ދުނިޔެ

ރަފާހްއަށް އަރައިގެންފިނަމަ އިޒުރޭލަށް ހަތިޔާރު ދިނުން މަދުކުރާނެ: އެމެރިކާ

އިޒުރޭލުން ޣައްޒާގައި ހިންގަމުން ގެންދާ ޖަރީމާތަށް މިހާރަށް ވުރެ ފުޅާކޮށްފިނަމަ އެމެރިކާ ސަރުކާރުން އިޒުރޭލަށް ހަތިޔާރު ސަޕްލައިކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އެމެރިކާ ދޭހާ އިރުޝާދެއް ބޮލާލައި ޖަހައި ޔަހޫދީ އަސްކަރިއްޔާއިން ރަފާހްއަށް އަރައިގެންފިނަމަ އިޒުރޭލަށް މިހާރު ހަތިޔާރު ސަޕްލައިކުރާ ވަރު މަދުކުރަން އެމެރިކާގެ ރައީސް ޖޯ ބައިޑަން އަމުރުކުރައްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށްވެސް އޮފިޝަލުން ވިދާޅުވި އެވެ.

އިޒުރޭލުން ރަފާހްއަށް ވަދެގަންނާނެ ކަމަށް ބުނި ނަމަވެސް އެއީ ބުނާހާ ފަސޭހައިން ކުރެވެން އޮތް ކަމެއް ނޫނެވެ.

ރަފާހްއަށް އަރައިގަތުމުގެ ކުރިން، އެ ސިޓީގައި ދިރިއުޅޭ 1.4 މިލިއަން މީހުންގެ ރައްކާތެރިކަން އިޒުރޭލުން ކަށަވަރުކުރަން ޖެހެ އެވެ. އެ މީހުންގެ އަމިއްލަ އަވަށުން ނުކުމެގެން ދާނެ ތަނެއްވެސް ޒަޔަނިސްޓް ސަރުކާރުން ދައްކަން ޖެހެ އެވެ.

އިޒުރޭލުގެ އަސްކަރިއްޔާއަށް ހާއްސަ ތަމްރީންތަކެއް ދިނުމަކީވެސް ރަފާހްއަށް އަރައިގަތުމުގެ ކުރިން ހިންގަން ޖެހޭ އޮޕަރޭޝަނެއް ކަމަށް އަސްކަރީ އޮފިޝަލުން ވިދާޅުވެ އެވެ. މިއީ އެތައް ހަފުތާއަކަށް ދިގުދެމިގެން ހިނގައިދާނެ އޮޕަރޭޝަނެއް ކަމަަށްވެސް އޮފިޝަލުން ވިދާޅުވެ އެވެ.

އިޒުރޭލުގެ އަސްކަރިއްޔާ ރަފާހްއަށް ވަދެގަތުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަމުރުކުރެއްވި ނަމަވެސް އަމަލީ ހަރަކާތްތައް ފަށައިގަތުމަށް ހަފުތާތަކެއް ނަގާނެ ކަމަށް އަސްކަރީ މާހިރުން ވިދާޅުވެ އެވެ.

ރަފާހްގައި އިޒުރޭލުން ހިންގަނީ ކޮން ބާވަތެއްގެ އޮޕަރޭޝަނެއްކަން އެމެރިކާއަށް އެންގުމަކީ ވެސް އިޒުރޭލުން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އެމެރިކާގެ އޮފިޝަލުން ވިދާޅުވެ އެވެ.

އެމެރިކާއިން އިޒުރޭލަށް ހަތިޔާރު ސަޕްލައިކުރުމުގައި އެ ހަތިޔާރުތައް ބޭނުންކުރާނެ ގޮތް އެމެރިކާއަށް އެންގުމަކީ އަސްކަރީ އެއްބަސްވުމުގައި އޮންނަ މާއްދާ އެކެވެ.

ޖޯ ބައިޑަން މިދިޔަ ހަފުތާގައި، އިޒުރޭލަށް ހަތިޔާރު ސަޕްލައިކުރުމާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކުގައި، ޔަހޫދީން ދިފާއުވުމަށް ބޭނުންވާ އަސްކަރީ އެހީތެރިކަން -- މިސާލަކަށް އަޔަން ޑޯމަށް ބޭނުންވާ މިސައިލާއި ސެންސަރު -- ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ޣައްޒާގެ ހަމަލާތައް ހުއްޓާނުލައި ރަފާހް އަރައިގަންނަން ދިމާކޮށްފިނަމަ އިޒުރޭލަށް އެ އިހްތިޔާރުކުރެވުނީ ވަރަށް ނިކަމެތި މަގެއް ކަމަށް ބައިޑަން ވިދާޅުވި އެވެ.

ބައިޑަންއަށް ދެއްވި ޖަވާބެއް ގޮތުގައި ނަތަންޔާހޫ ވިދާޅުވީ އެމެރިކާ ކޮންމެ ގޮތެއް އިހްތިޔާރުކުރި ނަމަވެސް އިޒުރޭލު ސިފައިން ރަފާޙްއަށް ވަދެގަންނާނެ ކަމަށެވެ.