ދުނިޔެ

ނަތަންޔާހޫއާ ބްލިންކެންގެ މަޝްވަރާތައް ބަންދު ކޮޓަރީގައި

އެމެރިކާ ދެކޭ ގޮތުގައި އިޒުރޭލަކީ ދައުލަތެއް ގޮތުގައި ކޮންމެހެން ވެސް ދަމަހައްޓަން ޖެހޭ ބައިގަނޑެކެވެ.

އެމެރިކާ ބުނާ ގޮތް ހެދިޔަސް، ނުހެދިޔަސް ޒަޔަނިސްޓުންނަކީ އެމެރިކާއަށް ބަލަދުއަރާ ބައެއް ކަމަށް ރައީސް ޖޯ ބައިޑަން ވެސް ގަބޫލުކުރައްވަ އެވެ.

އިޒުރޭލު ސިފައިން ފަލަސްތީންގެ ޣައްޒާއަށް އަރައިގަނެ ދެމުން ގެންދާ ހަމަލާތައް ކޮންޓްރޯލް ކުރުމުގައި އެމެރިކާ އޮތީ ބޮޑު ތަނުން ފޭލިވެފަ އެވެ. އެހެނެއް ކަމަމަކު އެމެރިކާގެ އިސް ވެރިން އިޒުރޭލަށް ކުރައްވާ ދަތުރުތަކަށް ބަދަލެއް ނާދެ އެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު އެންޓަނީ ބްލިންކެން މިހާރު ވެސް އުޅުއްވަނީ ޓެލް އަވީވް ގައެވެ. ރިޕޯޓްތައް ބުނާ ގޮތުން އިޒުރޭލުގެ ބޮޑުވަޒީރާ އެކު ބްލިންކެން ބާއްވާ ބައްދަލުވުން އޮންނާނީ ގުދުސްގައި އަދި ބަންދު ކޮޓަރީގަ އެވެ.

ބްލިންކެން އިޒުރޭލަށް ވަޑައިގެން މި އުޅުއްވަނީ އެމެރިކާ ބުނާ ގޮތަށް ޣައްޒާގެ އޮޕަރޭޝަންތައް ބަދަލުކުރެވޭތޯ އެވެ. ޣައްޒާއަށް އެހީ ވެއްދުމަށް އަދި ރަފާހްއަށް އަރައިގަތުމަށް ޔަހޫދީން ރާވަމުން ގެންދާ ރޭވުންތައް އެ ނޫން ގޮތަކަށް ބަދަލުކޮށްލެވޭތޯ އެވެ.

އިޒުރޭލަށް އޮންނަ ޔަގީން ކަމަކީ އެމެރިކާ ބުނާ ބަސް ނޭހިއެއް ކަމަކު، އެމެރިކާގެ ޓެކްސް ފައިސާއިން އިޒުރޭލަށް އޮންނަ އެހީތަކަށް ބަދަަލެއް -- އުނިކަމެއް ނާންނާނެ ކަމެވެ. ބައިޑަން ވިދާޅުވާ ކޮންމެ އެއްޗަކަށް ދެކޮޅު ހެދި ނަމަވެސް އެމެރިކާއިން އިޒުރޭލަށް ދަތިނުކުރާނެ ކަމެވެ.

ހަގީގަތަކީ އެމެރިކާއިން އިޒުރޭލަށް އަސްކަރީ ގޮތުން އަދި މާލީ ގޮތުން އެހީތެރި ނުވާނަމަ، ޒަޔަނިސްޓުން ބޭނުންހާ ގޮތަކަށް މެދުއިރުމަތީގައި ހަރަކާތްތެރި ނުވެވޭނެ ކަމެވެ.

އިޒުރޭލު ކުރާ ހުރިހާ ނުބައި ކަމެއް ފޫބައްދައި އެއީ އަމިއްލަ ދިފާއުގައި ކުރި ކަމެއް ކަމަށް އެމެރިކާއިން ބުނާހާ ހިނދަކު އިޒުރޭލުގެ ނުބައި ވިސްނުންތަކަށް ބަދަލެއް ނާންނާނެ އެވެ.

ނަތަންޔާހޫއާ ބައްދަލުކުރައްވައި ބްލިންކެން ދައްކަވާނެ ވާހަކަތަކުގެ ތެރޭގައި ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތާ އެކު ސުލްހަ ގާއިމުކުރުމަށް ބާރުއެޅުއްވުން ހިމެނެ އެވެ. އަސީރުން ބަދަލުކުރުމާއި ޣައްޒާއަށް އިންސާނީ އެހީ ވެއްދުމުގައި އިޒުރޭލުން ލުއިދޭން ޖެހޭ ކަމަށް ދަންނަވާނެ ކަމަށް ބެލެވެ އެވެ.

އެމެރިކާ ގަބޫލުކުރާ ގޮތުގައި ޣައްޒާ ހަނގުރާމަ މާބޮޑަށް ދިގުލައިގެން ހިނގައްޖެ އެވެ. ޣައްޒާއިން މަރުވި މީހުންގެ އަދަދު ލަދުގަންނަ ވަރު ވެއްޖެ ކަމަށްވެސް އެމެރިކާގެ އޮފިޝަލުން އެކި މަރުހަލާތަކުގައި ވަނީ ވިދާޅުވެފަ އެވެ.

ބްލިންކެންގެ މި ދަތުރުގައި ނަތަންޔާހުގެ ބޯހަރުކަން މައިތިކުރެވޭތޯ މަސައްކަތް ކުރައްވާނެ އެވެ. އެމެރިކާގެ ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނައިރު ޔަހޫދީންގެ އެއްބާލުމާއި އެކުވެރިކަން ބައިޑަންއަށް ވަރަށް ބޮޑަށް ބޭނުންވާނެ އެވެ.