ވާހަކަ

މޮޔަ ވިސްނުން

"ބޮޑުދައިތާ، ހިނގާ ދޯ ސާފު ވެލަން! އަހަރެން މި އައީ ފެން ހޫނު ވެސް ކޮށްލައިގެން."

މުނީރާގެ އެ ޖުމުލަތައް އިވުމާއެކު ހިތް ބިރުގަންނަން ފެށިއެވެ. ހާސްވެ ކަންބޮޑުވާން ފެށިއެވެ. ފައިން ފެށިގެން ބޮލާ ހަމައަށް ހިމޭން ތުރުތުރެއް ދައުރު ކޮށްލި އެވެ. މުޅި މީހާ އެކުގައި ތުރުތުރު އަޅައިގަތެވެ. އަހަންނަށް ބަލައިލެވުނީ މުނީރާގެ މޫނަށެވެ.

"ފިންޏެއް ނުވާނޭ." އަތުގައި ހުރި ފެންތަށި ކައިރީގައި ގޮނޑީގައި ބަހައްޓައިލަމުން މުނީރާ އިށީނެވެ.
އަހަންނަށް ހިންދިރުވާލަން އުނދަގޫވާ ގޮތްވިއެވެ. މުޅި މީހާ ތުރުތުރު އަޅަމުން ދާތީ އެވެ. ދެފަޔާއި ދެ އަތަށް ހީވަނީ ކަރަންޓު ދޭންފެށި ހެންނެވެ. މުނީރާ އެކަން ދެނެގަތެވެ.

"ހާދަ ބޮޑަކަށް ތި ބިރު ގަންނަނީ. އަނެއްކާ ބޮޑުދައިތަ ހުން އައީތަ؟" މުނީރާ އަހަރެންގެ ކަނދުރާގައި އޭނާގެ އަތުގެ ނުފުށް ޖައްސައިލިއެވެ. "ނެތް ހުމެއް ވެސް. ހީކަރުވަނީ ތަ؟"

އަހަރެން ބޯ ހޫރައިލީމެވެ.

"ދެން ކީއްވެ ތުރުތުރު އަޅަނީ. އަހަރެން މިތަނަށް އާއިރު ވެސް ބޮޑުދައިތަ އޮތީ ނުލާހިކު ހަމަޖެހިގެން ނުލާހިކު ރީތިކޮށް." މުނީރާ އަހަރެންގެ އެނދުން ނަގައި ތެދުކޮށްލިއެވެ.

އާއެކެވެ. އަހަރެން މި އޮންނަނީ ބަލި އެނދުގަ އެވެ. މި އެނދުގައި އޮންނަތާ ތިން އަހަރު ވަނީ އެވެ. އަމިއްލައަށް އެއްވެސް ކަމެއް ނުކުރެވޭތާ ދެ އަހަރު ވަނީ އެވެ. އަހަންނަކަށް އެއްވެސް ވާހަކައެއް ނުދެއްކެ އެވެ. ދޫ ހަރަކާތެއް ނުކުރެވެއެވެ. އަތްފައި ގުޑުވައެއް ނުލެވެ އެވެ.

މުނީރާ އަހަރެންގެ ބުރަކަށީގައި އޯގާތެރި ކަމާއެކު ފިރުމައިލި އެވެ. އެއާއެކު އަހަރެންގެ ދެ ލޮލުން ހޯސް ލާފައި ކަރުނަތައް ފައިބައި ގަތެވެ.

"ބޮޑުދައިތަ ވިސްނަނީ ދޯ! އޭރުގެ ހަނދާންތައް އާވަނީ ދޯ!" މުނީރާ ކިޔައިލީ ސީދާ އަހަރެންގެ ހިތެވެ.

ބަދަލުގައި މަޑުމަޑުން ބޯޖަހައިލެވުނެވެ. ނޭވާ އަވަސްވާން ފެށި އެވެ. އަހަންނަށް ކުރެވުނު ކަންތައްތައް ލޮލަށް ސިފަވާން ފެށިއެވެ. އަތްފައިގައި ވަރު ހުރި ދުވަސްވަރު އުޅެވުނު ގޮތެވެ. މީހުންނާ ދިމާއަށް ލެވުނު ހަޅޭކެވެ. އެ ހަނދާން ވާންފެށިއެވެ. އެ މަންޒަރުތައް ލޮލަށް ފެންނަހެން ހީވަމުން ދިޔަ އެވެ.

އެއީ މީގެ ވިއްސަކަށް އަހަރު ކުރިއެވެ. އަހަންނަކީ އާއިލާގައި ހުރި ހަމަ އެކަނި އަންހެން ކުއްޖާ އެވެ. މަންމައާއި ބައްޕަ ނިޔާވި ފަހުން ގޭތެރޭގެ ހުރިހާ ކަމެއް އޮންނަނީ އަހަންނާ މަތިވެފައެވެ. ބޭބޭމެންނަކީ ވަޑާން ކުރުމުގައި އުޅޭ ބަޔެކެވެ. އަހަރެންގެ ދޮށްޓަށް ތިބެނީ ތިން ބޭބެއިންނެވެ. އެމީހުން ވެސް މީހުންނާ އިނދެގެން އެކި މީހުން އެކިތަނަށް ދިޔައީ އެވެ. އަހަންނާއެކު އުޅުނީ ބޮޑުބޭބެ އެވެ. ބޮޑުބޭބެއަކީ އެހެން ބޭބެމެންނާ ތަފާތު މީހެކެވެ. އޭނާ މީހަކާ އިންނަންވާ އިރަށް ގޯތި ތެރޭގައި އިތުރު ގެއެއް ރޭނި އެވެ.

"ކޮއްކޮ މީހަކާ އިނދެގެން އުޅެންވީ މުސްކުޅި ގޭގަ. ބޮޑުބޭ އުޅޭނީ މި ރޭނި ގޭގައި،" ބޮޑުބޭބެ ކައިވެނިކުރި ދުވަހު އަހަރެން ގެނެސް ބޮޑުއަށީގައި ބައިންދަމުން ބުނެލި އެވެ. "އެ ކާސިންފުޅު ހުރީ ކޮއްކޮގެ ކައިވެންޏަށް އެދިއެދި. ކޮއްކޮ ގަބޫލިއްޔާ އެކަން ކުރަން ބޮޑުބެއަށް ފެންނަނީ. މިހާރު ކޮއްކޮ ވެސް ތިހުރީ ފިރިފުރައަށް އަޅައިފަ."

ޖެހިގެން އައި މަހަށް ހަނދުބެލި ދުވަހު އަހަރެންގެ ކައިވެނި ވެސް ކުރެވުނެވެ. އެހައި ހިސާބުން ދިރިއުޅުން މުޅީން ބަދަލުވާން ފެށި އެވެ. ކައިވެންޏަށް މަހެއް ނުވަނީސް މޭ ބޮޑުވާ ގޮތްވެ ހޮޑުލެވެން ފެށުނެވެ. ޝައްކު ޔަގީނަށް ބަދަލުވިއެވެ. އާއެކެވެ. އަހަރެން މާބަނޑުވީ އެވެ.

ކާސިންފުޅަކީ މާލެ ދަތުރުކުރާ މީހެކެވެ. އޭނާ ރަށުގައި ހުންނަނީ މަދު ފަހަރަކު އެވެ. އަހަންނަށް އުޅެން ޖެހުނީ އެކަނިމާ އެކަންޏެވެ. މާބަނޑުވުމާއެކު އަހަރެން ވަރަށް ބޮޑަށް ބަލިވާ ގޮތްވިއެވެ. ހޮޑުލެވިލެވި ގައިން ވަރު ހުސްވާ ގޮތްވި އެވެ. އެއްވެސް ކަމެއް ނުކޮށް، ބޭރަށް ނުނިކުމެ އުޅޭހިތްވާން ފެށި އެވެ. ދިރިއުޅުމަށް ކުރަމުންދިޔަ މަސައްކަތްތައް ހުއްޓައިލެވުނެވެ.

އެ ދުވަސްކޮޅު ހުރިހާ ކަމެއް ކޮށްދިނީ ބޮޑުބޭގެ އަންހެނުން، ޒަރީނާ އެވެ. ޒަރީނާއަކީ ހެޔޮ މީހެކެވެ. އޯގާތެރިއެކެވެ. ދުވަހަކު ވެސް ރުޅި މޫނެއް ނުދައްކަ އެވެ. އޭނާ އަހަރެންގެ ކަންކަން ކޮށްދިނީ އުފަން ދަރިއަކަށް ކަންކަން ކޮށްދޭ ހެންނެވެ. އެހައި ވެސް ރަނގަޅަށެވެ. ވަޑާން ނިންމުމަށްފަހު ބޮޑުބޭބެ ވެސް ކޮންމެ ރެޔަކު އަހަރެން ގާތަށް އާދެ އެވެ. ނަސޭހަތް ދެ އެވެ.

އަހަރެންގެ ބަނޑަށް ނުވަ މަސްފުރުނު ދުވަހެވެ. ވިހަންވާއިރަށް ބޭނުންވާ ސާމާނު ހޯދާށާއެކު ކާސިންފުޅު މާލެ ދިޔަ އެވެ. ރަށަށް އަންނަން ފުރީ އެ ދުވަހު އެވެ. އެއީ ވިއްސާރަ ކަނޑު ގަދަ ދުވަހެކެވެ. ވައި ބާރު މޫސުން ގޯސް ދުވަހެކެވެ.
ދިމާވީ މާ ހިތްދަތި ގޮތެކެވެ. ކާސިންފުޅުމެން ދަތުރު ކުރަމުން ދިޔަ ބައްތެލި ކަނޑުވީ އެވެ. ކާށިދޫ ކަނޑަށް ފެތި އަޑިއަށް ދިޔައީއެވެ. މޫސުން ގޯސްވެ ކޮޅިގަނޑުގައި ޖެހި، އެއްވެސް މީހަކު ސަލާމަތް ނުވެ ކަނޑަށް ޣަރަގުވީ އެވެ. އަހަންނަށް ޚަބަރު ލިބުނީ ވެސް ދެ ދުވަސް ފަހުންނެވެ. އެ ދުވަހު ވެސް ބޮޑުބޭބެ އާއި ޒަރީނާ ވަރަށް ނަސޭހަތް ދިނެވެ.

އެ ދުވަހުގެ ރެޔެވެ. ރޮއިރޮއި ގޮސް ވަރުބަލިވެ ދެ ލޯ މެރުނެވެ. ފެންނަމުން ދިޔައީ މާސިންގާ ކަނޑެވެ. ކަނޑުގެ ރާޅުތައް އަހަރެންގެ ވަށައިގެން އެނބުރޭ މަންޒަރެވެ. ހުޅި ނަގައިފައި އައިސް ކޮންމެ ރާޅެއް ވެސް އަހަރެން ވަށައިލަނީ އެވެ. އަހަރެން ހާސްވާ ގޮތްވި އެވެ. ސަލާމަތްވާން ހަޅޭއްލަވަމުން ދިޔައީމެވެ. ބާރުބާރަށް ހަޅޭއްލެވެން ފެށުނެވެ. ކުއްލިއަކަށް ދެ ލޯ ހުޅުވާލެވުނެވެ. ބިރުން ހީބިހި ނަގައިގަތެވެ.

އެއާއެކު ކުއްލިއަކަށް ބަނޑަށް ތަދުވާން ފެށިއެވެ. ދަށްބަނޑާ ދިމާއިން ބާރުގަނޑެއް އަރާފައި ހުންނަހެން ހީވަމުން ދިޔަ އެވެ. ނޭނގޭ ރިހުމެއް ބުރަކަށްޓާ ދިމާއަށް ދަތުރުކުރަމުން ދިޔަ އެވެ. ރަނގަޅަށް ހިންދެމި ނުލެވުނެވެ. އުނަގަނޑުގައި ދެ އަތް ވިދެލައިގެން ތަންތަނުގައި ހިފަހައްޓަމުން ބޭރު ދޮރާ ހަމައަށް ދެވޭ ވަރުވިއެވެ. ކޮޅަށް ނުހުރެވޭ ވަރުވުމުން، ބިންމަތީގައި ދެ ކަކޫ ޖައްސާލެވުނެވެ. ބާރުބާރަށް ހަޅޭއްލަވަން ފެށުނެވެ. އޭރު ވެސް ބަނޑަށް ތަދުވަމުން ދިޔަ އެވެ. ހީވަނީ ބަނޑުގައި ތޫނު އެއްޗަކުން ޅިޔަ އަޅާހެންނެވެ. ދެއަތުން ބަނޑުގައި ހިފައިގެން އިނދެ އަޑުގެ ނެތްތަނަށް ހަޅޭއްލަވަން ފެށީމެވެ. ރޮމުން ގިސްލަމުންނެވެ.

ނަސީބު ރަނގަޅެވެ. އިރުކޮޅެއް ނުވަނީސް ބޮޑުބޭގެ ދެމަފިރިން ދުވެފައި އަޔެވެ. އަހަރެން އަތުލަފި ކޮށްގެން ބޮޑުބޭގެ ގެޔަށް ގެންދިޔަ އެވެ. ހިނދުކޮޅެއް ތެރޭގައި ފޫޅުމައިން ގެނެވުނެވެ.

ހަމަ ހޭވެރިކަން ވީ ދަރިފުޅުގެ އަޑު އިވުމުންނެވެ. އޭރު އަހަރެން އޮތީ ގައިން ހަކަތަ ހުސްވެ ވަރު ގޮހެވެ. ލޯ ހުޅުވާލާނެހާ ހިތްވަރު ވެސް ގަޔަކު ނެތެވެ. ނަމަވެސް، ދަރިފުޅުގެ އަޑު ޖެހުމުން މަޑުމަޑުން ލޯ ހުޅުވާލީމެވެ. ދަރިފުޅު ވެސް ފެނުނީ ފުސް ކޮށެވެ. ދެ ލޯ މެރުނީ އެވެ. ވަރުބަލިކަމާއެކު ލޮޑުވެ ގައިން ހަކަތަ ހުސްވެގެން ނިދުނީ އެވެ. ލޯ ހުޅުވާލެވުނީ އިރުކޮޅެއް ފަހުންނެވެ. ލިބުނީ ހިތްދަތި ޚަބަރެކެވެ. ދަރިފުޅު ނިޔާވި ހަބަރެވެ. އަނެއްކާ އަނެއް ހިތާމަ އުފުލަން ޖެހުނީ އެވެ. ދެކެމުން އައި ހުވަފެންތައް ބިލާހަކަށް ވާން ކައިރިވީ އެވެ. އަހަންނަށް ރޯން ފެށުނެވެ. ހަޅޭއްލެވުނެވެ. މޮޔަ ގޮވުނެވެ. އޭރު ވެސް ހުރިހާ ކަމެއްގައި އެހީތެރިވަމުން ދިޔައީ ބޮޑުބޭގެ އަންހެނުންނެވެ.

ދުވަސްކޮޅެއް ވީއިރަށް މަޑުމަޑުން ހަމައަކަށް އެޅެމުންދިޔައެވެ. ވިހޭތާ ސާޅީސް ފުރުނު ދުވަހެވެ. އެއީ ސާޅީހަށް ފެން އަޅަން ޖެހޭ ދުވަހެވެ. އެއްގޮތަކަށް ފެން ވަރާ ހިތެއް ނުވި އެވެ. ނަމަވެސް، ޒަރީނާ ކުރު ނުކޮށް ކިޔަން ފެށުމުން އެކަން ކުރަން ނިންމީމެވެ.

ފެންވަރަން ވަދެ ފެން ފެންނަ އިރަށް ފާޑެއްގެ ބިރެއް ހިތަށް ވަންނަން ފެށި އެވެ. ޖެހިލުން ވެވެން ފެށުނެވެ. ފުރަތަމަ ދާނި ބޮލަށް އަޅައިލުމާއެކު މީހާގެ ހީގަނެ ހަށިގަނޑު ތުރުތުރު އަޅައިލި އެވެ. އަތްފައި ފިނިވެ ނޭވާ ކުރުވާން ފެށި އެވެ. މުޅި މީހާ ބެދި ހާސްވާހެން ހީވާން ފެށި އެވެ. ދެވަނަ ދާނި ބޮލަށް އެޅުމާއެކު މަންޒަރު ފުސްވާ ގޮތް ވިއެވެ. ލޯ މައްޗަށް އަނދިރި ވިއެވެ. ދެން ވީނުވީއެއް ނޭނގުނެވެ.

"ފެންވަރަށް ވަން މީހާ ލަސްވެގެން ބަލައިލި އިރު ހަލީމަ އޮތީ ވަޅުދޮށަށް ވެއްޓިފަ. ނެގީއިރު ޚަބަރެއް ވެސް ނެތް." ޒަރީނާ ކިޔައި ދިނެވެ.
އޭރު އަހަރެން އޮތީ ބޮޑު އަށިމަތީގައި ބާއްވާފަ އެވެ.
"މާ ބޮޑަށް ވަރު ދެރަވީކަން ނޭނގެ." ޒަރީނާ ޖޫސްތަށި ދިއްކޮށްލި އެވެ.
"މާ ބޮޑަށް ހާސްވެ ކަންބޮޑުވަނީ ދޯ." ބޮޑުބޭބެ ދިމާ އެނދުގައި އިށީނދެލަމުން ބުނެލިއެވެ. "އަހަރުމެން މި ތިބީނު. ހަލީމާއަކީ އެކަނި މީހަކަށް ނުވާނެ. އަހަރުމެން ކައި އެއްޗެއް ކާން ހުންނާނެ. ކަންކަމާ ދިމާވާނީ ވެސް ދުނިޔޭގައި އުޅޭ މީހުންނަށް. ކެތްތެރިވާން ވާނެ."

އަހަރެން އެކަމާ ދެ ކޮޅެއް ނަހަދަމެވެ. ވިހެއުމަށްފަހު، ފަސްވަނައަށް ވީމަހެވެ. ގައި ހިރުވާ، ތަތްލަވާ ގޮތްވާތީ ފެންވަރަން ބޭނުންވިއެވެ. މި ހުރިހާ ދުވަހު މި އުޅެނީ ފެން ވެސް ނުވަރަ އެވެ. ފެންވަރާ ހިތް ނުވާތީ އެވެ. ގައިގައި ފެން ފޮދެއް ޖެހޭ އިރަށް ބުނަން ނޭނގޭ ބިރުވެރިކަމެއް ކުރިމަތި ވާތީ އެވެ.

ގިފިއްޔަށް ވަދެ ދެވަނަ ދާނި ބޮލަށް އަޅައިލުމާއެކު މުޅި މީހާ ތުރުތުރު އަޅައިގަތެވެ. ހިތުގެ ވިންދުތައް އަވަސްވެ، ގައިން ހީބިހި ނަގަން ފެށި އެވެ. އަތްފައި ތުރުތުރު އަޅަމުން ދިޔަ އެވެ. ފެން ޖެހުނު ކޮންމެ ތަނެއް ހިރުވާހެން ހީވާން ފެށިއެވެ. މުޅި ގައިގެ އެތަން މިތަން ހިރުވަމުން ދިޔަ އެވެ. އެންމެ ފަހުން ފެންވެރުން ހުއްޓައިލާ އަވަސް އަވަހަށް ފެންތައް ފޮހެލީމެވެ. އިސާހިތަކު ރަނގަޅު ވިއެވެ. މީހާ ހަމައަކަށް އެޅުނެވެ.

ޖެހިގެން އައި ދުވަހު ވެސް ފެންވަރަން ވަނީމެވެ. ހަމަ އެ ދުވަހު ވެސް ކަންތައްވީ ކުރިން ދުވަހު ކަންތައް ވީ ގޮތަށެވެ. ތިންވަނަ ދުވަހު ވެސް އެގޮތަށް ދިމާވިއެވެ. އެންމެފަހުން، ތުވާލީ ފެންފޮދެއް އުނގުޅައިލައިލާ ގައިގާ ހާކާލަނީ އެވެ. އެގޮތަށް ހެދުމުން އުނދަގުލެއް ނުވެއެވެ.

"ހަލީމާ! ފެން ނުވަރާ ތިގޮތަށް އުޅޭކަށް ނުވާނެ. އަދި އަމުދުން އަންހެނަކު ފެންވަރަން ޖެހޭ ހާލަތްތައް ވެސް ހުންނާނެ. ތިގޮތަށް ފެން ނުވަރާ އުޅެން ވެއްޖެނަމަ ބޮޑު ބައްޔެއް ޖެހިދާނެ. ސާފުތާހިރު ވަނީ ތިމާއާ އެހެން މީހުންގެ ރައްކަލަކަށް." ޒަރީނާ ވަރަށް އޯގާތެރިކަމާއެކު ވާހަކަ ދެއްކި އެވެ.

ބަދަލުގައި އަހަންނަށް އިސްކުރެވުނީ ރުޅިއެވެ.

"ކަލޭއަކަށް ނޭނގޭނެ މަށަށްވާ އުނދަގުލެއް. ފެންވެރުމުންވާ ގޮތްގޮތެއް. އެހެން ނޫނަސް މަ ގަޔަކު ނުބައި ވަހެއް ނުދޮވާނެ." އަހަރެން ހިތްހަމަ ނުޖެހެވުނެވެ.
"އަހަރެން މިހެން މި ބުނީ، ހަލީމާ ބޮނބިތަޅާއިރު ވެސް މުޅި ގައިގައި ހުންނާނީ ބޮނޑިކުނޑި. އެ ކުނޑިތައް އަތުން ފޮހެލައިގެން، މޫދަށް ފައިބެ ލޮނު ފެން އުނގުޅައިގެން ސާފެއް ނުވާނެ،" ޒަރީނާ ލަސްލަހުން ބުނެލި އެވެ. "ފެނާ ދުރުވީމަ ހަލީމާގެ ކުލަ ވެސް ތިހިރަ ބަދަލު ވަނީ، ކުރިން ތީ ކިހައި ރީތި ދޮން މީހެއް. މިހާރު މުޅި މީހާ ވެސް އަނދިރިވެ، ހިކެމުން ތި ދަނީ. ފެން ނުވަރާ ތިގޮތަށް އުޅުނީމަ ނަމާދެއް ވެސް ކުރެވޭނީކީ ނޫން. އަހަރެން ހައިރާން ވަނީ ބޮނބި ތަޅައިފައި މޫދުން އަތްފައި ދޮންނަ އިރު ތި ބުނާ އުނދަގޫ ނުވާތީ."

ޒަރީނާގެ ނަސޭހަތްތައް އިވެން ފެށުމުން އުނދަގޫވާން ފެށުނެވެ. އޭނާއާ ދުރުވެވެން ފެށުނެވެ. އެންމެފަހުން، ބޮޑުބޭބެއާއި ޒަރީނާއަކީ ހަތުރުން ކަމަށް ބެލެވެން ފެށުނެވެ. އަމިއްލައަށް ދިރިއުޅެން ފެށުނެވެ. އެކަނިވެރިކަން އިސްކުރެވެން ފެށުނެވެ. ފެންވެރުމާ ގުޅޭ ގޮތުން މީހަކު އެއްޗެއް ބުންޏަސް ހިތްހަމަ ނުޖެހެވި އެމީހަކާ ދިމާއަށް ހަޅޭއްލެވެން ފެށުނެވެ. ދުވަސްކޮޅެއްވީއިރަށް މީހުންގެ ކުދި ކިޔުންތައް ހުއްޓުނެވެ.

ބޮޑުބޭބެ ބާއްވަމުންއާ ގުޅުން ވެސް ހީނަރުވި އެވެ. އަހަރެން މުޅީން އެކަނި ވިއެވެ. އެއް ގޯތި ތެރޭގައި ދެ ބެއިން އުޅުނަސް، ހަތަރު ކަޅި ހަމަ ވެސް ކޮށް ނުލެވޭ ވަރު ވިއެވެ. ކިރިޔާ ކަމެއްވާ އިރަށް އަހަރެން ގޮސް އެ މީހުނަށް ހަޅޭއްލަވާތީ އެވެ. ކަމެއް ނުވިޔަސް، ފޫހިވުމުން އެމީހުންނާ ދިމާއަށް އެކި އެއްޗެހި ކިޔަމެވެ. މަލާމަތްކޮށް ހުތުރު ބަހުން ވާހަކަ ދައްކަމެވެ. އެހެންވެ ބޮޑުބޭބެގެ ދަރިން ވެސް އަހަރެން އުޅޭ ހިސާބަށް ނާދެ އެވެ.

ވަރަށް ވިއްސާރަ ދުވަހެކެވެ. ހެނދުނު ހޭލިއިރު ކަނާއަތަށް ހުރީ ފާޑެއްގެ ބާރެއް އަރައިފަ އެވެ. ހީކުރީ މޫސުން ބަދަލުވާތީ ވާގޮތެއް ކަމަށެވެ. އާދައިގެ މަތިން އަހަރެން ބޮނބި އޮޅަށް ދިޔައީމެވެ. ތެޅި ބޮނބިތައް ސާފުކޮށް ވަށްޓަށް އަޅައިގެން ގެއަށް އަންނަން ހިނގައި ގަތީމެވެ. އޭރު ކެރިގަނޑެއް އޮތީ ބޯމަތިކޮށްފަ އެވެ. އަހަންނަށް ބަލައިލެވުނީ މައްޗަށެވެ. ވާރޭ ކަނިކަނި ޖަހަމުން ދިޔަ އެވެ. އޭރު ކުރިއަށްވުރެ ކަނާއަތް ބަރުހެން ހީވާން ފެށި އެވެ. ވައަތަށް ވަށި ބަދަލު ކޮށްލީމެވެ. ދެ ފިޔަވަޅު އެއްކުރަމުން ގެއަށް އައިސްވަނީމެވެ. އޭރު ވެސް ކަނާއަތަށް ހުރީ ވާން ވެފަ އެވެ. ދުލަށް ވެސް ބަރުވަމުން ދިޔަހެން ހީވި އެވެ. ދޫ ހިއްލައިލެވޭ ވަރެއް ނުވިއެވެ. މަޑުމަޑުން ބޭރަށް ނުކުމެ ބަލައިލީމެވެ. ބޮޑުބޭބެމެންގެ ޚަބަރެއް ވޭތޯއެވެ. އޭރު ކޮންމެ ވެސް ވަރަކަށް ވާރޭ ވެހެން ފަށައިފި އެވެ. ކޮރު ޖަހަމުން ކަހަލަ ގޮތަކަށް ބޮޑުބޭބެގެ ގެއާ ދިމާއަށް މިސްރާބު ޖެހީމެވެ.

ބޮލާއި މޫނު ތެމުނެވެ. އަނެއްކާ ވެސް އެއް ކަލަހެން ވާން ފެށި އެވެ. ގައިން ހީބިހި ނަގައިމުން ގޮސް މީހާ ތުރުތުރު އަޅަން ފެށި އެވެ. ދެއަތާއި ދެފައި ތުރުތުރުއަޅަން ފެށި އެވެ. މާދުރަށް ދެވޭ ގޮތެއް ނުވިއެވެ. ކަނާއަތު ފައި ހިއްލައިލެވޭ ގޮތް ނުވީ އެވެ. ފައިން ވަރު ގޮސް ބަރުވީ އެވެ. ކަނާއަތު އަތް ވެސް ގުޑުވާ ނުލެވުނީ އެވެ. އެންމެ ފަހުން މީހާ އެ ހުރި ގޮތަށް މޫނުވަތަށް ވެއްޓުނީއެވެ. އޭރު ކެރިގަނޑު ބޯ ކޮށްލައިފި އެވެ. އަހަންނަށް ބަލައިލެވުނެވެ. ބޮޑުބޭބެމެން ގެއިން މީހަކު ފެނޭތޯ އެވެ. އަހަރެން ވެއްޓުނު އިރަށް ޒަރީނާއާއި މުނީރާ ދުވެފައި އައެވެ. މުނީރާއަކީ ބޮޑުބޭބެގެ ދޮށީ ދަރި އެވެ.

"ބޮޑުދައިތަ މާ ވަރަކަށް ބިރު ގަންނަނީއޭ. ފެނަކީ ބިރެއް ނޫނޭ ބޮޑުދައިތާ. މި މިހާރު ކޮންމެ ދުވަހަކު ވެސް ކުރާ ކަމެއްނު." މުނީރާގެ އަޑު އިވުމުން އަހަންނަށް ބަލައިލެވުނެވެ.

ލޮލަށް ޖަމާވެފައިވާ ކަރުނަތައް އޮހިގަތެވެ. އަވަސްއަވަހަށް އެސްފިޔަ ޖަހައިލެވުނެވެ. މާޒީގެ ހަނދާންތަކުން ނިކުމެވުނެވެ. އެ ހިތްދަތި އިހުސާސްތައް ބޮލުން ނެރެލެވޭތީ ބެލީމެވެ.
"ބައްޕަ ބުނި މިއަދު ޑޮކުޓަރު އަންނާނޭ ގެއަށް ބޮޑުދައިތަ ބަލަން." މުނީރާގެ އަތުގައި އޮތް ތުވާލި ނަގައި އަހަރެންގެ ގައިގައި ޖައްސާލި އެވެ.
ހަންގަނޑަށް ލުއި އަރާމެއް ލިބުނެވެ. ނަމަވެސް މޭގެ ތެޅުން އަވަސްވަމުން ދިޔަ އެވެ. ތެތް ތުވާލި ހަށިގަނޑުގައި ޖެހޭ ކޮންމެ ފަހަރަކު ހަށިގަނޑަށް ކަށިތަކެއް ހެރޭކަހަލަ އިހުސާސެއް ކުރެވެން ފަށަ އެވެ.
"ހަމަޖެހިލާތި، އިރާދަކުރެއްވިއްޔާ ބޮޑުދައިތަ އަދި ރަނގަޅުވާނެ. ވާހަކަ ވެސް ދެއްކޭނެ. ފިނި ބަލިން ވެސް ސަލާމަތްވާނެ." މުނީރާ އޯގާތެރިކަމާއެކު ވާހަކަދެއްކިއެވެ.
އަހަންނަށް ބަލައިލެވުނީ ޒަރީނާގެ އަޑު އިވުމުންނެވެ.
"ބޮޑުދައިތަ އަކީ މި ރަށުގައި ހުރި އެންމެ ރީތި އެކަކު. ފެންވަރާ ސާފުވެލީމަ މިހާރު ވެސް އެ ރީތިކަން އެބަ ފެނޭ." ޒަރީނާ ހިނިތުންވެލި އެވެ.
"އާނ. މަންމާ އެ ވެސް ބައްޔެކޭ! ފެން ދެކެ ބިރުގަތުން. ފެންވަރާ ހިތް ނުވުން. އެއީ ހައިޑުރޯފޯބިއާ ކިޔާ ނަފުސާނީ ބައްޔެއް. ހަޔާތުގަ ދިމާވާ ކޮންމެ ވެސް ކަމަކުން މި ބަލި ޖެހިދާނެ. މާބޮޑަށް ހާސްވެ ކަންބޮޑުވާނަމަ ވެސް. ބޮޑުދައިތައަށް އެ ހުރީ އޭރު ދިމާވި ކަންކަމުން އެ ބަލި ޖެހިފަ، އޭރު މީހުންގެ ހޭލުންތެރިކަން ކުޑަވީމަ ނޭނގުނީ." މުނީރާ އަހަރެން މޫނުގައި ތުވާލު ޖައްސަމުން ވާހަކަ ދެއްކި އެވެ.
"މަންމައަކަށް ތިއެއް ނޭނގެ. ފެނާ ދުރު ވެގެން މުސްލިމުންނަކަށް ނޫޅެވޭނެ. ފެންވަރަށް ޖެހޭނެ. ނަމާދު ވެސް ކުރެވޭނީ ފެންވަރައިގެން." ޒަރީނާ ބޭރަށް ނުކުތެވެ.
"ބޮޑުދައިތަވާނެ ނަމާދު ވެސް ކުރަން. އޮށޯވެ އޮވެގެން ވެސް ނަމާދު ކުރެވޭނެ. އުމުރުގެ ހުރިހާ ދުވަހެއް ތި ދިޔައީ ނަމާދެއް ވެސް ނުކޮށް، ޤުރުއާން އަކުރެއް ވެސް ނުކިޔަވާ." އަހަރެންގެ ބޮލުގައި ތެޔޮ އުނގުޅައިލަމުން މުނީރާ ބުނެލި އެވެ. "އެކި ކަހަލަ ބަލި އެކި މީހުންނަށް ޖެހޭނީ. ކޮންމެ މީހަކު ވެސް ޖެހޭނީ ހިތްވަރު ކުރަން. ބޮޑުދައިތަ ވެސް ދިރިއުޅެން ކުރީ ހިތްވަރު. އެކަނިމާ އެކަނި ދިރިއުޅުނީ ހިތްވަރު ކޮށްގެން. މަދުވީ އެންމެ ކަމެއް. ސާފުތާހިރުވުމާއި ދީނީ ކަންކަން. އަދިވެސް ވަގުތު އެބައޮތް ތައުބާވެ ދީނީ ކަންކަމަށް ފަރުވާތެރި ވާންވީ."

އަހަންނަށް ވިސްނައިލެވުނެވެ. މުނީރާގެ އެ ވާހަކަތަކަކީ ކިހައި ތެދު ވާހަކަތަކެއް ހެއްޔެވެ؟ ދިރިއުޅުމުގެ ހަނގުރާމައިގައި އަހަންނާ ކުރިމަތިވީ ކޮންފަދަ ބޮޑު ކޮޅިގަނޑެއް ހެއްޔެވެ؟ އެއް ކަންތައް ނިމޭއިރު އަނެއް ކަންތަކެވެ. އެ ހުރިހާ ކަމަކަށް ވެސް އަހަރެން ކެތްތެރިވީމެވެ. ކެތްކުރީމެވެ. ދިރިއުޅެވޭތޯ ބެލީމެވެ.

އުއްމީދާއެކު އެޅި ހަޔާތުގެ ބިންގާ ވެސް ޣަރަގުވީ އެވެ. ނުވަމަހުގެ އިންތިޒާރަކަށް އެންމެ ފަހަރަކު ރޮއިލާ އަޑުއިވުމަށް ފަހު ދަރިފުޅު ވެސް ދިޔައީ އެވެ. އަހަރެން މުޅީން އެކަނީވީ އެވެ. އެހުރިހާ ކަމެއް އަހަންނަށް މާނަ ކުރެވުނީ ނުބައިކޮށެވެ. އަހަންނަށް ޤަބޫލު ކުރެވުނީ އަހަންނަކީ އެކަނި އުޅެން ޖެހޭ މީހެއް ކަމަށެވެ. ހަޔާތުނާމާއިން ދިން މެސެޖަކީ އެއީ ކަމަށެވެ.

އަހަރެން ހީކުރީ ވެސް އެކަނި އުޅެވޭނެ ކަމަށެވެ. ގިލަންވެރިކަން ތަހައްމަލު ކުރެވޭނެ ކަމަށެވެ. އެކަކު ނެތަސް އެކަނި އުޅެން ދަސްވާނެ ކަމަށެވެ. މިއަދު، އަހަންނަށް ވިސްނިއްޖެ އެވެ. ދިރިއުޅެން ޖެހެނީ އެކަންޏެއް ނޫނެވެ. އެހެން މީހުންނާ އެކުގަ އެވެ. އެއްވެސް މީހަކީ އެކަނި އުޅެން ފޮނުއްވި މީހެއް ނޫނެވެ. އެކަކަށް ވެސް އެކަންޏެއް ނޫޅެވޭނެ އެވެ. އެގޮތަށް ވިސްނޭ ނަމަ އެއީ މޮޔަ ވިސްނުމެކެވެ. އަހަންނަށް ކުރެވުނީ މޮޔަ ޚިޔާލެކެވެ. ވިސްނުނީ ގޯސް ކޮށްނެވެ. މިއީ ހަގީގަތެވެ. ދިރިއުޅުމުގެ މި ހަގީގަތް އެންމެ ވެސް ގަބޫލު ކުރާނެއެވެ. މިއީ ހަގީގީ ހަދިސާއެއްކަން ވެސް ގަބޫލު ކުރާނެ އެވެ. މިކަން ތަޖުރިބާ ކުރި މީހުން ވެސް ތިބޭނެ އެވެ. (ނިމުނީ)