ރަޝިއާ އަކީ އޭޝިއާ އަދި ޔޫރަޕާ ގުޅޭ ސަރަހައްދުގައި އޮތް ޔޫރަޕުގެ އެންމެ ބިޔަ ދައުލަތެވެ. އަންޒަމާޏުއްސުރެ ރަޝިއަން އެމްޕަޔަރަކީ މުޅި އެސަރަހައްދުގެ ބާރުވެރި ފަރާތެވެ. ނަމަވެސް ސަރަހައްދުގައި ހިނގާ ހަނގުރާމަތަކުގެ ސަބަބުން ރަޝިއަން އެމްޕަޔާގެ ބާރު ކެނޑި ސޯވިއެޓް ޔުނިއަންއަކަށް ބަދަލުވެ އެ ދައުލަތުގެ ބާރުވަނީ ހަނިވެގެން ގޮސްފަ އެވެ. އިއްޔެ މުޅި ސަރަހައްދުގެ އެމްޕަޔާ ކަމުގައި އޮވެފައި ސޯވިއެޓް ޔުނިއަންއަކަށް ބަދަލުވެ މިއަދު ހަމައެކަނި ރަޝިއާ އެވެ.
ކުރީގެ ސޯވިއެޓް ޔުނިއަން 1991 ގައި ރޫޅި އެތަކެއް އައު ގައުމުތަކެއް މިވަނީ އުފަންވެފަ އެވެ. އަދި އިހުނަށްވުރެވެސް ބޮޑަށް ހަގީގީ ރަޝިއާގެ ބާރުވެސް ވަނީ ކެނޑިގެން ގޮސްފަ އެވެ. ސޯވިއެޓް ޔުނިއަން ރޫޅުމަށްފަހު އެއިގެ ތެރެއިން އުފަންވި އެއް ގައުމަކީ ޔޫކްރޭން އެވެ. ޔޫކްރޭނަކީ ރަޝިއާގެ ނިއުކްލިއާ ހަތިޔާރުގެ 90 ޕަސެންޓް ހުރި ތަނެވެ. ނަމަވެސް އެ ހުރިހާ ނިއުކްލިއާ ހަތިޔާރުތަކެއް ފަހުން 1994 ގައި ވަނީ ރަޝިއާގެ ދަށަށް ގެންގޮސްފަ އެވެ. ޔޫކްރޭން އަކީ މިއަދު ނިއުކްލިއާ އެއްވެސް ބާރެއް ނެތް ގައުމެކެވެ.
ސޯވިއެޓް ޔުނިއަން ރޫޅުމާއެކު އުފެދިގެން އައި އައު ގައުމުތަކަކީ ނަސްލާއި ސަގާފަތާއި ގައުމިއްޔަތާއި ބަހުރުވައާއި ތާރީހާއި އަމިއްލަވަންތަކަން ޒަމާނުއްސުރެ ގެންގުޅެމުން އައިސްފައިވާ ބައެކެވެ. ސޯވިއެޓް ޔުނިއަންގެ ދަށުގައި އެކިޒަމާންތަކުގައި މި ބައިމީހުން އުޅެމުން އައިސްފައިވަނީ ރަޝިއަން އެމްޕަޔާ އަދި ފަހުން ސޯވިއެޓް ޔުނިއަން އަދި އެއަށްފަހު ރަޝިއާގެ ބާރުގެ ދަށުގަ އެވެ.
އަލަށް އުފެދުނު ގައުމުތަކުން އުޅެމުން އައި އުޅުމުގައި އެކި ޒަމާންތަކުގައި މިގައުމުތަކުގެ މީހުން އެބައި މީހުންގެ އަމިއްލަ މިނިވަން ވެރިކަމަކަށް ގޮވަމުން ވަނީ އައިސްފަ އެވެ. މިނިވަންކަމަށް ގޮވަމުން އައުމާ ވިދިގެން އަބަދުވެސް ރަޝިއާގެ ދައުލަތާއި މީގެތެރެއިން ބައެއް ގައުމުތަކާއި މައްސަލަޖެހި ބޮޑެތި ހަމަނުޖެހުން ހިނަގަމުން އަންނަތާ އެތަކެއް ޒަމާން ވަނީ ފާއިތުވެފަ އެވެ. އަނެއްބައި ގައުމުތަކުން ރަޝިއާ އާއި ގާތް ގުޅުމެއްވަނީ އުފައްދާފަ އެވެ. ގާތް ގުޅުމެއް ރަޝިއާ އާއެކު އުފެދިފައިވަނީ ރަޝިއާގެ ގައުމިއްޔަތާއި ގުޅިލާމެހިފައިވާ ގައުމުތަކެވެ.
އައު ގައުމުތަކެއް އުފެދިފައިވީ ނަމަވެސް ހަގީގަތަކީ ރަޝިއާގެ ތާރީހުގައި އޮތް ބިޔަ ބޮޑު ދައުލަތުގެ ބާރު އެގޮތުގައި ދެމިއޮތުމަށް މައި ރަޝިއާ އިން އަބަދުވެސް ފަހުރާއިއެކު ދެކެމުން އަންނަ އައުމެވެ. އެގޮތުން އަލަށް އުފެދުނު ގައުމުތަކާއި ރަޝިއާ އާއި ރަނގަޅު ގުޅުމެއް ދެމެހެއްޓުމަށް ރަޝިއާ އިން އަބަދުވެސް އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގައި އިދިކޮޅު ހަދާ ފަރާތްތަކާއި ރަޝިއާ އާއި ދެމެދު ނުތަނަވަސްކަން އަބަދުވެސް މިދަނީ ކުރިމަތިވަމުންނެވެ.
ފާއިތުވި ދުނިޔޭގެ ތާރީހުގައި ރަޝިއާގެ ބިޔަ ދައުލަތާއި ދެކޮޅަށް ނުވަތަ އެބާރު އާދަޔާއި ހިލާފަށް ބާރުގަދަވިޔަ ނުދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ދުނިޔޭގެ އެހެނިހެން ބާރުތަކުންވެސް އަންނަނީ ކުރަމުންނެވެ. އެހެންކަމުން އަލަށް އުފެދުނު ގައުމުތަކާއި ދުނިޔޭގެ އެހެނިހެން ބާރުތަކުން ހާއްސަކޮށް ހުޅަނގުގެ ބާރުތަކުން އަންނަނީ އެކަމަށްޓަކައި ގުޅުންތައް ގާއިމު ކުރަމުންނެވެ. އަދި މިކަމަކީ ޒަމާނުއްސުރެ ރަޝިއާ އިން ދެކޮޅު ހަދަމުން އަންނަ ކަމެކެވެ.
ނޭޓޯ ނުވަތަ ނޯތް އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން އުފެދިގެން އައީ މިދެންނެވި ބިޔަ ސޯވިއެޓް ޔޫނިއަންގެ ބާރު އޮބަހެއްޓުމަށެވެ. އަދި އެކަމާ ދެކޮޅަށް ވޯސޯ ޕެކްޓް ނަމުގައި އެއާ އެއްވަރެއްގެ ޖަމާއަތެއް ރަޝިއާ އިންވެސް އޭރުވަނީ ގާއިމުކޮށްފަ އެވެ. ރަޝިއާގެ ފަޅިއަށް އެރި ގައުމުތަކުގެ ތެރޭގައި ރުމޭނިއާ، ޕޮލެންޑް، ޗެކޮސްލާވާކިއާ، އީސްޓް ޖާމަނީ، ހަންގޭރީ، އަލްބޭނިއާ އަދި ބަލްގޭރިއާ ފަދަ ގައުމުތައް ހިމެނެ އެވެ.
ނަމަވެސް 1991 ގައި ސޯވިއެޓް ޔުނިއަން ރޫޅި ވޯސޯ ޕެކްޓް ނުވަތަ ރަޝިއާގެ ނުފޫޒު އިންތިހާއަށް ކުޑަވެގެން ދިޔަ އެވެ. އެކަމަކު ނޭޓޯ އޮތީ އޮތް ގޮތަށެވެ. ސޯވިއެޓް ޔުނިއަން ރޫޅި ރަޝިއާގެ ބާރު ކުޑަވިޔަސް ނޭޓޯ އިން ދުލެއް ދީފަ އެއް ނުވެ އެވެ. އެގޮތުން މިހާތަނަށްވެސް ނޭޓޯ ގެ މަސައްކަތް ފުޅާކުރަމުން އައިސް ސޮވިއެޓް ޔުނިއަން ރޫޅި އަލަށް އުފެދުނު ގައުމުތައްވެސް އެންމެފަހުން މި ޖަމާއަތަށް ވައްދައި ފުޅާކުރަމުން އައުމަކީ ރަޝިއާ އެންމެ ބޮޑަށް ހިތްހަމަނުޖެހޭ އެއް މައްސަލަ އެވެ.
ރަޝިއާ އިން ދެކޭ ގޮތުގައި ރަޝިއާގެ ބާރު ކުޑަވުމަށްފަހު ނޭޓޯ ފުޅާކުރުމުގެ މަސައްކަތަކީ ރަޝިއާގެ ސަލާމަތަށް އޮތް ބިރެކެވެ. ރަޝިއާ އިން ބުނާގޮތުގައި ސޯވިއެޓް ޔުނިއަން ރޫޅޫމަށްފަހު ރަޝިއާގެ ބާރު ކުޑަވެފައިވާތީ ނޭޓޯގެ ދައުރެއް އޮތުމަކަށް މުހިންމެއްވެސް ނޫނެވެ. ނަމަވެސް ޔޫރަޕާއި މުޅި ހުޅަނގުން ދުށްގޮތުގައި ނޭޓޯ އަކީ ޔޫރަޕުގެ ރައްކާތެރިކަމަށް މުހިންމު ޖަމާއަތެކެވެ. ދެފަރާތުން ދެކެން ފެށި މިފަދަ ތަފާތު ނަޒަރިއްޔާތާއި ހެދި މިވަނީ ހާއްސަކޮށް ރަޝިއާ އަށް އެގައުމުގެ ރައްކާތެރިކަމާމެދު ޝައްކާއި ވަހުމް އުފެދިފަ އެވެ. އަދި ރަޝިއާގެ ސަލާމަތަށް މަސައްކަތް ކުރަން ވަކިން ހާއްސަކޮށް މި ހިސާބުން އެގައުމުން ވަނީ ފަށާފަ އެވެ. މި ދެންނެވީ ކުރުގޮތަކަށް ރަޝިއާ އާއި ދުނިޔޭގެ އެހެން ބާރުތަކާއި ދެމެދު އުފެދުމުން އައި އަދި މިއަދުވެސް އެކަމުގެ ސަބަބުން ދިމާވަމުންދާ މައްސަލަތަކެވެ.
މިފަދަ ކަންކަން މިހެން ހުރުމާއެކު، ކުރިންވެސް ދެންނެވިހެން ސޯވިއެޓް ޔުނިއަން ރޫޅުމަށްފަހު އަލަށް އުފެދުނު ގައުމުތަކާއެކު ގާތް ގުޅުމެއް ރަޝިއާ އިން ބޭއްވުމަށް އިސްކަންދޭހިނދު ޔޫކްރޭނުގައި އަބަދުވެސް ރަޝިއާ ރުހޭ ސަރުކާރެއް އޮތުމަށް ރަޝިއާ އިން ބޭނުންވެ އެވެ. މިހަގީގަތް މިހެން އޮވެމެ ޔޫކްރޭނުގައި 2014 ގައި އޮތް ރަޝިއާ އާއި ގާތްގުޅުމެއް އޮތް ޑިމޮކްރެޓިކް ސަރުކާރާ ދެކޮޅަށް ޔޫރޯމައިދާން ހަޅުތާލުކޮށް ބަޣާވާތަކުން ވިކްޓަ ޔަނުކޮވިޗްގެ ވެރިކަން ވައްޓާލައި ހުޅަނގާއި ގާތް ނަމަވެސް ފަހުން ރަޝިއާ ކޮޅަށް ދީލާލާފައިވާ ޕެޓްރޯ ޕޮރޮޝެންކޯގެ ސަރުކާރެއް ގާއިމުކުރުވެނުވެ. އެހިސާބުން އީޔޫ މެންބަރަކަށް ޔޫކްރޭންވުމުގެ މަސައްކަތް އޭނާ ފެށި އެވެ.
ޕޮރޮޝޮންކޯގެ ސަރުކާރާ އެންމެ ބޮޑަށް އިދިކޮޅު ހަދައި މުޒާހަރާ ކުރަމުން ގެންދިޔަ އެއްބަޔަކީ ރަޝިއާ ޔޫކްރޭން ބޯޑަރު ސަރަހައްދުގައި އޮންނަ ދޮންބާސް ސަރަހައްދުގައި ހިމެނޭ ޑޮންޔެސްކް އަދި ލުހާންސްކްގެ ރައްޔިތުންނެވެ. އެއީ ޔޫކްރޭންގެ ސަރަހައްދު ވިޔަސް މި ދެ ސިޓީގައިވެސް އުޅެނީ ރަޝިއާ ބަހުން ވާހަކަދައްކާ އަދި ރަޝިއާގެ ނަސްލުގެ މީހުން ކަމަށްވާތީ އެމީހުންގެ ނުފޫޒު ވަރުގަދައަށް ގާއިމުކުރުމުގެ މަސައްކަތް ހިނގަމުން އަންނަ ސަރަހައްދެކެވެ.
ޕޮރޮޝޮންކޯ ވެރިކަމަށް އައުމަށްފަހު ޑޮންޔެސްކް އަދި ލުހާންސްކް އަށް އަސްކަރީ ގޮތުން ވަރުގަދަ ހަމަލާތަކެއްދީ މި ދެސިޓީ ހަންމަތަކުރުމުގެ މަސައްކަތް ފެށިއެވެ. ދޮންބާސްގެ މިސަރަހައްދުގައި މި ހަމަނުޖެހުން 2014 އިން ފެށިގެން މިއަދާއި ހަމައަށްވެސް މިއަންނަނީ ހިނގަމުންނެވެ. އަދި މި ހަމަނުޖެހުން ހުއްޓުވުމަށް ރަޝިއާ އާއި ޔޫކްރޭނާ ދެމެދު މިންސްކްގައި ވާހަކަ ދެކެވި އެއްބަސްވުމެއް ގާއިމުކުރެވުނެވެ. މިއަދު ރަޝިއާ އިން ދެކެނީ މި އެއްބަސްވުމަކީ މިމައްސަލަ ދިގުދަންމައި ރަޝިއާގެ ސަލާމަތަށް ނުރައްކާ ކުރުމަށް ގަސްތުގައި ހުޅަނގުން ހިންގި ކަންތައްގަނޑެއް ކަމަށެވެ.
ޔޫރޯމައިދާންގެ ވަރުގަދަ ހަޅުތާލުތައް 2014 ގައި ހިނގަމުން ދަނިކޮށް ޑޮންޔެސްކް އަދި ލުހާންސްކް އިން ޔޫކްރޭނުން ވަކިވިކަމަށް އިއުލާން ކުރި އެވެ. އަދި މި ހަޅުތާލު ހިނގަމުން ދަނިކޮށް ޔަނުކޮވިޗް ގައުމު ދޫކޮށް ފިއްލަވައި ރަޝިއާއަށް ހިޖުރަކުރި އެވެ. އެވަގުތުގައި ރަޝިއާ ނަސްލު މީހުން ދިރިއުޅޭ ކްރީމިއާ ވެސް ޔޫކްރޭނުން ވަކިވެ ރަޝިއާގެ ފުރިހަމަ ބާރުގެ ދަށަށް އައެވެ. މިކަމާ ގުޅިގެން އީޔޫ އަދި އދ އިން އެކަން ވަނީ ކުށްވެރިކުރިކޮށްފަ އެވެ.
2014 އިން ފެށިގެން އިރުމަތީ ޔޫކްރޭނާއި ރަޝިއާ ބޯޑަރު ސަރަހައްދުގައި މި ހަމަނުޖެހުން ހިނގަމުން އައިސް 2019 ވަނަ އަހަރު އެކަން ނިމުމަކަށް ގެނެސް ކޮރަޕްޝަން ހުއްޓުވާނެކަމުގެ ވައުދާއެކު ޔޫކްރޭންގެ އައު ރައީސް ކަމަށް ލަޑީމިއާ ޒެލެންސްކީ ވަޑައިގަތެވެ.
ޔޫކްރޭނުގެ ނެޝަނަލިސްޓުން އަބަދުވެސް ކުރަމުން އަންނަ އީޔޫއާ ގުޅުމުގެ މަސައްކަތް ޒެލެންސްކީ އައުގިއަރަކަށް ޖެއްސެވި އެވެ. އަދި އީޔޫއާ ޔޫކްރޭން ގުޅުމުގެ ވާހަކައިން ޔޫކްރޭން ނޭޓޯއާ ގުޅުމަށް ބާރުއެޅިގެންދާތީ ރަޝިއާ އިން ޑިސެމްބަރު 2021 ގައި ޔޫކްރޭން، ނޭޓޯގައި ބައިވެރިކޮށްގެން ނުވާނެ ކަމަށް ކަމާ ގުޅޭ ފަރާތްތަކަށް އެންގި އެވެ. އަދި އެކަމަކީ ރަޝިއާގެ ސަލާމަތަށް ނުރައްކާ އޮތްކަމެއްކަމަށް ދެކޭކަމަށް ތަކުރާރުކޮށް ބުނަމުން ގެންދިޔަ އެވެ. އެމެރިކާ އާއި އީޔޫ އިން ނޭޓޯ ފުޅާކުރުމައިގެން ކުރިއަށް ދާނެ ކަމަށް ބުނެ ރަޝިއާގެ ހުށަހެޅުމާ ދެކޮޅު ހަދަމުން ދިޔަ އެވެ. އެއާއެކު ޔޫކްރޭން، ރަޝިއާ ސަރަހައްދުގެ ބޯޑަރަށް އެތައް ހާސް ސިފައިން ރަޝިއާ އިން ޖަމާކުރި އެވެ.
ފެބްރުއަރީ 21، 2021 ވަނަ ދުވަހު ޑޮންޔެސްކް އަދި ލުހާންސްކް ސަރަހައްދުތަކަކީ މިނިވަން ދެ ދައުލަތް ކަމަށް ރަޝިއާ އިން ގަބޫލުކުރާ ކަމަށް އިއުލާން ކުރި އެވެ. އަދި ސުލްހަ ގާއިމުކުރުމަށް އެ ސަރަހައްދަށް ރަޝިއާ ސިފައިން ފޮނުވި އެވެ. ރަޝިއާ ސިފައިން ދޮންބާސްގައި ހަރަކާތްތެރިވާން ފެށުމާއެކު ޔޫކްރޭނުން ރަޝިއާ އާއި ސިޔާސީ ގުޅުން ކަނޑާލި އެވެ.
އޮކްޓޯބަރު 5، 2022 ގައި ޑޮންޔެސްކް، ލުހާންސްކް، ހާސަން އަދި ޒަޕޮރީޝިއާގައި ހިޔާލު ހޯދުމުގެ ވޯޓް ނަގައި އެ ތަންތަނުން ރަޝިއާގެ ބާރުގެ ދަށުގައި ތިބުމަށް ނިންމި އެވެ. އެއާ ވިދިގެން ރަޝިއާ އިން އެތަންތަން އެގައުމުގެ ބައެއްގެ ގޮތުގައި ކަނޑައެޅި އެވެ. ހުޅަނގުން ރަޝިއާގެ މިއަމަލު ސިފަކުރީ ބޮޑު އޮޅުވާލުމެއްގެ ގޮތުގަ އެވެ. އަދި ވަގުތުން ފެށިގެން އިގްތިސޯދީ ގޮތުން ރަޝިއާ އަށް ދަތިކުރުމުގެ އެތަކެއް ފިޔަވަޅެއް އަޅައި ތަންފީޒް ކުރަން ފެއްޓި އެވެ.
ދޮންބާސްގެ މި ސަރަހައްދު ރަޝިއާގެ ދަށުގައި ބޭއްވުމުގެ ހުރިހާ އަސްކަރީ ބާރެއް ރަޝިއާއިން ދަނީ މިވަގުތު ބޭނުންކުރަމުންނެވެ. އަދި ހަމަ މިސަރަހައްދު ޔޫކްރޭން ދަށުގައި ބޭއްވުމަށް ޔޫކްރޭނުން ކުރަމުން ގެންދާ މަސައްކަތަށް ނޭޓޯ އާއި އީޔޫ އިން ދަނީ އަސްކަރީ އަދި މާލީ އެހީ ފޯރުކޮށް ދެމުންނެވެ. މިހާތަނަށް 160 ބިލިއަން އެމެރިކާ ޑޮލަރު މި ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމައަށް ހުޅަނގުން ހޭދަކޮށްފައިވެ އެވެ.
ހަނގުރާމައިގެ ތެރޭގައި ބްލެކް ސީގައި އޮންނަ ކްރީމިއާ އާއި ރަޝިއާ ގުޅުވާލަދޭ ފާލަމަށް ހަމަލަދީ އެތައް ގެއްލުން އެ ފާލަމަށް ދީފައިވާއިރު ރަޝިއާ އިން ޖަރުމަނަށް ގޭސް ފޯރުކޮށްދިނުމަށް ކަނޑު އަޑިން އަޅާފައިވާ ނޯޑްސްޓްރީމްދޭއް ގެ ގޭސް ހޮޅި ވަނީ މިހަނގުރާމައިގައި މިހާތަނަށް ގޮއްވާލާފަ އެވެ. އަދި އެތަކެއް ހާސް ސިފައިންނާއި އާންމުން މަރުވެ ބޮޑެތި އެތަކެއް ގެއްލުންތަކެއް އެ ސަރަހައްދާއި ޔޫކްރޭނަށް އަދި ރަޝިއާ އަށްވެސް ދަނީ ލިބެމުންނެވެ.
ކްރީމިއާ އޮންނަ ބްލެކް ސީ އަކީ އަސްކަރީ މަރުކަޒެއް އެތަނުގައި ގާއިމުކުރާ ބަޔަކަށް އަސްކަރީ ގޮތުން ބޮޑެތި ފައިދާ ކުރާނެ ތަނަކަށްވާއިރު ރަޝިއާ އިންވެސް އަދި ނޭޓޯ އާއި އީޔޫ އަށްވެސް އެތަނުގެ މުހިންމުކަން ވަނީ ބޮޑުވެފަ އެވެ. ދޮންބާސްގެ ސަރަހައްދަކީ ރަޝިއާއިން ކްރީމިއާގެ ބާރު ދެމެހެއްޓުމަށް މުހިއްމު ތަނަކަށްވެފައިވާއިރު މުޅި ޔޫރަޕްގެ ސަލާމަތަށް ނުރައްކާ ކުރުމުގެ ފުރުސަތު ކްރީމިއާގެ ބާރު އޮންނަ ބަޔަކަށް ލިބިގެންދާނެ އެވެ.
އީޔޫގެ ސަލާމަތް އީޔޫ އަށް ހޯދުމަށް މުހިއްމުވެފައިވާއިރު ރަޝިއާއަށް ރަޝިއާގެ ސަލާމަތް ހޯދުންވެސް މުހިއްމެވެ. އެހެންވެ ކްރީމިއާ އަދި ދޮންބާސް ސަރަހައްދު މިވަނީ ދެބައި މީހުންނަށްވެސް ނުހަނު މުހިއްމު ތަނަކަށްވެފަ އެވެ.
ރަޝިއާ އީޔޫ ގުޅުން ހީނަރުވެފައިވާއިރު އެމެރިކާއިން ދަނީ އީޔޫގެ ނުވަތަ ނޭޓޯގެ ބާރު ދެމެހެއްޓުމަށް ހުރިހާ މަސައްކަތެއް ކުރަމުންނެވެ. އެހެންކަމުން ދުނިޔޭގެ އެންމެ ބާރުގަދަ ނިއުކްލިއާ ހަތިޔާރު ހުރި މި ދެބައި މީހުންގެ ދެމެދުގައި ނުސީދާކޮށ ހިނގަމުންދާ ވަރުގަދަ ނުރައްކާތެރި ހަނގުރާމަ، އެހެން ހަރުފަތަކަށް ހިނގައިދާނެ ކަމުގެ ބިރުވެރިކަން މިހާރު ވަނީ އުފެދިފަ އެވެ.