބައެއް ކަމަށާއި އޭނާގެ ސިޔާސަތަށް ތާއީދުކުރާ މީހުން ޓްރަމްޕްގެ ނިންމުންތަކަށް ރުހޭނެ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.