އެމެރިކާ އާއި ނޭޓޯ ގައުމުތަކުން ޔުކްރޭނަށް ހަތިޔާރު ގެންގޮސް ދޭ އުޅަނދުތަކަކީ އަސްކަރީ ހަމަލާއެއް އަރާފާނެ ސައްހަ އަމާޒުތަކެއް ކަމަށް ދެކޭ ކަމަށް ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނީ ހަތިޔާރު އުޅަނދުތައް ޔުކްރޭންގެ ބިމުގައި ހަރަކާތްތެރިވާ ނަމަ މިސައިލެއް ނާރާނެ ކަމަށް ބުނަން ނުކެރޭ ކަމަށެވެ.
އެމެރިކާއިން ބޮޑެތި ބަޖެޓްތައް ފާސްކޮށް ޔުކްރޭނަށް ހަތިޔާރު ސަޕްލައިކުރުމަކީ ނުސީދާކޮށް ރަޝިއާއާ ހަނގުރާމަކުރުން ކަމަށް ދެކޭ ކަމަށް ވެސް ރަޝިއާ ބުނެ އެވެ. އަދި ބުނީ ރަޝިއާގެ ހަރަކާތްތަކަށް ހަމަލާދޭ ނަމަ ޔުކްރޭނުން ރަޝިއާ ސިފައިން ފޭބުން ލަސްވާނެ ކަމަށެވެ.
ރަޝިއާއިން މިމޭރުމުން ވާހަކަދެއްކި ސަބަބަކީ ޔުކްރޭނަށް ހަތިޔާރު ސަޕްލައިކުރަން އެމެރިކާގެ ރައީސް ޖޯ ބައިޑަން 800 މިލިއަން ޑޮލަރު ދެއްވާނެ ކަމަށް ވިދާޅުވުމުންނެވެ. ޕެންޓަގަނުން ބުނީ އެހީގެ ގޮތުގައި ސަޕްލައިކޮށްދޭނީ އަސްކަރީ ޑްރޯން އާއި ވަޒަނާއި އަދި މިސައިލްގެ ބައިތައް ފަދަ އައިޓަމްތައް ކަމަށެވެ.
ޔުކްރޭން ހަނގުރާމަ ފެށި ފަހުން އެމެރިކާއިން ވަނީ ސެކިޔުރިޓީ އެހީގެ ގޮތުގައި ބޮޑެތި އަދަދުތަކުން ޔުކްރޭނަށް އެހީ ފޯރުކޮށްދީފަ އެވެ.
އެހެން ނަމަވެސް، ސީއެންއެން ބުނާ ގޮތުން ޔުކްރޭނަށް ފޮނުވާ ހަތިޔާރަށް ވާގޮތް އެމެރިކާއަކަށް ނޭނގެ އެވެ.
ހަތިޔާރު ޝިޕްމަންޓްތައް ފޮނުވަން ޖެހޭ މަގު ތަފާތުވުމުން އެތަކެތި ދަތުރުކުރާ ގޮތް ބެލެހެއްޓުން އެމެރިކާއަށް ފަސޭހަ ނޫން ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ. އަދި ޝިޕްމަންޓްތައް މަންޒިލަށް ދާއިރު ލިސްޓްގައި ހުރި ބައެއް ތަކެތި ނުހުންނަ ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ.
ރަޝިއާ ބުނާ ގޮތުން އެމެރިކާ / ނޭޓޯ ހަތިޔާރު ގާފިލާތަކަށް ރަޝިއާއާ ގުޅިފައި ތިބި ބާރުތަކުން ހުރަސްއަޅާނެ އެވެ. އަދި ގެއްލުން ދިނުމަށް މަސައްކަތް ކުރާނެ އެވެ.