އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފި އެވެ. މިއީ އެއްމަސް ދުވަސް ތެރޭގައި ދެ ރައީސުން ފޯނުން މަޝްވަރާ ކުރެއްވި ދެވަނަ ފަހަރެވެ.
ރައީސް ޕޫޓިންގެ އެދިވަޑައިގަތުމަކަށް ބައިޑަން ކުރެއްވި ފޯންކޯލް 50 މިނެޓަށް ދިގުދެމިގެން ދިޔަ އެވެ. އެހެންނަމަވެސް އެޖެންޑާގައި ހުރި އައިޓަމްތަކުގެ ތެރެއިން ވެސް ދެ ލީޑަރުންނަށް މުހިއްމުކަން ބޮޑުވީ ރަޝިއާ-ޔުކްރޭންގެ މަސްލަހަތެވެ.
ދެރައީސުންގެ މަޝްވަރާގައި ދެގޮތެއް ހުށަހެޅުއްވި އެވެ.
ބައިޑަން ވިދާޅުވި ގޮތުން މައްސަލަ އަކީ ރަޝިއާގެ އަސްކަރިއްޔާ ޔުކްރޭނާ މާގާތްވުމެވެ. ރަޝިއާގެ އަމަލުތައް ހުރީ ޔުކްރޭނަށް އަރައިގެންފާނެ ގޮތަކަށް ކަމަށް ބައިޑަން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ މަސްލަހަތަށްޓަކައި މަޝްވަރާ ކުރެވުނު ނަމަވެސް މަސްލަހަތު ނެގެއްލޭ ގޮތަށް ރަޝިއާ ވެސް އަމަލުކުރަން ޖެހޭ ކަމަށެވެ.
"މުޅި މަންޒަރު ސުލްހަވެެރި ކަމާއެކު ބަދަލުކޮށްލުމުގެ ފުރުސަތު އޮތީ ރަޝިއާ އަށް" ބައިޑަން ވިދާޅުވި އެވެ.
ޕޫޓިން ވިދާޅުވީ އެމެރިކާ އާއި ނޭޓޯ ގައުމުތަކުން ޔުކްރޭނަށް އެހީތެރިވަނީ ރަޝިއާ ތެރޭގައި ހަމަނުޖެހުން އުފެއްދުމަށް ކަމަށެވެ. އަދި ނޭޓޯ ގައުމުތަކުން ރަޝިއާއާ އެހާ ގާތަށް ނަގިލި ލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ޕޫޓިން ވިދާޅުވި ގޮތުގައި ޔުކްރޭން ސަރަހައްދަށް ރަޝިއާ ސަމާލުވާން ޖެހުނީ ވެސް ނޭޓޯގެ އަމަލުތައް ހުރި ގޮތުންނެވެ.
އިނގިރޭސި މަނަވަރުތައް ކަޅުކަނޑަށް ވަދެ އަދި އެމެރިކާ އިން ގުރީކުގައި އަސްކަރީ ފައުޖުތައް ގޮވާންކުރުމަކީ ރަޝިއާ ހަލަބޮލިކުރަން ކުރާ ކަމެއް ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.
ރަޝިއާގެ ރައްކާތެރިކަން ކަށަވަރުކުރަން އެމެރިކާ އާއި ނޭޓޯއަށް ހުށަހަޅާފައިވަ ސެކިއުރިޓީ ގެރެންޓީއަށް އެމެރިކާއިން ގޮތެއް ނިންމައި ދެއްވުމަށް ވެސް ޕޫޓިން އެދިވަޑައިގެންނެވި އެވެ. ރަޝިއާ ބޭނުންވަނީ ސާބިތުކުރެވޭ ފެންވަރުގެ ގެރަންޓީއެއް ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.
ދެ ރައީސުންގެ މަޝްވަރާތަކުގައި މަންޒަރު ބަދަލުވެގެންދާ ވަރުގެ ކަމެއް ނުހިނގަ އެވެ. ވާހަކަތައް ހުރި ގޮތުން މަޝްވަރާތައް އަދިވެސް ހުރީ ކުރިއަށެވެ. ރަޝިއާ ބޭނުންވާ ސެކިއުރިޓީ ކަށަވަރު ކުރުމަށް ޖެނީވާ އާއި ބުރްސެލްސް އަދި ވިއެނާގައި މަޝްވަރާތައް ކުރިއަށް ގެންދާ ގޮތަށް ކަނޑައެޅުނެވެ.
ދެ ލީޑަރުންގެ ފުރަތަމަ ފޯންކޯލް އޮތީ ޑިސެމްބަރު ހަތެއްގަ އެވެ.