ލުބްނާންގެ ވެރިރަށް ބޭރޫތަށް އިޒުރޭލުން ހަމަލާދީފި އެވެ.
މި ހަމަލާ އަކީ ޒަޔަނިސްޓުން ބުނާ ގޮތުން ގޯލާންގައި އިޒުރޭލުގެ ފުޓުބޯޅަ ދަނޑަކަށް ހިޒްބުﷲ ޖަމާއަތުން ދިން މިސައިލް ހަމަލާއަށް ބަދަލުހިފުމެކެވެ.
ގޯލާނަށް ދިން ރޮކެޓް ހަމަލާތަކުގައި އިޒުރޭލުގެ 12 މީހަކު ވަނީ މަރުވެފަ އެވެ.
ފުޓުބޯޅަ ދަނޑަށް ހަމަލާ ދިނީ އީރާންގެ މަދަދާއެކު ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ހަނގުރާމަވެރިން ކަމަށް އިޒުރޭލުން ބުނެ އެވެ. އެކަމަކު ހިޒްބުﷲއިން މިކަން ދޮގުކުރެ އެވެ.
އިޒުރޭލުން ބުނާ ގޮތުން ބޭރޫތަަށް ދިން ހަމަލާތަކުގައި ހިޒްބުﷲގެ އަސްކަރީ ކޮމާންޑަރު ފުއާދު ޝުކޫރު ވަނީ މަރުވެފަ އެވެ. މިކަމާ ބެހޭ ގޮތުން ހިޒްބުﷲއިން އަދި އެކައްޗެއް ވެސް ނުބުނެ އެވެ.
އިޒުރޭލުގެ ބޮންއަޅާ ބޯޓުތަކުން ލުބްނާނަށް ވައިގެ ހަމަލާތަކެއް މިދިނީ މި ދެ ގައުމުގެ ދެމެދުގައި އަސްކަރީ ކުރިމަތިލުމެއް ހިނގާނެ ކަމަށް ގިނަ ބަޔަކު ލަފާކޮށްފައި ވަނިކޮށެވެ. އަދި ލުބްނާނަށް ހަމަލާދީފިނަމަ ޣައްޒާ ހަނގުރާ އެހެން ގައުމަކަށް ފުޅާވެ، އިތުރު ޖަމާއަތްތައް މި ހަނގުރާމައިގައި ބައިވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް މަސްރަހު ލަފާކުރާ މީހުން ބުނެފައި ވަނިކޮށެވެ.
ލުބްނާނަށް ދިން ހަމަލާތައް އަމާޒުކޮށްފައިވާނީ އިޒުރޭލު ބުނާ ގޮތުން ހިޒްބުﷲގެ ހަނގުރާމަވެރިންނަށެވެ. އަދި އެ މީހުން ހަރަކާތްތެރިވާ ތަންތަނަށެވެ.
ހިޒްބުﷲގެ ހަރަކާތްތައް މުޅި ބޭރޫތަށް ފެތުރިފައި އޮތްއިރު، އިޒުރޭލުގެ ހަމަލާތަކުން އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ އެވެ. މި ގެއްލުންތަކާ ގުޅޭ ރަސްމީ ހިސާބެއް އަދި އާންމެއް ނުވެ އެވެ.
ނަމަވެސް ލުބްނާންގެ ހެލްތު މިނިސްޓަރާ ހަވާލާދީ ނޫސްތައް ބުނާ ގޮތުން އިޒުރޭލުގެ ހަމަލާތަކުގައި ބޭރޫތުން އަންހެނަކާއި ދެ ކުދިން ވަނީ މަރުވެފަ އެވެ. އަދި އިތުރު 69 މީހަކަށް ބޮޑެތި އަނިޔާ ލިބިފައިވާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.
އިޒުރޭލުން ބޭރޫތަށް ދިން ހަމަލާގެ ބޭނުމަކީ ހިޒްބުﷲ ޖަމާއަތުން ބޭނުންކުރާ ރޮކެޓްތައް ހުއްޓުވުން ކަމަށްވެސް އެ ގައުމުގެ އަސްކަރިއްޔާއިން ބުންޏެވެ. މިގޮތުން ރޮކްޓް އުފައްދައި އުދުއްސުމުގައި އިސްކޮށް އުޅޭ ކޮމާންޑަރުން މެރުމަކީ ހަމަލާގެ ބޭނުމެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.
ބޭރޫތަށް ހަމަލާދިނުމާ އެކު އެ ސަރަހައްދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ. އަދި މި ހަނގުރާމައިގެ ތެރެއަށް އީރާނުން ވަނުމަކީވެސް އެކަށީގެންވާ ކަމެކެވެ.