ރަޝިޔާ

ނޯޑް ސްޓްރީމް ދޭއް ގޮއްވާލުމުން އެމެރިކާ ޖަވާބު ދޭންޖެހޭ

ނޯޑް ސްޓްރީމް 2 ގޭސް ހޮޅި ގޮއްވާލުމާ ގުޅިގެން އެމެރިކާއިން ޖަވާބު ދޭންޖެހޭ ސުވާލު އެބަހުރި ކަމަށް ރަޝިއާ އިން ބުނެފި އެވެ.

ރަޝިއާގެ ހާރިޖީ ވުޒާރާ އިން މިހެން ބުނެފައިވަނީ އެމެރިކާގެ އިންވެސްޓިގޭޓިވް ރިޕޯޓާ ސޭމޯ ހާޝް، ނޯޑް ސްޓްރީމް ދޭއްގެ ކަނޑުއަޑީ ގޭސް ހޮޅި ގޮއްވާލާފައިވަނީ އެމެރިކާ އިން ކަމަށް ތުހުމަތުކޮށް ލިޔުނު ރިޕޯޓާ ގުޅިގެންނެވެ.

ދުނިޔޭގެ އިހުތިރާމް ހޯއްދަވާފައިވާ ރިޕޯޓަރު ލިޔުއްވާފައިވަނީ ރަޝިއާ އިން ޖަރުމަނަށް ގޭސް ފޯރުކޮށްދިނުމަށް ކަނޑުއަޑީގައި އަޅާފައިވާ ނޯޑް ސްޓްރީމް ދޭއްގެ ގޭސް ހޮޅި ގޮއްވާލުމުގެ އޮޕަރޭޝަން އެމެރިކާގެ އަސްކަރިއްޔާ އިން ހިންގުމަށް ރައީސް ޖޯބައިޑަން ފެހި ސިގްނަލް ދެއްވާފައިވާ ކަމަށެވެ.

ރަޝިއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާން މާރިއާ ޒަހަރޯވާ ވިދާޅުވެފައިވަނީ ރިޕޯޓުގައިވާ "ހެކިތަކާ" ގުޅޭގޮތުން ސާފު މައުލޫމާތު އެމެރިކާ އިން ދޭންޖެހޭނެ ކަމަށެވެ.

ނަން ހާމަކުރަން ބޭނުން ނުވާ މީހަކާ ހަވާލާދީ ހާޝްގެ ރިޕޯޓުގައި ބުނެފައިވަނީ އެމެރިކާގެ ނޭވީގެ އަސްކަރީ ތަމްރީނެއްގައި، އެމެރިކާގެ އަސްކަރީ ޑައިވަރުން ލައްވައި، އަސްކަރީ ތަމްރީނެއްގައި ނޯޑް ސްޓްރީމް ދޭއްގެ ގޭސް ހޮޅި ގޮއްވާލުމުގެ ތިންމަސް ކުރިން ސީ ހަތަރެއްގެ ގޮވާތަކެތި ގޭސް ހޮޅީގައި ހަރުކޮށްފައިވާ ކަމަށެވެ.

ހާޝް ލިޔުއްވާފައިވަނީ އެމެރިކާ ގެ ރައީސް ޖޯ ބައިޑަން ދެކެވަޑައިގަތީ ރަޝިއާގެ މި ގޭސް ހޮޅިއަކީ ޔޫރަޕް ސަރަހައްދުގައި ރަޝިއާގެ އަތްގަދަކުރުމަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ކަމަށެވެ.

ރަޝިއާ އިން މީގެ ކުރިން އެއްވެސް ހެއްކަކާއިނުލައި ބުނެފައިވަނީ މި ގޭސް ހޮޅި ގޮއްވާލާފައިވަނީ ނޭޓޯ އާއި ނޭޓޯގެ މަދަދުގާރުންވެގެން ކަމަށެވެ. ނޯޑް ސްޓްރީމް ގޭސް ހޮޅި ދޭއް ގޮއްވާލުމުން ނޯޑް ސްޓްރީމް ގޭސް ހޮޅި އެކަކަށްވެސް މީގެ އަސަރުކޮށްފައިވެ އެވެ. މި ބިޔަ މަޝްރޫއަކީ ބޯލްޓިކް ކަނޑުއަޑިން ޖަރުމަނަށް ސީދާ ގޮތެއްގައި ގޭސް ސަޕްލައި ކުރުމަށް ގާއިމުކޮށްފައިވާ އެތައް ބިލިއަން ޑޮލަރެއްގެ އަގު ބޮޑު މަޝްރޫއެކެވެ.

ނޯޑް ސްޓްރީމް ގޭސް ހޮޅި ގޮއްވާލުމުގައި ހުޅަނގުގެ އޮފިޝަލުންގެ އަތެއްވާ ކަމަށް ދެކެވޭ ވާހަކަތައް ހުޅަނގުން ދަނީ ދޮގުކުރަމުންނެވެ.

"ވައިޓް ހައުސް އިން މި ހުރިހާ ހެކިތަކަށް ޖަވާބުދާރީވާންޖެހޭނެ،" އެމެރިކާއަށް ތުހުމަތުކޮށް ހާޝް ލިޔެފައިވާ ރިޕޯޓް ހުލާސާ ކުރަމުން ޓެލެގްރާމް ގައި ޒަހަރޯވާ ވިދާޅުވެފައިވެ އެވެ.

ވައިޓްހައުސް އިން މިހާތަނަށް ވަނީ މި ރިޕޯޓް ދޮގުކޮށްފަ އެވެ.

"މިއީ ބުހުތާނު ދޮގު އަދި ސީދާ ހިޔާލީ ވާހަކަ،" އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާން އެޑްރިއަން ވޮޓްސަން ވިދާޅުވެފައިވެ އެވެ. އެމެރިކާގެ ހާރިޖިއްޔާއިންވެސް ވަނީ މިމޭރުމުން ވާހަކަ ދައްކާފަ އެވެ.