ދުނިޔެ

ހަނގުރާމައެއް ފެށިދާނެ ކަމަށް ބައިޑަންގެ ސަފީރުން މެދުއިރުމައްޗަށް

މެދުއިރުމަތިގައި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ހާއްސަ ދެ ސަފީރަކު މެދުއިރުމައްޗަށް ދަތުރު ފައްޓަވައިފި އެވެ. ބޭނުމަކީ ހަނގުރާމަ ފުޅާވެގެން ހިނގައިދާނެ ކަމަށް އޮތް ބިރު ކުޑަކުރުމަށް ގައުމުތަކާ އެކު މަޝްވަރާކުރުމެވެ.

އީރާނުން އިޒުރޭލަށް ހަމަލާދީފި ނަމަ އެއީ ހަމައެކަނި އިޒުރޭލަށް ދޭ ހަމަލާއަކަށް ނުވާނެ ކަމަށް ސިޔާސީ އަދި އަސްކަރީ ވިސްނުންތެރިން ބުނެ އެވެ. އިރާނަށް ވަފާތެރި ހަނގުރާމަވެރި ގުރޫޕްތަކުން އަވައްޓެރި ބައެއް ގައުމުތަކަށް ހަމަލާދިނުމަކީ ވަރަށް ގާތް ކަމެއް ކަމަށް އޮތީ ބެލެވިފަ އެވެ.

ހަމާސްގެ ސިޔާސީ ލީޑަރު އިރާންގައި ހުއްޓައި އިޒުރޭލުގެ ރޭވުމަކުން އަވަހާރަކޮށްލުމާއި ގުޅިގެން އީރާން އޮތީ ރުޅިގަދަވެފަ އެވެ. އިޒުރޭލުގެ ކިބައިން ބަދަލުނުހިފައި ދޫކޮށްލާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް އީރާން އޮތީ ބުނެފަ އެވެ.

ހަނގުރާމައެއް ނުފަށައި ހަމަޖެއްސުމަށް އިރާން ރުއްސުމަށްޓަކައި މެދުވެރިންގެ އެހީގައި ހުޅަނގުން ކުރި އެއްވެސް މަސައްކަތެއް އަދި ކޮޅެއްގައި ނުޖެހެ އެވެ. އީރާން ބުނާ ގޮތުން އިޒުރޭލަށް ހަމަލާދިނުން އިރާނަށް އޮތީ ވާޖިބުވެފަ އެވެ.

ބައިޑަންގެ ސަފީރުން މެދުއިރުމައްޗަށް ވަޑައިގެން މިސްރަށް ދަތުރުކުރައްވާނެ އެވެ. އަދި މިސްރުގެ ވެރިރަށް ގާހިރާގައި، ޣަައްޒާ ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މިސްރަށް ފަހު ބައިޑަންގެ ސަފީރުން ގަތަރަށް ވެސް ވަޑައިގަންނަވާނެ އަދި ބޭރޫތަށް ވެސް ދަތުރުކުރައްވާނެ އެވެ.

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސުލިވާން ވިދާޅުވި ގޮތުން ބައިޑަންގެ ސަފީރުންގެ މަސައްކަތަކަށް ވާނީ ހަނގުރާމައެއް ނުފެށުމަށް އީރާނަށް ވިސްނައިދިނުމަށް އެހީތެރިން ހޯދުމެވެ.

ގަތަރާއި ލުބްނާން އަކީވެސް އީރާންއާ އެކު ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ގައުމެވެ. މި ގައުމުތަކަށް ވަޑައިގެން ޣައްޒާ ހަނގުރާމަ ހުއްޓުވުމަށްޓަކައި އަސީރުން މިނިވަންކުރުމުން ފެށިގެން ސަރަހައްދީ އިތުރު ހަނގުރާމައެއް ނުފަށައި ފަރުޖެއްސޭތޯ ވެސް ސަފީރުން ބައްލަވާނެ އެވެ.

ޖޭކް ސުލިވާން ވިދާޅުވި ގޮތުން އުންމީދަކީ ހަމަނުޖެހުންތަކަށް ސިޔާސީ ހައްލެއް ހޯއްދެވުމެވެ. މިކަން ކުރެވެން އޮތީ މަޝްވަރާކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ. އީރާނުން ސީދާ އެމެރިކާއާ މަޝްވަރާކުރަން ބޭނުންނުވާ ނަމަ، މެދުވެރިންގެ އެހީގައި މަޝްވަރާކުރުމަކީ އެމެރިކާއަށް މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.