އިޒުރޭލުގެ ދިފާއީ ވަޒީރު ޔޮއާވް ގަލަންޓް މަަގާމުން ދުރުކޮށްފި އެވެ.
ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހާއްސަ އަމުރަކަށް ދިފާއީ ވަޒީރު މަގާމުން ވަކިކުރެއްވުމަށްފަހު ހާރިޖީ ވަޒީރުގެ މަގާމުގައި ހުންނެވި އިޒުރޭލު ކަޒްއަށް ދިފާއީ ވަޒީރުގެ މަގާމު މިހާރު ވަނީ ދެއްވާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހާރިޖީ ވަޒީރުގެ މަގާމަށް އައްޔަންކުރެއްވީ ނޭޝަނަލް ރައިޓްސް ޕާޓީގެ ލީޑަރު ގިޑަން ސައާ އެވެ.
ބެންޖަމިން ނަަތަންޔާހޫގެ ކެބިނެޓަށް ގެނައި މިބަދަލާ އެކު ދާހިލީ ސިޔާސަތަށް ބޮޑު ބަދަލުތަކެއް އަތުވެދާނެ ކަަމަށް ބެލެވެ އެވެ. ގައުމުގެ މަސްލަހަތު ހިފެހެއްޓުމުގައި ކުރިއަށް ވުރެ ހަރުކަށި ގަވާއިދުތަކެއް ތަންފީޒުކުރާނެ ކަމަށްވެސް ބެލެވެ އެވެ.
ގަލަންޓް މަގާމުން ވަކިކުރެއްވުމާ ގުޅިގެން އެކްސްގައި މެސެޖެއް ކުރައްވައި ވިދާޅުވީ އިޒުރޭލުގެ ދިފާއީ ކުޅަދާނަ ކަމަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމަކަށް އޭނާގެ ޒައާމަތުގައި ރުހުން ދެއްވާފައި ނުވާނެ ކަމަށެވެ.
ދިފާއީ ވަޒީރުގެ މަގާމުން ގަލަންޓް ވަކިކުރުމުގެ ވާހަކަ ދެކެވެމުން އަންނަތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. އޭނާ މަގާމުން ވަކިކުރަން ނަތަންޔާހޫގެ ކެބިނެޓްގައި މަޝްވަރާކުރި ކަމަށްވެސް ހަބަރުތައް ބުނެ އެވެ.
ގަަލަންޓް މަގާމުން ދުރުކުރަން ނަތަންޔާހޫ ނިންމެވީ ޣައްޒާ ހަނގުރާމައިގައި، އަސްކަރިއްޔާގެ ދައުރު އޮތް ގޮތުންނެވެ.
ނަތަންޔާހޫ އެދިވަޑައިގަންނަވާ ގޮތަށް ސިފައިން ހަރަކާތްތެރިކުރުވުމުގައި ގަލަންޓް ފަސްޖެހިވަޑައިގަންނަވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.