ދުނިޔެ

ޣައްޒާއަށް ބޮންއަޅާހާ ހިނދަކު އަސީރުން ދޫކުރަން ދަތިވާނެ: ގަތަރު

ޔަހޫދީ އާބާދިތަކަށް އޮކްޓޯބަރު ހަތެއްގައި ހަމާސް ޖަމާއަތުން އަރައިގަނެ ދިން ހަމަލާތަކަށް ފަހު ފާއިތުވި ދުވަސްތަކުގައި ޔަހޫދީންގެ 242 މީހަކު އަސީރުންގެ ގޮތުގައި ހަމާސްއިން ވަނީ ޣައްޒާގައި ހިފަހައްޓާފަ އެވެ.

އަސީރުން ތިބި ތަނެއް ޔަހޫދީ ސަރުކާރަކަށް ނޭނގެ އެވެ. އަސީރުންގެ ދެ މީހަކު ހަމާސްއިން ދޫކޮށްލި ނަމަވެސް ދެން ތިބި ބަޔަކު އަދިވެސް ތިބީ ހަމާސްގެ ބެލުމުގެ ދަށުގަ އެވެ.

ޔަހޫދީ އަސްކަރިއްޔާގެ ޖެޓުފައިޓަރުތަކުން ޣައްޒާއަށް ދިން ރޮކެޓް ހަމަލާތަކުގައި އަސީރުންގެ 60 މީހަކު މަރުވެފައިވާ ކަމަށް ހަމާސް އިން ވަނީ އިއުލާންކޮށްފަ އެވެ.

ޔަހޫދީ ސިފައިން ޣައްޒާއަށް އެއްގަމު މަގުން އަރައިގަނެ ދެމުން ގެންދާ ހަމަލާތަކުގެ ބޭނުމަކީ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހު ވިދާޅުވި ގޮތުގައި، އަސީރުން މިނިވަންކުރުމެވެ.

އަސީރުން މިނިވަންކުރުމަށް ޔަހޫދީ ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ޣައްޒާއަށް އަރައިގަނެ ހަމާސް ބަލިކޮށް އަސީރުން ތިބި ތަނަކުން ނެރެގެން ގެންދިއުމެވެ.

އުރުދުންގެ ވެރިރަށް އައްމާންގައި އޮތް ހާރިޖީ ވަޒީރުންގެ ބައްދަލުވުމެއްގައި ގަތަރުގެ ހާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އައްސާނީ ވިދާޅުވި ގޮތުން، ހަމާސް އިން ހިފަހައްޓާފައި ތިބި އަސީރުން ދޫކޮށްލާތޯ ގަތަރުން މަސައްކަތްކުރާނެ އެވެ.

ވަޒީރު އަދި ވިދާޅުވީ ޔަހޫދީ އަސްކައިއްޔާ އިން ޣައްޒާއަށް ބޮންއަޅާހާ ހިނދަކު އަސީރުން މިނިވަންކުރަން ކުރެވޭ މަޝްވަރާތައް ކޮޅެއްގައި ނުޖެހި މަސައްކަތްތައް ފޭލިވެދާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ހާރިޖީ ވަޒީރުންގެ ތެރޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް، މިސްރު، އުރުދުން އަދި ގަތަރު ހިމެނެ އެވެ. މި ބައްދަލުވުމުގައި ފަލަސްތީންގެ ހާރިޖީ ވަޒީރުވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އަސީރުން މިނިވަންކުރުމަށް ނުވަތަ ޣައްޒާއަށް އިންސާނީ އެހީތެރިކަން -- ކާބޯތަކެއްޗާއި، ބޭސްފަރުވާ ވެއްދުން ފަދަ އެއްވެސް ކަމެއްގެ ނަމުގައި، ޣައްޒާއަށް ދެމުންދާ ހަމަލާތައް މެދުކަނޑާލުމަކީ ޔަހުދީ ސަރުކާރުން ބޭނުންވާ ގޮތެއް ނޫނެވެ.

ޣައްޒާއަށް ރޮކެޓުން ހަމަލާދިނުމާއި ބޮންއެޅުން ހުއްޓާލުމަކީ އެމެރިކާ ބޭނުންވާ ގޮތެއް ވެސް ނޫނެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ވިދާޅުވި ގޮތުގައި ހަމަލާތައް ހުއްޓާލާނެ ހާލަތެއް އަދި ނެތެވެ. އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަލާތައް ހުއްޓާލި ނަމަވެސް އެކަން ވާނީ ހަމާސްއަށް ލިބޭ ރަނުގެ ފުރުސަތަކަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހަމަލާތައް މެދުކަނޑާލައިފިނަމަ ހަމާސްގެ ސިފައިން އަލުން ރުކުރުވާލަން ފުރުސަތު ދެވުނީ ކަމަށްވެސް ބްލިންކެން ވިދާޅުވި އެވެ.