ދުނިޔެ

ޣައްޒާއަށް ވައްޓާލީ އެހީގެ ބޮޑެތި ފޮށިތައް ވައިކުޑަ ނުހުޅުވި އާންމުގެ ބޮލަށް

ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދިމުގެ ގޮތުން މަތިންދާބޯޓުތަކުން ވައިގެ ތެރެއިން ޣައްޒާއަށް ވައްޓާލި އެހީގެ ބޮޑެތި ފޮށިތަކެއް -- ވައިކުޑައިގައި ޖެހުނު މައްސަލައެއްގެ ސަބަބުން ނުހުޅުވި -- އެހީ ހޯދަން އެއްވެ ތިބި އާންމުންގެ ބޮލަށް ވެއްޓި އެތައް ބަޔަކު ޗަސްވެ، މަރުވެއްޖެ އެވެ.

ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް މަތިންދާބޯޓުތަކުން، ވައިކުޑައިގެ އެހީގައި ވައްޓާ ފޮށިތަކަކީ އެކަކަށް އުފުލޭ ވަރަށް ބަރު އަދި ބޮޑެތި ފޮށިތަކެކެވެ.

ވައިކުޑައިގައި ފޮށިތައް ވައިގެ ތެރެއަށް ދޫކޮށްލުމުން، ވައިކުޑަ ހުޅުވި މަޑުމަޑުން ތިރިވެ ބިންމަތީގައި ޖެހި ހުއްޓެ އެވެ. އަދި އެ ހިސާބުން ފޮށިތައް ހުޅުވައި އޭގައި ހުންނަ ތަކެތި ނަގައި ބަހަނީ އެވެ.

މި ހާދިސާގައި ގެއްލުން ލިބުނު މީހުންގެ އިތުރުން އަނިޔާވި މީހުން ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށް ޣައްޒާގެ ސިއްހީ އިދާރާތަކުން ބުންޏެވެ.

ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އެންމެ ކުރީގައި އުޅޭ އަރަބި ގައުމުތައް -- މިސްރާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ސައޫދީ އަރަބިއްޔާ، އުރުދުން، އޮމާން އަދި ބަހްރޭނުން ވައިގެ ތެރެއިން އެހީގެ ޕާރުސަލްތައް ވައްޓަމުން ގެންދާތާ ހަފުތާތަކެއް ވަނީ ވެފަ އެވެ.

އެމެރިކާއާ އަދި ހުޅަނގުގެ ބައެއް ގައުމުތަކުން ވެސް ވަނީ ގުޅިގެން އެހީގެ ޕާރުސަލްތަކެއް ވައިގެ ތެރެއަށް ދޫކޮށްލާފަ އެވެ.

ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގައި ވައިގެ ތެރެއަށް ފޮށިތައް ދޫކޮށްލަން ޖެހެނީ އެއްގަމު މަގުން އެހީ ފޯރުކޮށްދޭނެ ގޮތެއް ނެތުމުންނެވެ.

އިޒުރޭލުން ޣައްޒާއަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކުގައި، އެއްގަމު މަގުން އެހީ ފޯރުކޮށްދޭން ދަތުރުކުރާ ލޮރީތަކަށް ވެސް އެތައް ފަހަރަކު ވަނީ ހަމަލާދީފަ އެވެ.

މިދިޔަ އަހަރު އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން ހުއްޓުމެއް ނެތި ޔަހޫދީ އިޒުރޭލުން ފަލަސްތީންގެ ޣާއްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި 30،800 އަށް ވުރެ ގިނަ ނިކަމެތިން ވަނީ މަރާފަ އެވެ.

އިޒުރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓުވުމުގެ ބަދަލުގައި ބާރުގަދަ ގައުމުތައް -- އެމެރިކާއާ ފްރާންސް، ޖަރުމަން އަދި އިނގިރޭސިވިލާތުން، އިޒުރޭލަށް ދެނީ ހިތްވަރެވެ.

އިޒުރޭލަށް ވެސް އަމިއްލަ ނަފުސު ހިމާޔަތްކުރުމުގެ ހައްގު އޮންނަން ވާނެ ކަމަށް މި ގައުމުތަކުން ބުނާއިރު، ފަލަސްތީނަކީ ހަތިޔާރެއް ނެތް އަދި ޣައްޒާ އަކީ ވަށައިގެން ބައްދާފައި އޮންނަ އަވަށެވެ.

އިޒުރޭލުގެ ނަމުގައި ހުޅަނގުގެ ނުފޫޒާ އެކު އުފައްދާފައި އޮތް ޣައިރު ގާނޫނީ ދައުލަތް ދެމިއޮތުމަށް ޓަކައި އަރަބިންގެ ބިންތައް އެ އޮތީ ފޭރިގެންފަ އެވެ.