ދުނިޔެ

ޕޭޖަރުތަކަށް ފަހު ހިޒްބުﷲގެ ވޯކީޓޯކީތަކެއް ގޮއްވާލައިފި

ލުބްނާންގައި މިއަދުވެސް އެއްފަހަރާ ޑިވައިސްތަކެއް ގޮއްވާލައިފި އެވެ. ލުބްނާންގެ އަލްޖަދީދު ޓީވީން ބުނި ގޮތުން މިއަދު ގޮއްވާލާފައި ވަނީ ހިޒްބުﷲ ހަނގުރާމަވެރިން ބޭނުންކުރާ ވޯކީޓޯކީތަކެކެވެ.

މި ހާދިސާގައި ތިން މީހަކު މަރުވެ އަދި 300 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ލުބްނާންގެ ހެލްތު މިނިސްޓްރީން ބުންޏެވެ.

ލުބްނާންގައި އިއްޔެ ގޮއްވާލި ޕޭޖަރުތަކުގެ ސަބަބުން 12 މީހަކު ވަނީ މަރުވެފަ އެވެ. އަދި 3،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ އާންމު ބަޔާނުގައި ބުނެފައި ވެއެވެ.

ޕޭޖަރުތައް ގޮއްވާލީ އިޒުރޭލުންކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް، މި ހަމަލާއާ ބެހޭ ގޮތުން އިޒުރޭލުން އަދި ވާހަކައެއް ނުދައްކަ އެވެ.

ޕޭޖަރުތައް ގޮއްވާލި ގޮތާ ބެހޭ ގޮތުން ކުރިން ބުނެވުނީ އެކަންކުރީ ލުބްނާންގެ މުވާސަލާތީ ނެޓްވޯކަށް ވަދެގަތުމަށް ފަހު ޕޭޖަރުގެ ސޮފްޓްވެއާއަށް ބަދަލު ގެނެސްގެން ކަމަށެވެ.

ނަމަވެސް، އެމެރިކާގެ ނޫސްތައް ބުނާ ގޮތުން ޕޭޖަރުތައް ގޮއްވާލާފައި ވަނީ ހިޒްބުﷲއާ ހަމައަށް ޕޭޖަރުތައް ދިއުމުގެ ކުރިން ޕޭޖަރުތަކުގައި ގޮވާއެއްޗެއް ވަޅުލައިގެންނެވެ.

ޕޭޖަރުތައް އުފެއްދީ ޓައިވާނުގެ ކުންފުންޏަކުން ކަމަށް ރިޕޯޓްތައް ބުނެ އެެވެ. ނަމަވެސް، ޕޭޖަރުތައް އުފެއްދި ކަމަށް ބުނާ ޓައިވާން ކުންފުނިން ބުނީ އެ މީހުންނަކީ ގޮވާ ޕޭޖަރު އުފައްދާ ކުންފުންޏެއް ނޫން ކަމަށެވެ.

ހިޒްބުﷲ ހަނގުރާމަވެރިން ބޭނުންކުރާ ވޯކީޓޯކިީތައް ގޮއްވާލުމަށް ވެސް އިޒުރޭލުގެ ޖާސޫސުން ކޮށްފައި ވަނީ ދާދި އެއް ކަމެއް ކަމަށް ޚަބަރުތައް ބުނެ އެވެ.

ގޮވާފައި ހުރި ވޯކީޓޯކީތަކުން ފެންނަނީ ތަންގަނޑެއް ގޮވައި ފޫވެއްޓިފައިވާތީ އެވެ. އަދި ވޯކީޓޯކީގެ ބޮޑުބައެއް އަނދާފައިވާ ތަން ވެސް ފެނެ އެވެ.

ހިޒްބުﷲ ޖަމާއަތުން ބުނި ގޮތުން ދުވަހަކުވެސް އެ މީހުން މިވަރުގެ ލަނޑެއް ނުލިބެ އެވެ. އަދި މިއީ ހަނގުރާމައިގެ އުކުޅެއް ނޫން ކަމަށްވެސް ވަނީ ބުނެފަ އެވެ.

މި ހާދިސާގެ ސަބަބުން ހަނގުރާމައާ ގުޅުމެއް ނެތް އެތައް ބަޔަކު އަނިޔާވެ އަދި މަރުވި މީހުންގެ ތެރޭގައި ވެސް ހަނގުާމައާ ގުޅުމެއް ނެތް މީހުން ހިމެނޭ ކަމަށް ހިޒްބުﷲ ބުނެ އެވެ.

އިޒުރޭލުގެ ކިބައިން މިކަމަށް ބަދަލުހިފާނެ ކަމަށްވެސް ހިޒްބުﷲ ޖަމާއަތުން ބުންޏެވެ. އަދި ދިލަ ގަދަ ހަމަލާތަކަކަށް އިންތިޒާރުކުރުމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.