ދުނިޔެ

ޣައްޒާއަށް އެހީ އުފުލާ 100 ލޮރީ ވަދެއްޖެ

އުތުރު ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް 100 ލޮރީ ވަދެއްޖެ ކަމަށް ފަލަސްތީން ރެޑް ކްރެސެންޓް ސޮސައިޓީ އިން ބުނެފި އެވެ.

ރެޑް ކްރެސެންޓުން ބުނީ ޣައްޒާ ސިޓީއަށް މިއަދު ވަތް ލޮރީތަކުގައި މުޅިހެން ހިމެނެނީ ކާބޯތަކެއްޗާއި، ފެނާއި، ކުޑަކުދިންގެ ކާނާ އަދި ރަޖާ ކަމަށެވެ.

މިއީ ގަތަރު އިސްވެ އަރަބި ގައުމުތައް މެދުވެރިކޮށް ޔަހޫދީންނާ ހަމާސްއާ އެކު ކުރެވުނު މަޝްވަރާތަކުން، ހަމަލާތައް ހުއްޓާލުމާ އެކު ޣައްޒާގައި ހިނގަމުންދާ ހަރަކާތްތަކެވެ.

މި އެއްބަސްވުމުގެ ދަށުން ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޒަޔަނިސްޓުން ވެސް ވަނީ އާނއެކޭ ބުނެފަ އެވެ. އެއީ ހަމަލާތައް ހުއްޓާލާފައި އޮތް ދަނޑިވަޅުގައި އަސީރުންނާއި ރަހީނުން ބަދަލުކުރަން ފުރުސަތު ހޯދުމަށެވެ.

ރެޑް ކްރެސެންޓުން ބުނާ ގޮތުން ޣައްޒާއަށް ވަތް 100 ލޮރީގެ ތެރެއިން ޔަހޫދީންގެ ބާރުގެ ދަށުގައި އޮތް އުތުރު ޣައްޒާއަށް 50 ލޮރީ ވަނީ ފޮނުވާފަ އެވެ.

މި ލޮރީތައް އުތުރު ޣައްޒާއަށް ވެއްދުމަށް ޒަޔަނިސްޓުން ބަންދުކޮށްފައި ހުރި ބައެއް މަގުތައްވެސް ވަނީ ވަގުތީ ގޮތުން ހުޅުވާފަ އެވެ.

ހަމަލާތައް މެދުކަނޑާލުމަށް ޔަހޫދީން ލައްވައި އެއްބަސްކުރުވުމުގައި އެމެރިކާ ވެސް މުހިންމު ދައުރެއް އަދާކުރި އެވެ. ނަމަވެސް ހަނގުރާމަ މުޅިން ހުއްޓާލަން އެމެރިކާ ނުބުނާހާ ހިނދު، ޣައްޒާއަށް ހަމަލާދީނުން ޔަހޫދީން ނުހުއްޓާނެ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވި ގޮތުން ޣައްޒާއަށް ވަނީ ވަރަށް ބޮޑަށް އެހީއަށް ބޭނުންޖެހިފަ އެވެ. ހަމަލާތައް އެންމެ ހަތަރު ދުވަހަށް މެދުކަނޑާލުމަކުން، އެހީ ބޭނުންވާ ހުރިހާ އެންމެންނަށް އެހީ ނުފޮނުވޭނެ ކަމަށްވެސް ބައިޑަން ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖޯ ބައިޑަންއާ ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަމަލާތައް މެދުކަނޑާލާފައި ބޭއްވުމަށް މަޝްވަރާ ކުރައްވާފަ އެވެ. މި ދެ ލީޑަރުން އެއްބަސްވެ ވަޑައިގެންނެވި ގޮތެއް އަދި ނޭނގެ އެވެ.

ނަމަވެސް ހަމާސް އިން އަސީރުންގެ ގޮތުގައި ހިފަހައްޓާފައި ތިބި ޔަހޫދީންގެ ތެރެއިން ކޮންމެ ދުވަހަކު 10 ޔަހޫދީއަކު ދޫކޮށްލާނަމަ -- އެ މުއްދަތުގެ ތެރޭގައި ޣައްޒާއަށް ހަމަލާ ނުދިނުމަށް ނަތަންޔޫ ވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ.

ހަބަރުތައް ބުނާ ގޮތުން ޔަހޫދީންނަށްވެސް ރަނގަޅީ މިވަގުތަށް ހަމަލާތައް މެދުކަނޑާލުމެވެ. ނަމަވެސް ހަމާސް އިން ޔަހޫދީ އާބާދިތަކަށް ހަމަލާދޭ ނަމަ ހަމަލާތައް އަލުން ފަށާނެ ކަމަށްވެސް ޒަޔަނިސްޓުން ވަނީ ބުނެފަ އެވެ.