ދުނިޔެ

އެމެރިކާއިން އިޒުރޭލަށް ޕްރެޝަރުކުރާ ވަރު ކުޑަ: ބޮރެލް

އެމެރިކާއިން ޣައްޒާ ހަނގުރާމަ ހުއްޓުވަން އިޒުރޭލަށް ޕްރެޝަރުކުރާ ވަރު ނުފުދޭ ކަމަށް ޔޫރަޕިއަން ޔޫނިއަންގެ ހާރިޖީ ސިޔާސަތާ ބެހޭ ސަފީރު ޖޯސެފް ބޮރެލް ވިދާޅުވެއްޖެ އެވެ.

ޣައްޒާގައި އިންސާނީ ހައްގުތަށް ކަށަވަރުކުރުމަށް އިޒުރޭލަށް އެއްމަސް ދުވަހުގެ މުހުލަތެއް ދިނުމަކީވެސް ގޯހެއް ކަމަށް ސަފީޜު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވި އެއީ މާ ދިގު މުއްދަތެއް ކަމަށެވެ.

ބޮރެލް ވިދާޅުވީ އިޒުރޭލުގެ އަމަލުތައް ހުރި ގޮތުން އެއްމަސް ދުވަހުގެ ތެރޭގައިވެސް އެތައް ސަތޭކަ ބަޔަކު ޣައްޒާއިން މަރުވާނެ ކަމަށެވެ.

ޣައްޒާގައި އިންސާނީ ހައްގުތައް ކަށަވަރުކުރުމަށާއި އިންސާނީ އެހީތެރިކަން ފޯޜުކޮށްދިނުމަށް މަގުތަނަަވަސްކުރުމަށް އެމެރިކާއިން އިޒުރޭލަށް ގޮވާލި ނަމަވެސް މި ހަނގުރާމަ އަކީ އެމެރިކާގެ މަދަދާ އެކު އިޒުރޭލުން ކުރާ ހަނގުރާމަ އެކެވެ.

އިޒުރޭލު ދެމިއޮތުމުގެ ހައްގު އޮންނަންވާނެ ކަމަށް ބުނެ ހަމާސްގެ ހަނގުރާމަވެރިންގެ ކިބައިން ސަލާމަތްވުމަށް އެމެރިކާ އާއި ބައިވެރިން ފޯރުކޮށްދޭ ޒަމާނީ ހަތިޔާރުތަކުން މަރަނީ ޣައްޒާގެ ކަމެއް ނެތް ނިކަމެތި އާންމު ރައްޔިތުންނެވެ.

އަރަބިންގެ ބިންތަކުގައި ޒަޔަނިސްޓް ދައުލަތެއް ދެމެހެއްޓުމަށް ދުނިޔޭގެ ނުފޫޒުގަދަ ބާރުތަކުން ދަނީ ވަރަށް ބޮޑަށް ހޭދަކުރަމުންނެވެ. އަސްކަރީ ގޮތުން އަދި މާލީ ގޮތުން އިޒުރޭލުގެ އިދާރީ ބާރުތަކަށް އެހީތެރިކަން ފޯޜުކޮށްދީ ދަނީ ވަސީލަތްތައް ތަރައްގީކޮށްދެމުންނެވެ.

ޖޯސެފް ބޮރެލް ދެކެވަޑައިގަންނަވާ ގޮތުގައި ޣައްޒާގެ ހާލަތު ރަނގަޅުކުރަން އެމެރިކާއިން އެކަށީގެންވާ ވަރަށް މަސައްކަތެއް ނުކުރެ އެވެ. އެމެރިކާގެ ވިސްނުމުގައި ހަނގުރާމަ ހުއްޓުވުމުގެ ބާރު އޮތް ނަމަ ޣައްޒާ ހަނގުރާމަ މިހާރު އޮންނާނީ ކޮޅެއްގައި ޖެހިފައި ކަމަށްވެސް ވިދާޅުވި އެވެ.

އެމެރިކާގެ އިތުރުން އިނގިރޭސިިވިލާތާއި ޖަރުމަން އަދި ފަރަންސޭސިވިލާތަކީވެސް އިޒުރޭލު ދެމެހެއްޓުމަށް ހޭދަކުރާ ގައުމުތަކެކެވެ.

މެދުއިރުމަތީގެ ހާލަތު މިހާރު އޮތް ގޮތުން -- ޓެރަރިސްޓުން ކަމަށް އިޒުރޭލު ދެކޭ ހަނގުރާމަވެރި ޖަމާއަތްތައް، ހަމާސް، ހިޒްބުﷲ އަދި ހޫސީންނާ ދެކޮޅަށް ކުރާ ހަނގުރާމަ ކައިރި މުސްތަގުބަލެއްގައި ނިމުމަކަށް އަންނާނެ ކަމަކަށް ނުބެލެވެ އެވެ.

އަނެއްކޮޅުން އިޒުރޭލުން އީރާނަށް ހަމަލާދީފިނަމަ ހަނގުރާމަ ފުޅާވެ އިތުރު އެހެން ބަޔަކު ހަނގުރާމައިގެ ތެރެއަށް ވަނުމަކީ ވަރަށް ކައިރި ކަމެކެވެ. މިހެން ކަން އޮތް ނަމަވެސް އެމެރިކާ އާއި އިޒުރޭލުގެ ބައިވެރިން ޒަޔަނިސްޓުންނަށް ބުއްދިލައިދެނީ އިރާނަށް ހަަމަލާދީ ބޮޑެތި ގެއްލުންތަކެއް ދިނުމަށެވެ.