ދުނިޔެ

ރަޝިއާ ބައިވެރިނުކޮށް ނޯޑް ސްޓްރީމްގެ ތަހުގީގު ކުރިއަށް

ނޯޑް ސްޓްރީމް ގޭސް ހޮޅިތަކަށް ގޮތް ނޭނގޭ ބަޔަކުން ދިން ހަމަލާތަކާ ގުޅިގެން ލިބުނު ގެއްލުންތައް ހޯދައި ތަހުގީގު ކުރުމުގައި ރަޝިއާގެ އެއްވެސް އެހީތެރިކަމެއް ބޭނުން ނޫން ކަމަށް ޑެންމާކާއި ސްވިޑަން އޮތީ ބުނެފަ އެވެ.

ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުގައި ނޯޑް ސްޓްރީމް ގޭސް ހޮޅިތަކަކީ ރަޝިއާ އެއްކޮޅު ހިފާފައި އޮތް ހޮޅިތަކެކެވެ. އަދި އެއީ ރަޝިއާގެ މަސްހަތު އޮތް ހަކަތައިގެ ނިޒާމެކެވެ.

ޕެސްކޯފް ވިދާޅުވި ގޮތުގައި ރަޝިއާގެ ޝާމިލުވުމެއް ނެތި ކުރާ ތަހުގީގެއް ކޮޅެއްގައި ޖައްސަން ދަތިވާނެ އެވެ. އަދި އެއީ އެއްގޮތަކަށް ވެސް ކުރެވިގެން ވާނެ ކަމެއް ނޫނެވެ.

އޭނާ ވިދާޅުވީ ޑެންމާކާއި ސްވިޑަން ސީދާ ބަހެއް ހިއްސާނުކުރާ ކަމަށެވެ. އިވުނެއް އަޑެއް ވިއްޔާ އިވެނީ މީޑިއާއިން -- ޓިވީ އާއި ރޭޑިއޯއިން ކަމަށެވެ.

ރަޝިއާއިން ބޯލްޓިކް ކަނޑު އަޑިން ޔޫރަޕަށް ގޭސް ޖަރުމަނަށް އަޅާފައި އޮންނަ ގޭސް ހޮޅިތައް -- ނޯޑް ސްޓްރީމް އެކެއް އަދި ނޯޑް ސްޓްރީމް ދޭކަށް ހަމަލާދީ ގޮއްވާލާފައި ވަނީ ޑެންމާކާއި ސްވިޑަންގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިންނެވެ.

އެެހެންކަމުން ޑެންމާކާއި ސްވިޑަންގެ ހުއްދަ އޮވެގެން ނޫން ގޮތަކަށް ރަޝިއާގެ ގޭސްޕްރޮމް އަދި ގޭސް ހޮޅީގެ ކޮންޓްރެކްޓަރުންނަށް ވެސް ގޭސް ހޮޅިއާ ގާތެއް ނުވެވޭނެ އެވެ.

ސްވިޑަންއިން ހަމަޖައްސާފައި އޮތީ އެ ގައުމުގެ ހުއްދައާ ނުލައި، އެ ހާދިސާ ހިނގި ހިސާބު ފަސް ނޯޓިކަލް މޭލަށް ވުރެ ގާތް ނުވެވޭ ގޮތަށެވެ.

ރަޝިއާ ބުނާ ގޮތުން ޑެންމާކާއި ސްވިޑަންއަށް އެކަނި އެ މައްސަލަ ބެލިގެން ނުވާނެ އެވެ. އަދި ބައިނަލްއަގްވާމީ ޓީމަކުން އެކަމުގައި ބައިވެރިވާން ވާނެ އެވެ.

ނޯޑް ސްޓްރީމް ގޭސް ހޮޅިތަކުން އާދަޔާ ޚިލާފަށް ޕްރެޝަރު ދަށްވާކަން ގޭސް ހޮޅިތައް އޮޕަރޭޓްކޮށް ބަލަހައްޓާ އިދާރާ -- ނޯޑް ސްޓްރީމް އޭޖީއަށް ސެޕްޓެމްބަރު 29 ގައި ވަނީ ފާހަގަ ކުރެވިފަ އެވެ.

އެއަށް ފަހު ބެލި ބެލުމުން ނޯޑް ސްޓްރީމް ގޭސް ހޮޅިތަކަށް ބަޔަކު ގަސްދުގައި ގެއްލުން ދީފައިވާ ކަމަށް ވަނީ ބެލެވިފަ އެވެ. މި މިއްސަ ޔޫރަޕިއަން ޔޫނިއަނުންނާއި އދ. އިން އަންނަނީ ބަލަމުންނެވެ.