ދުނިޔެ

އިޒުރޭލަށް ޣައްޒާގައި މަނާކަމެއް ނޯންނާނެ: ބައިޑަން

އިޒުރޭލުގެ ޒަޔަނިސްޓް ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާގެ ރައްޔިތުން ބަނޑަށް މެރުން މައްސަލައެއް ކަމަށް އެމެރިކާ ނުދެކޭ ކަމަށް ދޭހަވާ ގޮތަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވާހަކަދައްކަވައިފި އެވެ.

ބައިޑަން ވިދާޅުވީ އިޒުރޭލުން ޣައްޒާގައި ހިންގާ ހަރަކާތްތަކަށް މަނާކަމެއް -- މަނާ މިންވަރެއް ނޯންނާނެ ކަމަށާއި އޭނާއަށް އިޒުރޭލު ދުވަހަކުވެސް ދޫކޮށް ނުލެވޭނެ ކަމަށެވެ.

ޖޯ ބައިޑަން ވިދާޅުވި ގޮތުން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާއަށް އެ ކުރައްވަނީ މާބޮޑު ވަރެކެވެ. އަދި ވިދާޅުވީ އިޒުރޭލުގެ އަމަލުތަކަށް -- ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް އެމެރިކާ އޮތީ ރުހިގެން ނޫން ކަމަށެވެ.

އިޒުރޭލު ދެމިއޮތުމަށް ނުރައްކަލެއް ކުރިމަތިވެއްޖެ ހިނދު، އެކަމަކާ އެކަށިގެންވާ ވަރަށް ދިފާއީ ފިޔަވަޅު އެޅުމަކީ އިޒުރޭލަށް ލިބިގެންވާ ހައްގެއް ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ. ނަމަވެސް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވިސްނުން މިހާރު ހުރި ގޮތުން އިޒުރޭލަށް އެއްވެސް ހަމްދަރުދީއެއް ދުނިޔޭގައި ނެތް ކަމަށް ވިދާޅުވި އެވެ.

ބައިޑަން ވިދާޅުވީ އިޒުރޭލު ދުނިޔެއިން ބާކީވުމަކީ އެދިވަޑައިގަންނަވާ ގޮތް ނޫން ކަމަށެވެ. އެކަމަކު ނަތަންޔާހޫ އެ ކުރައްވާ ކަމަކުން އިޒުރޭލު ދެން ވާނީ ބާކީ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބައިޑަން ވިދާޅުވީ ހަމާސްއަށް ހަމަލާދިނުމާއި ހަމާސްގެ މެމްބަރުން ހިފާ ހައްޔަރު ކުރުމަކީ އިޒުރޭލަށް ކުރެވިދާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެނެއް ކަމަކު، ފަލަސްތީންގެ އާންމު ރައްޔިތުންނަށް ނަތަންޔާހޫ ހިތުހުރި ގޮތެއް ހެދުން ގަބޫލުނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ޖޯ ބައިޑަން މި މޭރުމުން ބަސް ވިދާޅުވި ނަމަވެސް ޒަޔަނިސްޓުން ޣައްޒާއަށް ދެމުންދާ ހަމަލާތައް އެއްވާނެއްގައި ކުރިއަށް ގެންދަން އެމެރިކާ އޮތީ ހުއްދަ ދީފަ އެވެ. އަދި އެކަމަށް ބޭނުންވާ ބޮމާއި، އުންޑަ، މިސައިލް އަދި އިންސާނުންނާ ދެކޮޅަށް ބޭނުންކުރުން މަނާ ކެމިލަކް ވެސް އިޒުރޭލަށް ފޯރުކޮށްދެނީ އެމެރިކާ އެވެ.

ޣައްޒާއަށް އެހާވަރުކުރަން އިޒުރޭލަށް ކެރުނީވެސް އެމެރިކާގެ ރުހުން އޮތް ވަރުންނެވެ. ޣައްޒާއަށް ކޮންމެ ކަމެއް ކުރިނަމަވެސް އެމެރިކާގެ ސަފުން އިޒުރޭލު ބޭރު ނުކުރާނެކަން ޔަހޫދީ ބޮޑުވަޒީރަށް އެނގިވަޑައިގަންނަވަ އެވެ.