ދުނިޔެ

އިޒުރޭލާއި އީރާނަށްޓަކައި ހަނގުރާމައިގެ މައިދާނަކަށް އުރުދުން ނުވަންނާނެ: ހާރިޖީ ވަޒީރު

އުރުދުންގެ ވައިގެ ސަރަހައްދަށް ވަދެއްޖެ ކޮންމެ އެއްޗެއް ވައްޓާލާނެ ކަމަށް އެ ގައުމުގެ ހާޖިރީ ވަޒީރު އައިމަން ސަފާދީ ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ އިޒުރޭލަށްޓަކައި އަދި އީރާނަށްޓަކައި ވެސް ހަނގުރާމައިގެ މައިދާނަށް އުރުދުން ނުވާނެ ކަމަށެވެ.

އައިމަން ސަފާދީ ވިދާޅުވި ގޮތުގައި އިރާނުން އިޒުރޭލަށް ހަމަލާދީފިނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ ހަނގުރާމައިގެ ބައިވެރިންނެވެ. އަވަށްޓެރި ގައުމުތަކުން ހަނގުރާމައިގެ ތެރެއަށް ވަންނާނެ ކަމަށް އުއްމީދު ނުކުރުމަށްވެސް އެދިވަޑައިގެންނެވި އެވެ.

އައިމަން ވިދާޅުވީ އަވަށްޓެރިންނަށް ނުރައްކާ އޮތް ހަނގުރާމައެއްގައި އެއްވެސް ބަޔަކަށް އުރުދުންގެ ތާއިދު ނޯންނާނެ ކަމަށާއި ހަނގުރާމައަށް ވުރެ އުރުދުންނަށް މުހިއްމީ މަޝްވަރާ ކަމަށެވެ.

އުރުދުންގެ ހާރިޖީ ވަޒީރު މި މޭރުމުން ވާހަކަދެއްކެވި ސަބަބަކީ، ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އީރާންގައި ހުއްޓައި އިޒުރޭލުން މަރާލުމާ ގުޅިގެން އުފެދިފައި އޮތް ނުތަނަވަސްކަން ހަނގުރާމައަކަށް ބަދަލުވެދާނެތީ އެވެ.

އީރާންގެ މެހެމާނަކަށް ހަމަލާދީ މަރާލުމަކީ އެއްގޮތަކަށްވެސް ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް އީރާން އޮތީ ބުނެފަ އެވެ. އަދި އިޒުރޭލުގެ ކިބައިން ބަދަލުހިފާނެ ކަމަށްވެސް އޮތީ ބުނެފަ އެވެ.

އީރާނުން އިޒުރޭލަށް ހަމަލާދީފިނަމަ ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ، ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް އަދި ޔަމަނުގައި ހަރަކާތްތެރިވާ ހޫސީން މި ހަނގުރާމާގައި ބައިވެރިވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

އީރާނާއި އިޒުރޭލާ ދެމެދު ހަނގުރާމައެއް ފެށިއްޖެނަމަ މެދުއިރުމަތި ވަރަށް ބޮޑަށް ނުރައްކާވާނެ އެވެ. ހަމަލާ ބަދަލުކުރުމުގެ ތެރޭގައި ކައިރި ގައުމުތަކަށް ވެސް ބޮޑެތި ގެއްލުން ލިބުމުގެ ފުރުސަތު ބޮޑެވެ.

އިޒުރޭލު ސިފައިން ޣައްޒާއަށް ދެމުންދާ ފަނާކުރަނިވި ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގައި މިހާރުވެސް ވަނީ ހުޅުހިފާފަ އެވެ. ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމާއި ދިރި ތިއްބައި އެންދުން ފަދަ އަނިޔާތައް އިޒުރޭލުން ދަނީ އާންމުނަށް ކުރަމުންނެވެ.

އިޒުރޭލުގެ ހަމަލާތަކުގައި ޣައްޒާއިން 39،800 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ. އެކަމަކު އަދިވެސް ހަނގުރާމަ ނިންމާނެ ދުވަހެއް އެކަކަށް ވެސް ނޭނގެ އެވެ.