ދުނިޔެ

އީރާން ދުނިޔޭގެ ޗާޓުން ފޮހެލާނަން: ޔަހޫދީން

ޔަހޫދީ އަވަށްތަކަށް އޮކްޓޯބަރު ހަތެއްގައި ހަމާސްއިން ދިން ކުއްލި ހަމަލާތަކަށް ފަހު، ޔަހޫދީ އަސްކަރީ ޖެޓުތަކުން ޣައްޒާއަށް ދޭންފެށި ހަމަލާތައް އަދިވެސް ހުއްޓައެއް ނުލަ އެވެ.

ޔަހޫދީ އަސްކަރިއްޔާއިން އެެއްގަމު މަގުން ޣައްޒާއަށް އަރައިގަންނަށް ތައްޔާރުވަމުން އަންނައިރު، މިހާރު އޮތް ބިރަކީ ހަނގުރާމައިގެ ތެރެއަށް ހިޒްބުﷲ ވަދެގަނެފާނެ ކަމަށް އޮތް ބިރެވެ.

ޔަހޫދީ އިކޮނޮމިކް މިނިސްޓަރު ނީރު ބަރުކާތު ވިދާޅުވި ގޮތުގަައި ހިޒްބުﷲ އަށް ބުއްދިލައިދީގެން ހަނގުރާމައިގެ ތެރެއަށް ވައްދައިފި ނަމަ، ދުނިޔޭގެ ޗާޓުގައި އީރާނަށް އޮތް ތަނުގައި ހަނގުރާމައަށް ފަހު އީރާނެއް ނޯންނާނެ އެވެ.

އީރާން މެދުއިރުމަތިން ފޮހެލާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެ އިންޒާރުދެއްވާފަ އެވެ.

ހަމާސް އާއި އިސްލާމިކް ޖިހާދު އަދި ހިޒްބުﷲ އަކީ މެދުއިރުމައްޗަށް ފެތުރިފައި އޮތް ހަރުފައެއް ކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރު ވިދާޅުވި ޔަހޫދީ ދައުލަތަށް އޮތް ބިރު ފިލައިދާނީ ހަރުފައިގެ ބޯ ކަނޑާލުމުން ކަމަށެވެ.

ހަރުފައިގެ ބޮލަކީ އީރާން ކަމަށް އޭނާ ވިދާޅުވި އެވެ.

ޔަހޫދީ ދައުލަތަށް ގޯނާކޮށްފައި އިރާންގެ ވެރިންނަށް ހަމަނިދި ނިދަން ނުކެރޭނެ ކަމަށް ވެސް ޔަހޫދީ ވަޒީރު ވިދާޅުވި އެވެ.

ޣައްޒާ ހަނގުރާމައިގެ ތެރެއަށް ހިޒްބުﷲ ވަދެގަނެ ޔަހޫދީ ދައުލަތަށް ދުއްތުރާކޮށްފި ނަމަ ލުބްނާނަށް ކުޅިދައްކާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވި ދުވަހަކު ދެން ޔަހޫދީންނާ ދެކޮޅަށް ހަމަލާއެއް ދޭނުން ނުކެރޭ ވަރު ކުރައްވާނެ ކަމަށެވެ.

މެދުއިރުމަތީ ދައުލަތްތަކަށް ހިޒްބުﷲ ދައްކަންޖެހޭ އަގުބޮޑުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔަހޫދީ އަބާދީތަކަށް ހަމަލަދެނެ ގޮތްފޮތް ކިޔައިދެނީ އީރާނުން ކަމަށާއި ފަންނީ ލަފާގެ އިތުރުން ހަތިޔާރު ސަޕްލައިކޮށްދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޣައްޒާއަަށް މިހާރު ވަމުންދާ ގޮތް ބަލައި އެކަމުން އުނގެނުމަށް އިކޮނޮމިކް މިނިސްޓަރު ހިޒްބުﷲ އަށާއި އީރާނަށް ގޮވާލެއްވި އެވެ.

ޔަހޫދީ ސަރުކާރު އޮތީ އެމެރިކާގެ ފުރިހަމަ ތާއީދުގައި ކަމަށް ވިދާޅުވެ އީރާނަށް އިންޒާރު ދެއްވަމުން ނީރު ބަރުކާތު ވިދާޅުވީ މުޅި އީރާން ކަށިފޮއްޗަކަށް ހަދާލުން ޔަހޫދީ އަސްކަރިއްޔާއަށް އެއްވެސް ކަމަކަށް ނުވާނެ ކަމަށެވެ.

އަދި އެ ވަރުގެ ހަމަލާއެއް ދެމިގެންދާނީ ހައެއްކަ ގަޑިއިރަށް ކަމަށް ވެސް ޔަހޫދީ އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ.