ދުނިޔެ

ޣައްޒާ ހަނގުރާމަ ހުއްޓުވަން ބާރުއަޅާނަން: ގަތަރު

ޣައްޒާ ހަނގުރާމަ ހުއްޓުވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ގަތަރުގެ ބޮޑުވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަޙްމާން އައްސާނީ ވިދާޅުވެއްޖެ އެވެ.

ގަތަރަކީ ޣައްޒާ ހަނގުރާމަ ފެށުނީއްސުރެ ހަނގުރާމާ ހުއްޓުވުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ އެއް ގައުމެވެ.

ހަމާސްއާ ޒަޔަނިސްޓުންނާ ދެމެދުގައި މަޝްވަރާތައް ބޭއްވުމާއި، އިންސާނީ އެހީތެރިކަން ޣައްޒާއަށް ފޯރުކޮށްދިނުމުގައިވެސް ގަތަރުން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ.

ޣައްޒާ ހަނގުރާމާ ހުއްޓުވުމަށާއި ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އެންމެ ގިނަ މަސައްކަތްތަކެއް -- ބައިނަލްއަގްވާމީ ގޮތުން ކޮށްފައިވަނީ ސައޫދީ، ޔޫއޭއީ، ގަތަރު އަދި މިސްރުންނެވެ.

ތުރުކީ އަދި އުރުދުން އަކީ ވެސް ފަލަސްތީނަށްޖެހޭ ކޮންމެ ކަމެއްގައި ވަކާލާތުކޮށް ފަލަސްތީންގެ އަޚުންނާއި އުޚުތުންގެ ހައްގުތައް ހިމާޔަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާ ދެ ގައުމެވެ.

ގަތަރުގެ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ހަމާސްގެ އަތްދަށުގައި ތިބި ޔަހޫދީ އަސީރުން މިނިންވަންކުރެވުނީ އަރަބި ގައުމުތަކުން ކުރި މަޝްވަރާއިންނެވެ. އެއީ ޒަޔަނިސްޓުންގެ ހަމަލާތައް ވަރުގަދަވުމުން ގަންނާކުރެއްވި ބިރަށް ހަމާސް އިން ކުރި ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ފަލަސްތީންގެ ބިންތައް ފޭރިގަނެ އުފައްދާފައި އޮތް ސަރުކާރުން ބައިނަލްއަގްވާމި އެއްވެސް ގަރާރަކަށް އަދި ގާނޫނަކަށް އިހުތިރާމެއް ނުކުރެ އެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕްގެ ގައުމުތަކުން ޒަޔަނިސްޓުންނަށް ދެމުންގެންދާ އެހީތެރިކަން އެ ގޮތުގައި އޮތްހައި ހިނދަކު ފަލަސްތީނަށް ރައްކާތެރިކަން ލިބޭނެ ކަމަކަށް ނުފެނެ އެވެ.

ފަލަސްތީނަށް މިނިވަން ދައުލަތެއް ނުލިބިގެން އުޅޭ އެންމެ ބޮޑު ސަބަބަކީ ވެސް އެމެރިކާ އާއި އިނގިރޭސިވިލާތެވެ.

ފަލަސްތީނަށް މިނިވަން ދައުލަތެއް ދޭން އެމެރިކާ ބޭނުންނަމަ މިހާރު އޮންނާނީ އެ ދައުލަތެއް އުފެއްދިފަ އެވެ.

ޣައްޒާ ހަނގުރާމާގައި ފަލަސްތީނުން މަރުވި މީހުން 20،000 އަށް އަރަން ނުލާހިކު ކައިރިވެފައި ވާއިރު ވެސް، ޒަޔަނިސްޓުންނަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދޭ ގައުމަކީ އެެމެރިކާ އެވެ.