ދުނިޔެ

"ހިޒްބުﷲ އަށް އިޒުރޭލުގެ އާންމު ދިރިއުޅުމަށް ވަރަށް ބޮޑަށް ދަތިކުރެވިދާނެ"

އިޒުރޭލުގެ އާންމު ދިރިއުޅުން ނިމުމަކަށް ގެނެސް އާންމު ރައްޔިތުން ބިންގަރާހަށް -- ބިމުއަޑިއަށް ފޮނުވާލުމުގެ ކުޅަދާނަކަން ހިޒްބުﷲ އަށް ލިބިފައިވާ ކަމަށް މިޑްލް އީސްޓް އިންސްޓިޓިއުޓްގެ ފެކަލްޓީ މެމްބަރު، ފުރްކާން ހަލީތު ޔޮލްޖޫ ވިދާޅުވެއްޖެ އެވެ.

ފުރްކާން ހަލީތު ޔޮލްޖޫ ވިދާޅުވި ގޮތުގައި ހަމާސް އާއި ހިޒްބުﷲ އަޅާކިޔޭނެ އެއްވެސް ގޮތެއް ނެތެވެ. އަސްކަރީ ގޮތުން ހިޒްބުﷲ އަކީ އަޅާނުލައި ދޫކޮލެވޭ ވަރުގެ ކުޑަކުޑަ ބާރެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިޒްބުﷲ އަކީ މިސައިލާއި ވައިގެ ދިފާއީ ބާރު ލިބިފައިވާ ގައުމީ ފެންވަރުގެ އަސްކަރިއާއެއް ކަމަށް ވެސް ޔޮލްޖޫ ވިދާޅުވި އެވެ. ހިޒްބުﷲއާ ދިމާކޮށްފި ކޮންމެ ފަަދަ އަސްކަރީ ބާރަކާ ކުރިމަތިލުމުގެ ކުޅަދާނަކަށް އެ ޖަމާއަތަށް ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޔޮލްޖޫ ވިދާޅުވި ގޮތުގައި ހިޒްބުﷲއަށް ގެެއްލ؛ުމެއް ދީފި ނަމަ އެ ބަޔަކަށް އެއަށްވުރެ ބޮޑު ގެއްލުމެއް ދިނުމުގެ ކުޅަދާނަކަން ހިޒްބުﷲ އަތުގައި ހުރި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭގެ މިސާލަކީ ޔޮލްޖޫ ވިދާޅުވި ގޮތުން ހިޒްބުﷲ އިން އިޒުރޭލަށް މިދާކަށް ދުވަހު ދިން ރޮކެޓް ހަމަލާތަކާ ގުޅިގެން މުޅި އިޒުރޭލުގައި ކުއްލި ނުރައްކާ އިއުލާންކުރުމެވެ. އަދި އާންމުގެ އެތައް ހާސް ބަޔަކު ބިންގަރާހަށް -- ބޮމާއި މިސައިލުން ރައްކާތެރިވުމަށް ބިމުއަޑީގައި ހަދާފައި ހުރިި ހިޔާވަހިކަމަށް ވަތްކަމަށް އޭނާ ވިދާޅުވި އެވެ.

ހިޒްބުﷲ އަށް ހަނގުރާމަކުރަން ކެރޭނެ ކަމަށް ވެސް ޔޮލްޖޫ ވިދާޅުވި އެވެ. އެ ޖަމާއަތުގައި ކުޅަދާނަ ހަނގުރާމަވެރިން -- ގައުމެއްގެ އަސްކަރިއްޔާއެއް ތަމްސީލުކުރެވޭހާ ގިނަ ިސިފައިން ތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިޒުރޭލުން ހިޒްބުﷲއަށް ހަމަލާދެނީ ވަރަށް ބޮޑަށް ވިސްނައި ފަރުވާތެރި ކަމާއެކު ކަމަށް އޭނާ ވިދާޅުވި އެވެ. އިޒުރޭލުން ހަދާ ގޯހެއްގެ ސަބަބުން، އިޒުރޭލުގެ އާންމު ރައްޔިތުން ދުވަސްތަކެއް ވަންދެން ބިމުއަޑީގައި ތިބެން ޖެހިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާ އަދި އިޒުރޭލުން ވެސް ހިޒްބުﷲއާ އެކު ބޮޑު ހަނގުރާމައަކަށް ދާން ބޭނުންނުވަނީ، ހިޒްބުﷲއާ ހަނގުރާމަކުރުމަކީ ވަރަށް ބޮޑު ޚަރަދަކަށް ވާނެތީ ކަމަށް ވެސް ޔޮލްޖޫ ވިދާޅުވި އެވެ.

އިޒުރޭލަށް ބޭނުންވާ އަސްކަރީ އެހީ އަކީ އެމެރިކާއިން ފޯރުކޮށްދޭ އެހީ ކަމަށް ވާތީ، އެމެރިކާގެ ހަތިޔާރު ގުދަންތަކަށް ނުބައި އަސަރުކޮށްފާނެ ކަމަށް އޮތް ބިރަށްޓަކައި ވެސް ހިޒްބުﷲއަށް ބޮޑު ގެއްލުމެއް ދޭނުން އެމެރިކާ ބޭނުން ނުވަނީ ކަމަށް ޔޮލްޖޫ ވިދާޅުވި އެވެ.