ދުނިޔެ

ނޯޑް ސްޓްރީމް ގޭސް ހޮޅިތަކުގެ މައްސަލަ ސަލާމަތީ މަޖިލީހަށް

ރަޝިއާއިން ބޯލްޓިކް ކަނޑު އަޑިން ޔޫރަޕަށް ގޭސް ފޮނުވަން ޖަރުމަނަށް އަޅާފައި އޮންނަ ގޭސް ހޮޅިތައް -- ނޯޑް ސްޓްރީމް އެކެއް އަދި ނޯޑް ސްޓްރީމް ދޭކަށް ހަމަލާދީ ގޮއްވާލި މައްސަލާގައި އދ. ގެ ސަލާމަތީ މަޖިލީސް އެއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ނޯޑް ސްޓްރީމް ގޭސް ހޮޅިތަކުން އާދަޔާ ޚިލާފަށް ޕްރެޝަރު ދަށްވާކަން ގޭސް ހޮޅިތައް އޮޕަރޭޓްކޮށް ބަލަހައްޓާ އިދާރާ -- ނޯޑް ސްޓްރީމް އޭޖީއަށް ހޯމަ ދުވަހު ފާހަގަކުރެވުނެވެ. މިކަމާ ގުޅިގެން އަންގަން ޖެހޭ ފަރާތްތަކަށް ވަގުތުން އެކަން އެންގި ކަމަށް ވެސް އޮޕަރޭޓަރު ވަނީ ބުނެފަ އެވެ.

ޖަރުމަނާއި ޑެންމާކް އަދި ސްވީޑަން ބުނާ ގޮތުން ގޭސް ހޮޅިތަކާ ދިމާ ކަނޑު އަޑިން ގޮވި ގޮވުމަކީ ގުދުރަތީ ހާދިސާއަކުން ހިނގި ކަމެއް ނޫނެވެ. އެއީ ބިންހެލުމަކުން އަދި ފަސްގަނޑު ކަނޑައިގެން ދިއުމުން "ޓެކްޓޮނިކް ޕްލޭޓް"އަކަށް ލޮޅުންއެރި އަޑެއް ވެސް ނޫނެވެ.

ޔޫރަޕިއަން ޔޫނިއަނުން ގަބޫލުކުރަނީ ގޭސް ހޮޅިތަކަށް ދިނީ ބަޔަކު ގަސްދުގައި ދިން ހަމަލާއެއް ކަމަށެވެ. އަދި އެއީ ފިނި މޫސުމާ ދިމާކޮށް ޔޫރަޕް ގަނޑުކޮށްލުމުގެ ނިޔަތުގައި ބަޔަކުން ދިން ހަމަލާއެއް ކަމަށެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކުން ގަބޫލުކުރާ ގޮތުގައި އެއީ ރަޝިއާއިން ދިން ހަމަލާ އެކެވެ. އަދި އެއީ ރަޝިއާއިން ގަސްދުގައި ބަދަލުހިފުމުގެ ނިޔަތުގައި ދިން ހަމަލާއެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.

ރަޝިއާ ބުނާ ގޮތުން ރަޝިއާގެ ބޮލުގައި އެ މައްސަލަ އެޅުވުމަކީ ބޯގޯސްކަމެއް ކަމަށެވެ. އެވަރުގެ ފިނޑި މޮޔަކަމެއް ރަޝިއާ ނުކުރާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ފަނަރަ މެމްބަރުންގެ މައްޗަށް ގާއިމުވެފައި އޮތް ސަލާމަތީ މަޖިލީހުން ކުއްލި ބައްދަލުވުމެއް ބާއްވަނީ ރަޝިއާ އެދުމުގެ މަތިންނެވެ. ރަޝިއާގެ އެދުމަކީ ނޯޑް ސްޓްރީން ގޭސް ހޮޅިތައް ގޮވި ހާދިސާގައި ރަޝިއާގެ ބޮލުގައި އެޅިފައި އޮތް އިލްޒާމުން ސަލާމަތްވުމެވެ.

ނޯޑް ސްޓްރީމް ގޭސް ހޮޅިތަކުން މިހާރު ގޭހެއް ނުފޮނުވަ އެވެ. އެހެން ނަމަވެސް ގޭސް ފޮނުވަން ޖެހިދާނެ ކަމަށް ބަލައި ނޯޑް ސްޓްރީމް އެކަކާއި ނޯޑް ސްޓްރީމް ދޭއްގެ ހޮޅިތައް ފުރެންދެން ގޭސް ހުންނާނެ ކަމަށް އޮޕަރޭޓަރު ބުނެ އެވެ.

ގޭސް ހޮޅި ގޮވި ހިސާބުން ކަނޑުން ބޮކިޖަހާ ގޭސްތައް މައްޗަށް އަރާ މަންޒަރު ފެނެ އެވެ. މަޝްހޫރު ނޫސް އެޖޭންސީތަކުން އެ މަންޒަރު ވަނީ ފޮޓޯ ނަގައި ވީޑިއޯ ރެކޯޑްކޮށްފަ އެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި އެ ހިސާބުގައި މިހާރު ވަނީ ރައްކާތެރި ކަމުގެ ބޯޑަރެއް، ވަކި ދުރުމިނެއް ގާއިމުކޮށްފަ އެވެ. އެއަށް ވުރެ ކައިރިން -- ކަނޑުން ދަތުރުކުރާ ނަމަ ނުވަ ކިލޯ މީޓަރު ދުރުން އަދި ވައިގެ ތެރެއިން ދަތުރުކުރާ ނަމަ 1،000 މީޓަރު މަތިން ދަތުރުކުރަން އުޅަނދު އޮޕަރޭޓަރުންނަށް ވަނީ އަންގާފަ އެވެ.