ދުނިޔެ

ސަލާމަތީ މަޖިލީޙުގެ ވޯޓާ ދިމާކޮށް ޣައްޒާ ހަމަލާތައް ވަރުގަދަކުރަނީ

ޒަޔަނިސްޓް ޔަހޫދީ އަސްކަރިއްޔާ އިން ފަލަސްތީންގެ ޣައްޒާއަށް ދެމުން ގެންދާ ފަނާކުރަނިވި ހަމަލާތައް ފުޅާކޮށް ވަރުގަދަކުރާނެ ކަމަށް ބުނެފި އެވެ.

މިއީ އދގެ ސަލާމަތީ މަޖިލީހުގައި -- ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަލާތައް މެދުކަނޑާލުމާ ބެހޭ ގޮތުން -- ނަގަން މަސައްކަތްކުރާ ވޯޓަށް ގޮންޖެހުމަށް ޒަޔަނިސްޓު ޔަހޫދީން ދިން އިންޒާރެކެވެ.

ހަމާސް ޖަމާއަތާއި ޒަޔަނިސްޓް ޔަހޫދީންނާ ދެމެދު ޣައްޒާގައި ބަދަލުކުރަމުން ގެންދާ ހަމަލާތައް ދެވަނަ ފަހަރަށް މެދުކަނޑާލުމަށް ދަނީ މަޝްވަރާ ކުރެވެމުންނެވެ.

ގަތަރާއި މިސްރާއި ސައޫދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އިސްނަގައިގެން ކުރިއަށް ގެންދާ މަޝްވަރާތައް ކޮޅެއްގައި ޖެހުނަސް އަދި ނުޖެހުނަސް އދގެ ސަލާމަތީ މަޖިލީހުގައި ޣައްޒާ ގަރާރަށް ބަހުސްކުރާނެ އެވެ.

މި ގަރާރު ކުރިއަށް ގެންދިއުމަށް އެކި ފަހަރު މަތިން ތާވަލުކުރުމަށްފަހު ތާރީޚް މިހާރު އޮތީ ފަސްކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޒަޔަނިސްޓުންނަށް ކަމުނުދާ ނުކުތާއަކަށް ބަހުސްކުރެވޭނަމަ އެމެރިކާއިން މި ގަރާރަށް ހުރަސްއަޅާނެ އެވެ. އަދި ވޯޓުގެ މަރުހަލާގައި ވީޓޯކޮށް ގަރާރު ބާތިލުކުރާނެ އެވެ.

ޒަޔަނިސްޓް ޔަހޫދީން ޣައްޒާއަށް އެއްގަމު މަގުން އަރައިގަނެ ހިންގަމުން ގެންދާ އޮޕަރޭޝަންގައި -- ޣައްޒާގެ އުތުރުން ބޮޑު ބައެއް މިހާރުވެސް އޮތީ ޔަހޫދީ އަސްކަރިއްޔާގެ ބާރުގެ ދަށުގަ އެވެ.

ޔަހޫދީންގެ ވިސްނުމަކީ ޣައްޒާގައި ވަނުން މަނާ ސަރަހައްދެއް ގާއިމުކޮށް ދިގު މުއްދަތަކަށް ޔަހޫދީންގެ ބާރުގެ ދަށުގައި ބޭއްވުމެވެ.

ޣައްޒާއަށް މިހާރުވެސް ދެމުން ގެންދާ ހަމަލާތައް ފުޅާކުރުމަށްޓަކައި ޣައްޒާގެ މެދުތެރޭގައި ތިބި އާންމުން އެ ސަރަހައްދު ދޫކޮށް ދިއުމަށް ޒަޔަނިސްޓުން ދަނީ އިންޒާރު ދެމުންނެވެ.

ޒަޔަނިސްޓުންގެ ޔަހޫދީ ރޭވުމަކީ ފަލަސްތީން ރައްޔިތުން މިގޮތަށް ފަހަމުން ގެންގޮސް މިސްރަށް ނުވަތަ އުރުދުންއަށް ވެއްދުމެވެ.

ޒަޔަނިސްޓް ޔަހޫދީންގެ މި ވިސްނުމަށް މިސްރާއި އުރުދުންގެ އެއްވެސް ތާއީދެއް ނެތެވެ. އަދި މިފަދައިން އަމަލުކޮށްގެން ނުވާނެ ކަމަށްވެސް މިސްރާއި އުރުދުން އިން ވަނީ ހާރިޖީ ސިޔާސަތުގެ ތެރެއިން ޒަޔަނިސްޓުންނަށް އަންގާފަ އެވެ.

ޒަޔަނިސްޓް ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ޣައްޒާގައި ހިންގަމުން ގެންދާ އޮޕަރޭޝަންގެ އަމާޒަކީ ހަމާސްގެ ޒަމާން ދުއްވާލުމެވެ. ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރަނީ ހަމާސް ނައްތާލުމަށް ވުރެ ފަލަސްތީންގެ ބިންތައް ޔަހޫދީންނަށް މާމުހިންމު ކަމަށް އެ މީހުން ދެކޭ ކަމަށެވެ.