ދުނިޔެ

ރަޝިއާގެ ރައީސް ޕޫޓިން އީރާންގެ ރައީސްއާ ބައްދަލުކުރައްވަނީ

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އަންނަ ހުކުރު ދުވަހު ތުރުކުމެނިސްތާނަށް ވަޑައިގަންނަވާނެ އެވެ. އެއީ ސަރަހައްދީ ގައުމުތައް ގުޅިގެން ބާއްވާ ފޯރަމެއްގައި ވާހަކަދެއްކެވުމަށެވެ.

މި ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް އީޜާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވެސް ތުރުކުމެނިސްތާނަށް ވަޑައިގަންނަވާނެ އެވެ.

މި ދަތުރުގައި ރަޝިއާ އާއި އީރާންއާ ދެމެދު މުހިންމު ބައްދަލުވުމެއް ހިނގައިދާނެ އެވެ. އެއީ ދެ ގައުމުގެ ރައީސުން ބައްދަލުކުރެއްވުމެވެ.

ރަޝިއާގެ ރައީސް އާއި އީރާންގެ ރައީސް އެއްމޭޒުދޮށުން ބައްދަލުކުރެއްވުން މި ދުވަސްވަރު މުހިންމު ވަނީ ހަމައެކަނި މި ދެ ގައުމުގެ ރައްޔިތުންނަކަށް ނޫނެވެ. މި ދެ ލީޑަރުން ބައްދަލުކުރައްވައި ކުރައްވާ މަޝްވަރާތައް މުޅި ދުނިޔެއަށް ވެސް މުހިންމެވެ.

އީރާން މިހާރު އެ އޮތީ އިޒުރޭލުން ހަމަލާދީފާނެ ކަމަށް ތައްޔާރަށެވެ. އިޒުރޭލުގެ ހަމަލާތަކެއް އީރާނަށް އަރައިފި ނަމަ ދެން ކަންތައްކުރާނެ ގޮތް ވަރަށް ރަނގަޅަށް ރާވާފައި އޮތް ކަމަށް އީރާން ބުނެ އެވެ.

އީރާންގެ ރައީސް، ރަޝިއާގެ ރައީސްއާ ބައްދަލުކުރައްވައި މި ރޭވުންތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށް ބެލެވެ އެވެ. އަދި ހުޅަނގުން އީރާނަށް ދަތިކުރަން ކުރާ މަސައްކަތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރައްވާނެ އެވެ.

މެދުއިރުމަގީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއަށް އީރާން އޮތީ ވަރަށް ރަނގަޅަށް ވަދެފަ އެވެ. މީގެ އެއް އަހަރު ކުރިން އިޒުރޭލު ސިފައިން ފަށައިގަތް ގައްޒާ ހަނގުރާމަ ފެށުމުގައި ވެސް އީރާންގެ ބައިވެރިވުން އޮތް ކަމަށް ބުނެވިދާނެ އެވެ.

އީރާން އާއި ރަޝިއާ އަކީ އަސްކަރީ ގޮތުންވެސް މިހާރު ވަރަށް ގާޓް ދެ ގައުމެވެ.

ރަޝިއާ ޔުކްރޭން ހަނގުރާމާގައި، ޔުކްރޭނަށް ހަމަލާދިނުމަށް ޑްރޯނާއި މިސައިލް، އީރާނުން ރަޝިއާއަށް ފޯރުކޮށްދޭ ވާހަކަ އަކީ މިހާރު ދައްކާ ބާވެފައި އޮތް ވާހަކައެކެވެ.

ޣައްޒާގައި ހަރަކާތްތެރިޥާ ހަމާސް ޖަމާއަތަށާއި ލުބްނާންގައި ހަރަކާތެރިވާ ހިޒްބުﷲ އަދި ޔަމަނުގެ ހޫސީންނަކީ ވެސް އީރާންގެ މަދަދާ އެކު ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކެކެވެ. މި ޖަމާއަތްތަކަށް ހަތިޔާރު ފޯުރުކޮށްދެނީ އީރާނުން ކަމަށް ރަސްމީކޮށް އެ މީހުން ނުބުންޏަސް، އެކަން ހިނގާ ގޮތަކީ މިއީ އެވެ.

އީރާން މިހާރު އޮތް ފައްތަރުގެ ގޮތުން ރަޝިއާގެ އެހީތެރި ކަމަށް ބޭނުންޖެހުމަކީ ވަރަށް ގާތް ކަމެކެވެ.

ދެ ރައީސުން ބައްދަަލުކުރައްވައި ދެކެވޭ ވާހަތަކުގައި -- އެއްގައުމު އަނެއް ގައުމަށް އެހީތެރިވުން ފުޅާކުރުމާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވާނެ އެވެ.