ދުނިޔެ

ޕޭޖަރުތައް ގޮއްވާލީ އިޒުރޭލުން، ބަދަލުހިފާނަން: ހިޒްބުﷲ

ހިޒްބުﷲ ހަނގުރާމަވެރިން ބޭނުންކުރާ ޕޭޖަރުތަކެއް -- އެއްފަހަރާ އެތައް ސަތޭކެ ޕޭޖަރެއް ގޮއްވާލައި އެ ޖަމާއަތަށް ނުތަކާވަރުގެ ބޮޑު ގެއްލުމެއް ދިން ބަޔަކީ އިޒުރޭލު ކަމަށް ހިޒްބުﷲއިން ބުނެފި އެވެ.

މި ހަމަލާގެ ބަދަލު ހިތި ގޮތަކަށް ހިފާނެ ކަމަށް ވެސް ހިޒްބުﷲއިން ބުންޏެވެ.

ލުބްނާންގެ މުވާސަލާތީ ނެޓްވޯކަށް އަންގާރަ ދުވަހު އިޒުރޭލުން ވަދެގަނެ، ހިޒްބުﷲ ހަނގުރާމަވެރިން އުޅޭ ސަރަހައްދަށް ޚާއްސަކޮށް ދިން ސައިބާ ހަމަލާގައި އަށް މީހަކު ވަނީ މަރުވެފަ އެވެ. އިތުރު 3،000 އަށް ވުރެ ގިނަ މީހުންނަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ. އަނިޔާ ލިބުނު މީހުންގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެ އެވެ.

މި ހަމަލާއާ ގުޅިގެން ހިޒްބުﷲއިން ނެރުނު ބަޔާނެއްގައި އިޒުރޭލުގެ މި އަނިޔާވެރި އަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށްފައި ވެއެވެ. މި ހަމަލާއަށް ބޭނުން ވަނީ ހޫނުގަދަ ބަދަލެއް ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އިޒުރޭލުގެ މި ހަމަލާގެ ސަބަބުން ހިޒްބުﷲގެ ހަމަލާތައް އިތުރުވާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ. އަދި ސީދާ ހަނގުރާމައަކަށް ދާން ޖެހުނު ނަމަވެސް ދޫކުރުމެއް ނެތް ކަމަށް ވަނީ ބުނެފަ އެވެ.

އިޒްބުﷲއިން ބުނާ ގޮތުން އެ މީހުން އަބަދުވެސް ތިބޭނީ ޣައްޒާގައި ތިބި އެ މީހުން އަޚުންނާ އެކު އެވެ. އަދި ގުދުސް މިނިވަންކުރަން ކުރަމުން ގެންދާ ހަނގުރާމަ ފުޅާކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ހުޅަނގު އައްސޭރި އާއި މަސްޖިދުލް އަގްސާ މިނިވަންކުރުމުގައި ޒަމާން ނިމެންދެން ދެމިތިބޭނެ ކަމަށް ވެސް ހިޒްބުﷲގެ ބަޔާނުގައި ބުނެފައި ވެއެވެ.