މެދު އިރުމަތި

ގާޒާއަށް ގޭސް ލައިނެއް އަޅަން ގަތަރުން 60 މިލިއަން ޑޮލަރު ދެނީ

ފަލަސްތީނުގެ ގާޒާގައި ކަރަންޓް ފެންވަރު ރަނގަޅު ކުރުމަށް ބޭނުންވާ ގޭސް ޕައިޕްލައިން މަސައްކަތްތަކަށް ގަތަރުން 60 މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފި އެވެ.

އަދި ޔޫރަޕިއަން ޔޫނިއަނުން ބުނީ 24 މިލިއަން ޑޮލަރު ހަދިޔާ ކުރާނެ ކަމަށެވެ. ގާޒާއަށް ގޭސް ޕައިޕްލައިން އަޅަނި އިޒްރޭލުންނެވެ.

މި އެއްބަސްވުމާ ހަމައަށް ދެވުނީ ފަލަސްތީންގެ ބޮޑުވަޒީރު، މުހައްމަދު ޝްތައްޔާއާ ގަތަރުން ގާޒާއަށް ކަނޑައަޅުއްވާފައި ހުންނަވާ މުހައްމަދު އަލްއިމާދީ އަދި އީޔޫ ތަމްސީލް ކުރައްވާ ސްވެން ބާޑޯފް ބައިވެރިވެ ވަޑައިގެން ބޭއްވި އޮންލައިން ބައްދަލުވުމެއްގަ އެވެ.

ބޮޑުވަޒީރު މުހައްމަދު ޝްތައްޔާ ވިދާޅުވީ ގާޒާއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ކަރަންޓް ކަމަށާއި ދެމެހެއްޓެނި މާނައެއްގައި މި ހިދުމަތް ލިބުމަކީ ތަރައްގީއަށް ކުރާ މަސައްކަތްތަކުގެ ފުރަތަމަ ފިޔަވަހި ކަމަށެވެ.

އޮންލައިން ބައްދަލުވުމުގައި ތިން ބޭފުޅުން ދެއްކެވި ވާހަކާގައި، ގާޒާ އިންޖީނުގެ ޒަމާނަށް ފައްތައި ފެންވަރު ރަނގަޅުކުރަން ޖެހިފައިވާކަން ވަނީ ފާހަގަކުރައްވާފަ އެވެ. އިންޖީނު ގޭގައި ހުރީ ޒަމާންވީ ޑީސަލް އިންޖީނުތަކެއް ކަމަށާއި އެހެންކަމުން އުފެއްދެނީ ބޭނުންވާ 140 މެގަވޮޓްގެ ބަދަލުގައި 60 މެގަވޮޓް ކަމަށެވެ.

ގާޒާއިން ކަރަންޓް ހަމަޖައްސަނީ އިޒްރޭލުން 120 މެގަވޮޓް އެތެރެކޮށްގެންނެވެ. ގާޒާއަށް ފުރިހަމައަށް ކަރަންޓް ދިނުމަށް 500 މެގަވޮޓް ބޭނުންވާ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.