ދުނިޔެ

ޑެންމާކުން ޔުކްރޭނަށް ދިން ގިނަ ޓޭންކްތައް ހުރީ ހަލާކުވެފައި

ޑެންމާކާއި ޖަރުމަނުން ޔުކްރޭނަށް ހަދިޔާކުރި ލެޕާޑް ޓޭންކްތަކުގެ ތެރޭގައި ގިނައީ ބޭނުން ނުކުރެވޭ ހާލުގައި ހުރި ޓޭންކްތައް ކަމަށް ބުނާ ހަބަރުތަކެއް އާންމުވެއްޖެ އެވެ.

ލެޕާޑް ޓޭންކެއް ކަމަށް ބުނުމުން އޭގެ ކުޅަދާނަކަމާ މެދު ސިހިގެންދާ ވަރުގެ މި ޓޭންކްތަކުގެ ތެރޭގައި 1965 ގައި ބޭނުންކޮށްފައި ހުރި ޓޭންކް ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖަރުމަނުގެ އަސްކަރިއްޔާއިން މި ޓޭންކްތައް ބޭނުންކުރުން 2000 ގައި ވަނީ ހުއްޓާލާފަ އެވެ. އަދި މި ޓޭންކްތައް އެންމެ ފަހު ސާވިސްކޮށްފައިވަނީ 1980 ގައި ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.

ޑެންމާކާއި ޖަރުމަން އަދި ނެދަލޭންޑުން މި އަހަރުގެ ފެބްރުއަރީގައި، ޔުކްރޭނަށް ލެޕާޑް ޓޭންކް ފޮނުވުމަށް ނިންމައި ވަނީ 100 ޓޭންކް ފޮނުވަން އެއްބަސްވެފަ އެވެ.

ޔުކްރޭނަށް މި ޓޭންކްތައް ލިބުމުން ހަނގުރާމައިގައި ރަޝިއާ ބިރުގަންނަ ވަރު ކޮށްލެވޭނެ ކަމަށް ހުޅަނގުން ކުރިން ބުންޏެވެ. ނަމަވެސް ހަބަރުތައް ބުނާ ގޮތުން ޑެންމާކުން ފޮނުވި 20 ލެޕާޑް ޓޭންކް ތެރޭގައި 12 ޓޭންކެއްގައި ޓެކްނިކަލް މައްސަލަތައް ވަރަށް ގިނަ އެވެ. އަދި ފެކްޓަރީ ފެންވަރުގައި އަލުން މަރާމާތުކޮށްގެން ނޫން ގޮތަަކަށް ހަނގުރާމައިގެ މަައިދާނަށް އަރުވަން ކަމުދާ އުޅަނދުތަކެއް ނޫން ކަމަށްވެސް ޚަބަރުތައް ބުނެ އެވ.ެ

ޖަރުމަނުން ފޮނުވި ލެޕާޑް ޓޭންކްތަކު ތެރެއިން އެއްގޮތަކަށް ވެސް ބޭނުން ނުކުރެވިގެން 10 ޓޭންކެއް ޔުކްރޭނުން އަނބުރާ ފޮނުވާލި ކަމަށްވެ އެވެ.

ޖަރުމަނާއި ޑެންމާކް އަދި ނެދަލޭންޑުން ޔުކްރޭނަށް ފޮނުވީ ލެޕާޑް މަރުކާގެ ފުރަތަމަ ޖީލުގެ ޓޭންކްތަކެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ޓޭންކްތައް ޔުކްރޭނަށް ވެފައި ވަނީ ބޮޑު ބުރައަކަށެވެ. ބުނެވޭ ގޮތުގައި ޓޭންކްތަކުގެ ބަލިކަށިކަމާ ހެދި ޔުކްރޭން ސިފައިންނަށް ލިބޭނީ ބޮޑެތި އަނިޔާތަކެކެވެ.

ޔުކްރޭނުން އެދިފައިވަނީ ޒަމާނީ ހަތިޔާރު ފޯރުކޮށްދިނުމަށެވެ. އެކަމަކު ހުޅަނގުން ފޮނުވަނީ ބާވެގެން އެއްކައިރިކޮށްފައި ހުރި ހަތިޔާރެވެ. މިފަދަ ހަތިޔާރަކުން ޔުކްރޭނަށް ވާނެ އެއްވެސް މޮޅެއް ނެތް ކަމަށް އެ ގައުމުން ބުނެ އެވެ.

ހުޅަނގުން ޔުކްރޭނަށް ފޮނުވި ލެޕާޑް ޓޭންކްތަކުގެ ސަބަބުން އެ ގައުމަށް އެއްވެސް މޮޅެއް، ކާމިޔާބެއް ނުލިބޭ ކަމަށް ހަބަރުތައް ބުނެ އެވެ.

ރަޝިއާއިން ޔުކްރޭނަށް ދިން ހަމަލާތަކުގައި ލެޕާޑް މަރުކާގެ -- ފުރަތަމަ ޖީލާއި ދެވަނަ ޖީލުގެ ވަރަށް ގިނަ ޓޭންކް ހަލާކުވެފައި ހުރީތީ ހަބަރަށް ވަނީ އަރާފަ އެވެ.