ދުނިޔެ

ޔުކްރޭން ހަނގުރާމަ ހުއްޓުވައި ދިނުމަށް އެދިއްޖެ

ރަޝިއާ - ޔުކްރޭން ހަނގުރާމަ މިވަގުން މިވަގުތަށް ވެސް ހުއްޓުވައި ދެވެން އޮތް ނަމަ ހުއްޓުވައި ދިނުމަށް އިންޑިއާގެ ކިބައިން ޑެންމާކުން އެދިއްޖެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިވަގުތު އުޅުއްވަނީ ޑެންމާކަށް ކުރައްވާ ރަސްމީ ދަތުރެއްގަ އެވެ. ޑެންމާކަށް ވަޑައިގަތުމުގެ ކުރިން ޖަރުނަމަށް ވަޑައިގެން ޗާންސެލަރު އޯލަފް ޝޯލްޒްއާ ވެސް މޯދީ ބައްދަލު ކުރެއްވި އެވެ.

އިންޑިއާ އާއި ޑެންމާކާ ދެމެދު އޮތް މަޝްވަރާ ބައްދަލުވުމެއްގައި ޑެންމާކްގެ ބޮޑުވަޒީރު މޭޓާ ފްރެޑެރިކްޝަން، މޯދީގެ ކިބައިން އެދިވަޑައިގަތީ ޔުކްރޭން ހަނގުރާމަ ހުއްޓުވޭނެ ގޮތެއް އޮތް ނަމަ އެކަން ކޮށްދެއްވުމަށެވެ. އެއީ ރަޝިއާއާ މަޝްވަރާކޮށްގެން ނަަމަވެސް އިންޑިއާ އިސްވެ އެކަން ކޮށްދެއްވުމަށް އެކަމަނާ އެދިވަޑައިގެންނިވި އެވެ.

ފްރެޑެރިކްޝަން ވިދާޅުވި ގޮތުގައި އިންޑިއާ އާއި ރަޝިއާ އަކީ ވަރަށް ގާތް ދެ ގައުމެވެ. އެއްބަޔަކު ދައްކާ ވާހަކަ ޝައުގުވެރިކަމާ އެކު އަޑުއަހާ ދެ ގައުމެވެ. އެހެންކަމުން ޕޫޓިންއަށް ހެޔޮ ގޮތެއް ވިސްނައި ދެއްވައިގެން ނަމަވެސް ޔުކްރޭން ހަނގުރާމަ ހުއްޓުވަން ޖެހޭ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ރަޝިއާ - ޔުކްރޭން ހަނގުރާމާގައި އިންޑިއާ ވަކިކޮޅަކަށް ބުރަނުވުން ވަނީ ވަރަށް ބޮޑު މައްސަލައަކަށް ވެފަ އެވެ. އެމެރިކާ އާއި ޔޫރަޕަށް ވެސް މިހާރު އޮތް އެންމެ ބޮޑު މައްސަލައަކީ ރަޝިއާ ކުށްވެރިކޮށް އިންޑިއާ ބަހެއް ނުބުނުމެވެ.

އެހެން ނަމަވެސް، ސިޔާސީ މަޝްރަހުގައި ފުންނާބުއުސް ތަޖުރިބާކާރުން ދެކޭ ގޮތުގައި، ރަޝިއާ - ޔުކްރޭން ހަނގުރާމާގައި އެންމެ މޮޅަށް ކުޅެނީ އިންޑިއާ އެވެ.

އިންޑިއާ ގެންގުޅޭ އެއްވެސް ގައުމަކާ ދެކޮޅު ނޫން ސިޔާސަތުގެ ސަބަބުން އިންޑިއާގެ އަމިއްލަވަންތަކަން ދެންވެސް ވާނީ ހަރުދަނާ ކަމަށް ތަރުޖިބާކާރުން ބުނެ އެވެ.

މޯދީ ޖަރުމަނަށާއި ޑެންމާކަށް ކުރައްވާ ދަތުރަކީ އިންޑިއާއަށް ވަރަށް ބޮޑު ޕްރެޝަރެކެވެ. އިންޑިއާގައި އެކި ކަހަލަ ޕްރޮގްރާމްތައް ހިންގުމަށް އަދި ޚާއްސަކޮށް ތިމާވެއްޓާ ގުޅުން ހުރި ސާފު ހަކަތައް އުފައްދަން ޖަރުމަނުން 10.5 ބިލިއަން ޑޮލަރު ދިނުމަކީ ދުނިޔޭގެ ސިޔާސަތުގައި އިންޑިއާ ވަކިކޮޅަކަށް ބުރަވުމަށް ދިން ހަދިޔާ އެކެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް ދެމުން ގެންދާ ފަނާކުރަނިވި ހަމަލާތައް ކުށްވެރި ކުރުމުގައި އިންޑިއާ ގެންގުޅޭ ސިޔާސަތަކީ މަޝްވަރާކޮށްގެން ހައްލުކުރުމެވެ.

ދުނިޔޭގެ ގައުމުތަކުން ޔުކްރޭނަށް ހަތިޔާރު ފޮނުވައި ހަނގުރާމަ ހޫނުކުރުމަށް ވުރެ ގައުމުތައް އެކުވެ މަޝްވަރާއަށް ފުރުސަތު ހޯދައިދިނުން ބުއްދިވެރި ކަމަށް އިންޑިއާ ދެކެ އެވެ.