ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތުން އަސީރުކޮށްފައި ތިބި ޔަހޫދީ ޒަޔަނިސްޓުން މިނިވަންކުރަން ކުރެވޭ މަޝްވަރާތަކުން އެކަށީގެންވާ ކުރިއެރުން ލިބޭ ކަމަށް ގަތަރުގެ ބޮޑުވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަޙްމާން އައްސާނީ ވިދާޅުވެއްޖެ އެވެ.
އަސީރުން މިނިވަންކުރަން ކުރެވޭ މަޝްވަރާތަކުގައި ބައިވެރިވަނީ ގަތަރާއި މިސްރު، އެމެރިކާ އަދި އިޒުރޭލެވެ.
ބޮޑުވަޒީރު ވިދާޅުވި ގޮތުން މަޝްވަރާކުރެވެނީ ފިޔަވަހި ތަކަކަށް ބަހާލައިގެން އަސީރުން މިނިވަންކުރުމަށެވެ. އަދި އެކަށީގެންވާ ރޫހެއް އޮތީ ވެސް ފިޔަވަހިތަކަށް ބަހާލުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އަސީރުން މިނިވަންކުރުމަށް ޓަކައި ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލަން ޖެހެ އެވެ. އަދި ހަމާސްއިން ހިފަހައްޓާފައި ތިބި 40 ޔަހޫދީއަކު ދޫކޮށްލުމުން -- އިޒުރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީން މީހުން ވެސް މިނިވަންކުރަން ޖެހެ އެވެ.
އެމެރިކާގެ އެންބީސީ ނެޓޯވޯކަށް ދެއްވި އިންޓަވިއުއެއްގައި ގަތަރުގެ ބޮޑުވަޒީރު ވިދާޅުވީ، މަޝްވަރާ ގުރޫޕުން އެކުލަވާލި ނުކުތާތައް ހަމާސްއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ނުކުތާތަކަށް ހަމާސްއިން ތާއީދުކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަޝްވަރާތައް ބޮޑަށް ގާތީ ކާމިޔާބީއާ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ. މީގެ ހަފުތާއެއްހާ ދުވަސްކުރިން މަސްރަހުގައި އޮތް ބިރުވެރިކަން މިހާރު މަޑުމަޑުން ފިލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިޒުރޭލުން ފަލަސްތީންގެ ޣައްޒާއަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތައް ހުއްޓުވުމަށް، ގަތަރުގެ ބޮޑުވަޒީރު ރަސްމީ ހައިސިއްޔަތުން އެމެރިކާގެ ސިއައިއޭގެ ވެރިންނާ ވެސް ބައްދަލުކުރެއްވި އެވެ. އަދި ޔަހޫދީ ދައުލަތުގެ ޖާސޫސީ އިދާރާ މޮސާދުގެ ވެރިންނާ ވެސް ބައްދަލުކުރެއްވި އެވެ.
މަޝްވަރާ ގުރޫޕުން ހަމާސްއަށް މި ނުކުތާތައް ހުށަހެޅުމުގެ ކުރިން -- އަސީރުން މިނިވަންކުރަން ބޭނުން ނަމަ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް މުޅިން ހުއްޓާލުމަށް ހަމާސްއިން އޮތީ ޔަހޫދީންނަށް ގޮވާލާފަ އެވެ.
ގަތަރާއި މިސްރުން އިސްވެ ކުރަމުން ގެންދާ މަޝްވަރާތަކުގެ އިތުރުން، އދ ގެ ބައިނަލްގައްވާމީ ކޯޓުން ވެސް ވަނީ އިޒުރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކަކީ ނަސްލު ނައްތާލަން ދޭ ހަމަލާތަކަކަށް ނުހެދުމަށް އަމުރުކޮށްފަ އެވެ.
ޣައްޒާ ހަނގުރާމާގައި އާދަޔާ ޚިލާފަށް މީހުން މަރުވެފައިވާކަން ފާހަގަކޮށް އދ ގެ ކޯޓުން ވަނީ އިޒުރޭލުގެ އަމަލުތަކަށް ހުޝިޔާރުވާނެކަން ވެސް އަންގާފަ އެވެ.