އިޒުރޭލާއި ފަލަސްތީނުގެ އަރައިރުން

އިޒުރޭލުން އާބާދުކުރުން އިތުރުކުރުމަކީ ބައިޑަންއަށް އިމްތިހާނެއް

ފަލަސްތީނުގައި އިޒްރޭލުން ހިފާފައިވާ ބިންތަކުގައި ގެދޮރު ބިނާކުރަމުންދާތީ އެމެރިކާގެ ރައީސް ބައިޑަން އަށް އިމްތިހާން ތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކަން މިދިޔަ މަހު އިޒްރޭލަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައިވަނީ އިޒްރޭލުން ހިފާފައިވާ ބިންތަކުގައި އިތުރަށް ގެދޮރު ބިނާކުރުން ގާނޫނު ތެރެއިން ހުއްދަކުރަން ކުރާ މަސައްކަތާއި ރައީސް ބައިޑަންގެ ސަރުކާރުން ދެކޮޅު ހަދާނެ ކަމަށެވެ.

މިހެން ވިދާޅުވިތާ ގިނަ ދުވަހެއް ނުވަނީސް މިދިޔަ އާދީއްތަ ދުވަހު އިޒްރޭލުގެ ކަނާއަތުފިޔައިގެ ހަރުކަށި ސަރުކާރުން ނިންމާފައި މިވަނީ ބްލިންކަންގެ ވިދާޅުވުމާ ދިމާ އިދިކޮޅަށް ސީދާ ގެދޮރު ބިނާކުރުމައިގެން ކުރިއަށް ދިއުމަށެވެ. މިދިޔަ އާދީއްތަ ދުވަހު އިޒްރޭލުގެ ކެބިނެޓުން ނިންމާފައިވަނީ މީގެ ކުރިން ބިނާކޮށްފައިވާ ނުވަ ޔަހޫދީ އިމާރާތަކަށް ގާނޫނީ ބާރުވެރިކަން ހޯދައިދީ އަދި މިހާރުވެސް އާބާދުކޮށްފައިވާ ތަނުގައި އިތުރު 1000 ގެދޮރު ހުޅަނގުއައްސޭރީގައި ބިނާކުރުމަށެވެ.

އިޒްރޭލުގެ ހަރުކަށި މާލީ ވަޒީރު ބިޒާލިލް ސްމޮޓްރިޗް އަދި ނެޝަނަލް ސެކިއުރިޓީ ވަޒީރު އިތްމާރު ބެންވީރް ވަނީ ފަލަސްތީނުން ދައުވާ ކުރާ ބިންތަކުގައި ޔަހޫދީ އާބާދީތައް ފުޅާކުރުމުގެ މަސައްކަތް ދެގުނަކޮށްފަ އެވެ.

އިޒްރޭލުގެ އޮފިޝަލަކު ވަނީ އިޒްރޭލުގެ ކެބިނެޓްގެ ނިންމުން ނިންމުމުގެ ކުރިން އެމެރިކާއަށް ކުރީބައިގައި މި ނިންމުމާ ގުޅޭގޮތުން އަންގާފައިވާނެ ކަމަށް ވިދާޅުވެފަ އެވެ. އެމެރިކާގެ އޮފިޝަލުންނާ މިކަމާ މަޝްވަރާ ކުރިތޯ އެއީ ސުވާލު އުފެދިފައިވާ ކަމަކެވެ.

މިދިޔަ ހޯމަ ދުވަހު އެމެރިކާގެ ހާރިޖިއްޔާ އިން ބުނެފައިވަނީ އިޒްރޭލުގެ މި ނިންމުމާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. އެއިގެ އަނެއް ދުވަހު ބްލިންކަން ވަނީ ޖަރުމަން، ފްރާންސް، އިޓަލީ އަދި އިނގިރޭސިވިލާތާއެކު ގުޅިގެން ނެރެފައިވާ ބަޔާނެއްގައި އެކަން ކުށްވެރިވެސް ކޮށްފަ އެވެ.

އެމެރިކާ އިން ބުނެފައިވަނީ އިޒްރޭލުގެ އޮފިޝަލުންނާ ވަރަށް ފުންކޮށް މިކަމާ މަޝްވަރާ ކުރަމުންދާ ކަމަށާއި އަދި އެމެރިކާގެ ކަންބޮޑުވުން ހިއްސާކޮށްފައިވާ ކަމަށެވެ.

މެދުއިރުމަތީގެ މައްސަލައިގައި އެމެރިކާ އިން މީގެ ކުރިން މަޝްވަރާތަކުގައި ބައިވެރިވި އާރޮން ޑޭވިޑް މިލާ އަދި މިހާރު ކާނެޖީ އެންޑޯމަންޓް ފޯ އިންޓަނޭޝަނަލް ޕީސްގެ ސީނިއަ ފެލޯ ވިދާޅުވެފައިވަނީ ބައިޑަންގެ ބަސްފުޅާއި އަމަލުކުރާ ގޮތާއި ދެމެދުގައިވާ ފަރަގު ބޮޑުވަމުންދާ ކަމަށެވެ.

"ބައިޑަންގެ ސަރުކާރުން މި މައްސަލަ ހައްލުކުރަން ސީރިއަސްކޮށް ބޭނުންވާނަމަ އެމީހުން ހުސްއެކަނި ގަދަބަސް ބުނުމުގެ އިތުރަށް މަސައްކަތް ކުރަންޖެހޭ،" މިލާ ވިދާޅުވެފައިވެ އެވެ.

އެހެންނަމަވެސް ބައިޑަން، ހާރިޖީ މުހިއްމު އެހެނިހެން ސިޔާސަތާއި އަދި ރިޔާސީ އިންތިހާބަށް ދެވަނަ ދައުރަކަށް ކުރިމަތިލާންޖެހިފައިވާތީ ބޮޑުވަޒީރު ނަތަންޔާހޫއާ ފާޅުގައި ދެކޮޅުވެރިވުމަކަށް ދިއުމަށް މިވަގުތު ބޭނުމެއް ނުވެ އެވެ.

އެމެރިކާއިން ވަނީ ހަރަމް އަލް ޝަރީފް އަށް މިހާރުވެސް އޮތް ގޮތާއި އަދި ހުޅަނގުއައްސޭރީގެ އޭރިއާ ސީ އިން އެއްވެސް ބައެއްގައި އިޒްރޭލުން އާބާދުވުމުގެ މަސައްކަތް ކުރިއަށް ނުގެންދާނެ ކަމުގެ ޔަގީންކަން ހޯދާފަ އެވެ. މި ދެކަމުން ކުރެ ކަމަކާއި ހިލާފްވިޔަސް އިޒްރޭލަށް އެމެރިކާއިން ފިޔަވަޅު އެޅުމަށް މަޖުބޫރުވާނެ ކަމަށާއި އެގޮތުން އެންމެ ގާތީ ބައިނަލްއަގުވާމީ ފޯރަމްތަކުގައި އިޒްރޭލު ހިމާޔަތް ކުރަމުން ދިއުން ހުއްޓާލުމުގެ އިންޒާރު ދިނުން ކަމަށެވެ.

އިޒްރޭލުން ހިފާފައިވާ ބިންތަކުގައި އާބާދުވުން އެކީއެކަށް ހުއްޓާލުމަށް ގޮވާލައި އަރަބި އެމިރޭޓްސް އިން ޑްރާފްޓްކޮށްފައިވާ ގަރާރަށް އދގެ ސެކިއުރިޓީ ކައުންސިލްގޤީ އަންނަ ހޯމަ ދުވަހު ވޯޓަށް އެހުން އޮންނާނެ އެވެ. އެމެރިކާ އިން ވީޓޯ ކުރުމުގެ ބާރު އޮންނަ 15 މެންބަރުންގެ މަޖިލީހުގެ ހަމަ މިފަދަ ވޯޓެއްގައި 2016 ވަނަ އަހަރު އެމެރިކާ އިން ވަނީ އެ ވޯޓުގައި ބައިވެރި ނުވެފަ އެވެ.

އެމެރިކާ އިން މީގެ އިތުރުންވެސް ނުރުހުން ފާޅުކުރެވޭނެ ގޮތަކީ މިއަހަރު ކުރީކޮޅު ބޮޑުވަޒީރު ނަތަންޔާހޫ ވޮޝިންޓަނަށް ވަޑައިގަތުމަށް ދައުވަތު ނޭރުވުމެވެ. ހީކުރެވިފައިވާ ގޮތާއި ހިލާފަށް މިދިޔަ މަހު ބްލިންކަން އިޒްރޭލަށް ކުރެއްވި ދަތުރުފުޅުގައި ބޮޑުވަޒީރު ނަތަންޔާހޫ ވޮޝިންޓަނަށް ވަޑައިގަތުމަށް ދައުވަތު އަރުއްވާފައެއް ނުވެ އެވެ.