ދުނިޔެ

ޔުކްރޭނަށް ސަޕްލައިކުރާ ހަތިޔާރު ބްލެކް މާކެޓަށް

އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕުން ޔުކްރޭނަށް ސަޕްލައިކުރާ ހަތިޔާރުތަކުގެ ބައެއް ޝިޕްމަންޓްތައް ޔުކްރޭނަށް ރައްދުވާކަން ނޭނގި ގެއްލިފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

ހަތިޔާރު ޝިޕްމަންޓްތަކުން ވައްކަންކުރުމާއި އެއިން ބައެއް ނަގައިގެން ބްލްކެ މާކެޓުގައި -- ކަޅު ބާޒާރުގައި ރަނގަޅު ފައިދާއެއް ހޯދާ ބަޔަކު އުޅޭ ކަމަށް ވެސް އޮފިޝަލުން މީގެކުރިން ވެސް ވަނީ ބުނެފަ އެވެ.

އިންޓަޕޯލުން މިކަމުގެ ތެރެއަށް ވަދެ ބަޔާނެއް ނެރެ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އިންޓަޕޯލުން ބުނާ ގޮތުން ބަރުހަތިޔާރާއި ލުއިހަތިޔާރު ޝިޕްމަންޓްތަކުން ބައެއް، ކަޅު ބާޒާރުގައި ވިއްކާ ކަމުގެ ރިޕޯޓްތައް އެ ޖަމާއަތަށް ވަނީ ފޯރާފަ އެވެ.

ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދޭ ނަމަ ޝިޕްމަންޓްތައް ދަތުރުކުރާ މަގު ބެލެހެއްޓޭނެ ގޮތެއް ހޯދުމަށް އިންޓަޕޯލުން ވަނީ ގޮވާލާފާ އެވެ. ހަތިޔާރު ޝިޕްމަންޓްތައް އަސްކަރީ އޮފިޝަލުންނަށް ލިބިއްޖެކަން ކަށަވަރު ކުރުމަށް ވެސް ވަނީ އެދިފަ އެވެ.

އިންޓަޕޯލުން މި މޭރުމުން އަމުރެއް ނެރެވައި މިވަނީ އަފްޣާނިސްތާންގެ ހާލަތަށް ރިއާޔަތްކޮށެވެ. އެމެރިކާ އާއި ނޭޓޯ ގައުމުތަކުން އަފްޣާންގައި 20 އަހަރު ތިބުމަށް ފަހު، އެ ގައުމު ދޫކޮށް ފައިބައިގެން ދިއައިރު، އަސްކަރީ ފައުޖުތަކުން ގެންގުޅުނު ހަތިޔާރުތައް ވަނީ އަފްޣާންއަށް ދޫކޮށްލާފަ އެވެ.

ތާލިބާނުން އަތުޖެހުނު ހަތިޔާރު ތަކުގެ ތެރޭގައި ދުރުރާސްތާ މިސައިލާއި ޒަމާނީ ކަނޑިބަޑި އަދި އަސްކަރާ އުޅަނދުތައް ހިމެނެ އެވެ. އެމެރިކާ އާއި ބައިވެރިން އަފްޣާނަށް ދޫކުރި ހަތިޔާރު ބޭނުންކޮށްގެން ތާލިބާނުން ވަނީ ބާރުގަދަ އަސްކަރިއްޔާއެއް އަފްޣާންގައި ގާއިމުކޮށްފަ އެވެ.

ޔޫރަޕްގެ ގައުމުތަކުން، ފްރާންސާއި ޖަރުމަން އަދި ޔުކްރޭނަށް އަސްކަރީ އެހީ ފޯރުކޮށްދޭ ގައުމުތަކުން ފޮނުވި ބައެއް އާލާތައްތައް، ޔުކްރޭން ސަރަހައްދުގައި ހަރަކާތްތެރިވާ ބާޣީ ހަނގުރާމަވެރިންނަށް ލިބިފައިވާ ކަމުގެ ރިޕޯޓްތަކެއް ވެސް ވަނީ ޚަރަށް އަރާފަ އެވެ.

އިންޓަޕޯލުން ބުނާ ގޮތުން ޔުކްރޭން ހަނގުރާމައަށް ވުރެ ކަޅު ބާޒާރުގައި ހަތިޔާރުގެ އަގުއުފުލުން މާބޮޑު ނުރައްކަލަކަށް ވާނެ އެވެ.