ވޮޝިންގްޓަނުގައި އޮތް ނޭޓޯ ސަމިޓަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވި ގޮތުގައި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ވާހަކަދައްކަވައި މަޝްވަރާކުރެއްވުމަށް އެއްވެސް ހާޖަތެއް ނެތް ކަމަށެވެ.
ބައިޑަން ވިދާޅުވި ގޮތުގައި އޭނާއަށް ވާހަކަދައްކަން ކެރިވަޑައި ނުގަންނަވާ ލީޑަރަކު ގައުމެއްގައި ވެރިކަމެއް ނުކުރައްވަ އެވެ. މިހެންކަމުން ޕޫޓިންއާ ވާހަކައްކަވަން ޖެހިވަޑައިގަތް ނަމަވެސް -- ހާލަތަށް ބައްލަވައި އެއީ ކުރެވިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ޝައުގުވެރިކަމެއް ނެތސް ބައެއް ކަންކަން ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ބައިޑަން ވިދާޅުވި ގޮތުގައި އޭނާ މީގެ ކުރިންވެސް ޕޫޓިންއާ ވާހަކަދެއްކެވި އެވެ. އެއީ ނިއުކްލިއާ ހަތިޔާރު މަދުކުރުމާ ބެހޭ މަޝްވަރާއެއް ކަމަށް ވިދާޅުވި އެވެ.
މިގޮތުން ކުރެވުނު މަޝްވަރާތަކާ ބެހޭ ގޮތުން ބައިޑަން ވިދާޅުވި ވާހަކަތަކުގައި އާރުލުމުގެ ކުރިން މަޝްވަރާތައް ފޭލިވެއްޖެ ކަމަށެވެ. އަދި އެ ވާހަކަަތައް އެއްގޮތަކަށްވެސް ކުރިއަށް ނުގެންދެވުނު ކަމަށް އެއްބަސްވެ ވަޑައިގެންނެވި އެވެ.
ރަޝިއާ، ޔުކްރޭން ހަނގުރާމައިގައި -- ބައިޑަން ވިދާޅުވި ގޮތުގައި ހުރިހާ މޮޅެއް އޮތީ ޔުކްރޭނަށެވެ. ރަޝިއާ ހޯދާފައި ހުރި ކުރިއެރުންތަކަށް ރިއާޔަތް ކުރެއްވުމެއް ނެތި ބައިޑަނން ވިދާޅުވީ ހަނގުރާމަ ކާމިޔާބު ވާނީ ޔުކްރޭނަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ޔުކްރޭން ހަނގުރާމަ ހުއްޓުވެން އޮތީ މަޝްވަރާކޮށްގެން ކަމަށް މުޅި ދުނިޔެ ގަބޫލުކުރި ނަމަވެސް އެމެރިކާއާ ބައިވެރިން މިކަން ގަބޫލުކުރާކަށް ބޭނުމެއް ނުވެ އެވެ. މި މީހުން ގަބޫލުކުރާ ގޮތުގައި ޔުކްރޭނަށް ހަނގުރާމަ ކާމިޔާބު ނުވާންވީ ސަބަބެއް ނެތެވެ.
ރަޝިއާގެ ބައިވެރިވުމެއް ނެތި ކުރެވޭ މަޝްވަރާއަކުން ޔުކްރޭނަށް ސުލްހަ ނުލިބޭނެކަން ހުޅަނގަށް ވެސް އެނގެ އެވެ. ނަމަވެސް އެކައްޗެއް ކިޔައިގެން ރަޝިއާ ބަލިކުރަން ނުކުމެ ތިބި ބައިގަނޑަށް ކިޔޭނެ އިތުރު އެއްޗެއް އަދި ގަބޫލުކުރެވޭނެ އެއްޗެއް ވެސް ނެތެވެ.
ހުޅަނގުން ބޭނުންވަނީ ރަޝިއާއާ ހަނގުރާމަކޮށް -- ރަޝިއާ ބަލިކުރުމަށްފަހު ޔުކްރޭން ކާމިޔާބީ އިއުލާންކުރުމެވެ.
މަސްރަހުގައި ހުރި ވާހަކަތަކަށް ބަލާއިރު ހުޅަނގުން ޔުކްރޭނަށް ކިތަންމެ ހަތިޔާރެއް ދިން ނަމަވެސް ރަޝިއާ ބަލިކުރުމަކީ ޔުކްރޭނަށް ކުރެވޭ ވަރަށް ބުރެ ބޮޑު ކަމެކެވެ.