ދުނިޔެ

ނަތަންޔާހޫއާ ދެކޮޅަށް އެތައް ހާސް ބަޔަކު އިޒުރޭލު މަގުތަކަށް

އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރު ބަދަލުކުރަން ގޮވާލައި ކުރަމުން ގެންދާ މުޒާހަރާގައި އެތައް ހާސް ބަަޔަކު ބައިވެރިވެއްޖެ އެވެ.

އެ މީހުންގެ ގޮވާލުމަކީ ހަމާސް ޖަމާއަތާ އެކު މަޝްވަރާ ނުކުރެވޭ ސަރުކާރެއް ބޭނުން ނޫން ކަމަށެވެ. ހަމާސްއާ އެކު މަޝްވަރާކުރަން ޖެހެނީ އެ ޖަމާއަތުގެ އަތްދަށުގައި ތިބި ޔަހޫދީ އަސީރުން މިނިންވަން ކުރުމަށެވެ.

ނަތަންޔާހޫގެ ސަރުކާރަށް އަސީރުން މިނިވަން ކުރެވެން ނެތް ނަމަ އާ ސަރުކާރަކަށް އާނއެކޭ ބުނަން ރައްޔިތުން ތައްޔާރު ކަމަށްވެސް އެއްވެ ތިބި މީހުން ބުންޏެވެ.

އިޒުރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީން މީހުން ދޫކޮށްލައި އަދި ހަމާސްއިން ހިފަހައްޓާފައި ތިބި ޔަހޫދީން އާއިލާތަކާ ހަމައަށް ގެނެވޭނެ ގޮތް ހެދުމަކީ ސަރުކާރުގެ ޒިންމާއެއްކަން ނޭނގޭނަމަ ރައްޔިތުން ތިބީ އެކަން ކަށަވަރުކޮށްދޭން ތައްޔާރަށް ކަމަށްވެސް ވަނީ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިޒުރޭލުގެ އެކި އަވަށްތަކުގައި އާންމުން މަގުތަކަށް ނިކުތުމުގެ ސަބަބުން އުޅަނދުތައް ތޮއްޖެހި ދަތުރުފަތުރަށް ވެސް ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ.

އިޒުރޭލުން ޣާއްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލައި އަސީރުން ބަދަލުކުރުމަށް މިސްރާއި ގަތަރު އަދި އެމެެރިކާ މެދުވެރިވެގެން ކުރި މަޝްވަރާތައް ވެސް ވަނީ ފޭލިވެފަ އެވެ.

މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ ވިދާޅުވި ގޮތުގައި ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް މިސްރަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ އެވެ. އަދި އަސީރުން ބަދަލުކުރަން މަޝްވަރާކުރެއްވުމަށް ހަމާސްގެ އޮފިޝަލުންނާ ބައްދަލުކުރައްވާނެ އެވެ.

މަޝްވަރާތައް ފޭލިވަނީ ހަމާސްްގެ ސަބަބުން ނޫން ކަމަށް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ. އެއްބަސްވުންތައް ދިގު ދަންމާލައި ސުލްހަ ގާއިމުކުރުމަށް ހުރަހަކީ ބޮޑުވަޒީރު ނަތަންޔާހޫ ކަަމަށްވެސް މަސްރަހު ދިރާސާކުރާ މީހުން ބުނެ އެވެ.

ޣައްޒާ ހަނގުރާމަ ދިގުދެންމުމުގައި ނަތަންޔާހޫގެ އޮތް ބޭނުމަކީ މަގާމުގައި ގިނަ ދުވަހު ދެމިހުންނެވުން ކަމަށްވެސް ސިޔާސީ ރޭވުންތައް ދެނެތިބި މީހުން ބުނެ އެވެ.