ދުނިޔެ

އިޒުރޭލު ސިފައިން ޣައްޒާގެ ރަފާހް ސިޓީއަށް ވަދެގަންނަނީ

އިޒުރޭލު ސިފައިން ދެކުނު ޣައްޒާގެ ރަފާހްއަށް އަރައިގަންނަނީ އެވެ. ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ޔަހޫދީ އަސްކަރިއްޔާ އެއްގަމު މަގުން ރަފާހްއަށް އައިގަންނާނެ އެވެ.

އިޒުރޭލުގެ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެންއަށް މިކަން އަންގަވާފަ އެވެ.

ރަފާހް އަކީ އާބާދީ ބޮޑު ސިޓީ އެކެވެ. ޣައްޒާގެ 2.3 މިލިއަން އާބާދީގެ ގިނަ ބަޔަކު މިހާރު ޖަމާވެ ތިބީ ރަފާހްގަ އެވެ.

އޮކްޓޯބަރު ހަތެއްގައި ޔަހޫދީ އަސްކަރިއްޔާއިން ޣައްޒާގެ ދެކުނަށާއި މެދުތެރެއަށް ބޮންއަޅަން ފެށުމުން ރައްކާތެރިވުމަށް ވަރަށް ގިނަ ބަޔަކު ވަނީ ރަފާހް އަށް ވަދެފަ އެވެ.

ޔަހޫދީ ޖެޓުތަކުން މިހާރު ވެސް ގެންދަނީ ރަފާހް އެކި ތަންތަނަށް ބޮންއަޅަމުންނެވެ. އެ ނޫން ގޮތެއް ހޯދަން ބޭނުން ބަޔަކު ތިބި ނަމަ ރަފާހް ދޫކޮށް މިސްރުގެ ބޯޑަރަށް ޖަމާވުމަށް ޔަހޫދީން ދަނީ ގޮވަމުންނެވެ.

ރަފާހް އަށް ދެ ހަފުތާއެއްހާ ދުވަސް ތެރޭގައި ވަދެގަންނާނެ ކަމަށް ޔަހޫދީ ސިފައިން ބުނެފައިވާއިރު މި ދެ ހަފުތާ އަކީ ރައްކާތެރިވުމަށް ބޭނުންވާ މީހުންނަށް ދޭ ފުރުސަތެއް ކަމަށް ޔަހޫދީ ޒަޔަނިސްޓް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި އެވެ.

އިޒުރޭލު ސިފައިން ރަފާހްއަށް އަރައިގަތުމުގެ ބޭނުމެއް ކަމަށް އަނިޔާވެރި ބޮޑުވަޒީރު ވިދާޅުވީ ހަމާސްއަށް ތާއީދުކުރާ ބަޔަކު ތިބި ނަމަ ދަމާ ނެރުން ކަމަށެވެ. އަދި ހަމާސް މި ދުނިޔެއިން ފޮހެލުމަކީ ވައުދެއް ކަމަށް ވިދާޅުވި އެވެ.

ހަމާސްއިން މިދިޔަ އަހަރު އޮކްޓޯބަރުގައި ޔަހޫދީ އާބާދީތަކަށް ވަދެގަނެ ދިން ހަމަލާތަކަށްފަހު ޔަހޫދީންގެ އަނިޔާވެރިކަން ވަނީ އިންތިހާއަށް ގެންގޮސްފަ އެވެ. އަސްކަރިއްޔާގެ އިތުރުން ޔަހޫދީ ވަކިވަކި ފަރުދުން ވެސް ފަލަސްތީންގެ އާންމުންނަށް އަނިޔާކޮށް ދަނީ މަރަމުންނެވެ.

ޣައްޒާއަށް އިންތިހާއަށް އެހީއަށް ބޭނުންޖެހިފައި އޮތްއިރު އެހީ ހިފައިގެންދާ ލޮރީތަކަށް ހުރަސްއަޅައި ވަނީ ހުއްޓުވާފަ އެވެ.

އިންސާނީ އެހީގެ ގޮތުގައި ގައުމުތަކުން ޣައްޒާއަށް ފޯރުކޮށްދޭ އެހީ އެ މީހުންނާ ހަމައަށް ދިއުމަށް މަގުމަތިން ހުރަސްއަޅައި، ޣައްޒާގެ އާންމު ރައްޔިތުން ބަނޑަށް މެރުމަކީވެސް ޔަހޫދީން އުފާކުރާ ކަމެކެވެ.

ޣައްޒާ ހަނގުރާމައިގައި މިހާތަނަށް 27،947 މީހަކު ވަނީ މަރުވެފަ އެވެ. އެކިވަރުގެ ޒަޚަމްތަކާ އެކު ފަރުވާ ހޯދާ މީހުންގެ އަދަދު 67،459 ވަނީ ފަހަނައަޅާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޣައްޒާއިން މަރުވި މީހުންގެ ފުރިހަމަ އަދަދު – ހަނގުރާމަ ހުއްޓާލާތާ އަހަރުތަކެއް ފަހުންވެސް – ހޯދައި ހަމަކުރުމަކީ ބުރަބޮޑު ކަމަކަށް ވާނެ އެވެ.