ދުނިޔެ

މިހުރީ ޔުކްރޭނަށް ދާން ތައްޔާރަށް: ބައިޑެން

އެމެރިކާގެ ހިތުގައި ޔުކްރޭނަށް އޮތް އޯގާތެރިކަން ދުނިޔެއަށް ދެއްކުމަށް ޓަކައި ކިއެވްއަށް ވަޑައިގަންނަވަން ތައްޔާރު ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ. ބައިޑެން ވިދާޅުވި ގޮތުގައި އެކުވެރި ގައުމުތަކާއެކު ޔުކްރޭންގެ ހިމާޔަތުގައި އެމެރިކާ ވެސް ނުކުންނާނެ އެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވައިޓް ހައުސްގެ ތަރުޖަމާން ޒެން ސާކީ ވިދާޅުވި ގޮތުގައި ބައިޑަން ޔުކްރޭނަށް ވަޑައިގަތުމާ މެދު އަދި ގޮތެއް ނުނިންމަވަ އެވެ. އަދި އެމަނިކުފާނުގެ ތާވަލުގައި ވެސް ޔުކްރޭނަށް ވަޑައިގަތުމާ ގުޅޭ ވާހަކައެއް ނެތެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އަދި ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސެލާ ވޮން ޑާ ލޭޔަން ވެސް ވަނީ ޔުކްރޭނަށް ވަޑައިގެން އެގައުމުގެ ރައިސް ވޮލޮދިމީރު ޒެލެންސްކީއާ ބައްދަލު ކުރައްވާފަ އެވެ.

ޕޮލޭންޑްގެ ރައީސް އާއި ލިތުއޭނިއާ، ލެޓްވިއާ އަދި އެސްޓޯނިއާގެ ރައީސް ވެސް ވަނީ ޔުކްރޭނަށް ވަޑައިގެން ވެރިރަށް ކިއެވްގައި ހުންނަ ކޮމާންޑް ސެންޓަރުގައި ޒެލެންސްކީއާ ބައްދަލު ކުރައްވާފަ އެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކުގައި ޔުކްރޭނަށް އެންމެ ބޮޑާށް ކަމޭހިތާ ގަތުމުތަކުގެ ތެރެއިން ޔުކްރޭނަށް ވަޑައިގެން ޒެލެންސްކީއާ މިހާރު ބައްދަލު ނުކުރައްވާ ބޭފުޅޫންތެ ތެރޭގައި ބައިޑަން ހިމެނި ވަޑައިގަންނަވަ އެވެ.

އެހެންކަމުން މިއީ ކަމުގެ ޒާތަށް ބަލާއިރު އެމެރިކާއަށް މިހާރު އޮތް ލަދަކަށް ވަނީ ވެފަ އެވެ. މި ލަދުވެތިކަމުން ސަލާމަތްވުމަށް އޮތް ކުރުމަގަކީ ބައިޑަން ޔުކްރޭނަށް ވަޑައިގެން ޒެލެންސްކީއާ އަތާ އަތްޖޯޑް ކުރައްވައި ސަލާމް ކުރެއްވުމެވެ.

ފެބްރުއަރީ 24 ގައި ރަޝިއާ ސިފައިން ޔުކްރޭނަށް ދޭން ފެށި ހަމަމާތަކުގައި މިހާތަނަށް ރަޝިއާ ސިފައިން ވަނީ ޔުކްރޭންގެ 130 ހަނގުރާމަމަތީ ބޯޓް ހަލާކުކޮށްފަ އެވެ. އަދި 103 އަސްކަރީ ހެލިކޮޕްޓަރާއި 447 ޑްރޯން، 243 ރޮކްޓް ލޯންޗަރު، 2،173 ޓޭންކަރު އަދި 2،082 އަސްކަރީ އުޅަނދު ބޭނުން ނުކުރެވޭ ވަަރަށް ވަނީ ހަލާކުކޮށްފަ އެވެ.

ރަޝިއާއިން ޔުކްރޭނަށް ދެމުން ގެންދާ މިފަދަ ގެއްލުންތައް ފޫބެއްދުމަށް އެމެރިކާއި އިނގިރޭސިވިލާތް އަދި ޔޫރަޕްގެ ބައިވެރިން ގެންދަނީ ހުއްޓުމެއް ނެތި ރޮކެޓާއި މިސައިލް އަދި އެހެނިހެން ހަތިޔާރާއި އަސްކަރީ އުޅަނދުތައް ޔުކްރޭނަށް ފޯރުކޮށް ދެމުންނެވެ.