ދުނިޔެ

އީރާނުން ހަމަލާދިނުމާ ގުޅިގެން އިޒުރޭލުގެ ހުރިހާ އެއާޕޯޓެއް ބަންދުކޮށްފި

އީރާންގެ އިސްލާމިކް ރިވޮލޫޝަނަރީ ކޯޕް ގާޑްސް (އައިއާރުސީޖީ) އިން އިޒުރޭލަށް ބެލިސްޓިކް މިސައިލުން ދިން ހަމަލާތަކާ ގުޅިގެން، އިޒުރޭލުގެ ހުރިހާ އެއާޕޯޓެއް ބަންދުކޮށްފި ކަމަށް އިޒުރޭލުގެ އެއާޕޯޓް އޮތޯރިޓީ ބުނެފި އެވެ.

އެއާޕޯޓްތަކަށް ފުރަން ގޮސް ތިބި ހުރިހާ ފަޅުވެރިން -- އެއްވެސް ގައުމެއް ތަފާތުނުކޮށް، ރައްކާތެރި ތަންތަނަށް ގެންގޮސްފައިވާ ކަމަށް ވެސް އެއާޕޯޓްސް އޮތޯރިޓީން ބުންޏެވެ.

އީރާނުން ބެލިސްޓިކް މިސައިލުން އިޒުރޭލަށް ހަމަލާދީފައިވާ ކަމަށް، އިޒުރޭލުގެ ދިފާއީ ބާރު އިޒުރޭލު ޑިފެންސް ފޯސް (އައިޑީއެފް) އިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

އީރާންގެ މި ބަދަލުހިފުމަކީ ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އާއި ހިޒުބުﷲގެ ލީޑަރު ހަސަން ނަސްރުﷲ އިޒުރޭލުން މަރާލާފައި ވާތީ ހިފި ބަދަލުހިފުމެއް ކަމަށް އައިއާރުސީޖީން ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

އީރާންގެ މީޑިއާތަކާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން އިޒުރޭލުގެ އެކި އަވަށްތަކަށް އަމާޒުކޮށް އީރާނުން 400 އަށް ވުރެ ގިނަ ބެލިސްޓިކް މިސައިލް ހަމަލާ ވަނީ ދީފަ އެވެ.