ދުނިޔެ

ޕެންޓަގަނުން މެދުއިރުމައްޗަށް ނިއުކްލިއާ ސަބްމެރިން ފޮނުވަނީ

އެމެރިކާގެ ބާރުގަދަ ނިއުކްލިއާ ސަބްމެރީން -- ޔޫއެސްއެސް ޖޯޖިއާ މެދުއިރުމައްޗަށް ފޮނުވަން އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން އަމުރުކުރައްވައިފި އެވެ.

ޕެންޓަގަނުން ބުނި ގޮތުން މަތިންދާބޯޓު އުފުލާ މަނަވަރުތަކާއި ބަރު ހަތިޔާރުވެސް މެދުއިރުމައްޗަށް ފޮނުވާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާއިން މިހާރު އެ ތައްޔާރު ވަނީ އީރާންގެ ކިބައިން އިޒުރޭލު ސަލާމަތްކުރުމަށެވެ.

އީރާނާއި އަދި އެ ގައުމަށް ވަފާތެރި ހިޒްބުﷲ، ހަމާސް އަދި ހޫސީންގެ ފަރތުން އިޒުރޭލަށް ދީފާނެ ހަމަލާއަކުން ޒަޔަނިސްޓުން ސަލާމަތްކުރުމަކީ އެމެރިކާގެ ވައުދެކެވެ.

މެދުއިރުމަތީގެ ހާލަތު އޮތް ގޮތުން އީރާނުން މިއަދުވެސް އިޒުރޭލަށް ހަމަލާދިފާނެ ކަމަށް މަސްރަހު ދިރާސާކުރާ މީހުން ބުނެ އެވެ.

އީރާންގައި ހުއްޓައި ހަމާސްގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އިޒުރޭލުން މަރާލުމާ ގުޅިގެން -- އިޒުރޭލަށް ހަމަލާދިނުން އީރާނަށް ވާޖިބުވެއްޖެ ކަމަށް އެ ގައުމުން ބުނެ އެވެ.

އީރާން އަރައިގެންފައި އޮތް ރުޅީގައި އިޒުރޭލަށް ހަމަލާދީފާނެ ކަމަށް އެމެރިކާއަށްވެސް ވަރަށް ބޮޑަށް ހީވެ އެވެ. ނަމަވެސް އިޒުރޭލަށް ހަމަލާދީނުމަކީ އިރާނުން ހަދާނެ ވަރަށް ބޮޑު ގޯހެއް ކަމަށް އެމެރިކާ ބުނެ އެވެ.

އެމެރިކާ ބުނާ ގޮތުން އީރާނުން، އިޒުރޭލަށް ހަމަލާދީފިނަމަ އަންދާޒާކުރަން ދަތި ބޮޑެތި ގެއްލުންތަކެއް އީރާނަށް ދޭނެ އެވެ.

މެދުއިރުމައްޗަށް ނިއުކްލިއާ ސަބްމެރީނާއި މަތިންދާބޯޓު އުފުލާ މަނަވަރުތައް އެމެރިކާއިން ފޮނުވަނީ އީރާނުން ފޮނުވާ މިސައިލްތައް ވައިގެ ތެރެއަށް ގޮއްވާލުމަކަށް ނޫނެވެ. އެއީ ސީދާ އީރާނަށް ހަމަލާދިނުމަށެވެ.

އީރާނުން އިޒުރޭލަށް ހަމަލާދޭނެ ކަމަށް ބެލެވޭތީ އަވައްޓެރި ގައުމުތަކުން ދަނީ ތައްޔާރުވަމުންނެވެ. އުރުދުން އާއި މިސްރު ފަދަ އަރަބި ގައުމުތަކުން ބުނާ ގޮތުން ދެ ގައުމެގެ ދެމެދުގައި ހިނގާ ހަމަނުޖެހުންތަކެއްގެ ތެރެއަށް އެ މީހުން ނުވަންނާނެ އެވެ. އަދި އެއްވެސް ބައެއްގެ ފަރާތުން ލިބިދާނެ ގެއްލުމަކުން ގައުމު ހިމާޔަތްކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވސް އޮތިީ ބުނެފަ އެވެ.