ދުނިޔެ

އާންމުން ޣައްޒާއަށް ވަނުން އިޒުރޭލުން މަނާކޮށްފި

އުތުރު ޣައްޒާގައި ދިރިއުޅެމުން ދަނިކޮށް ހަނގުރާމައާއި ހެދި ގެދޮރު ދޫކޮށް ދާން މަޖުބޫރުވި އާންމު ރައްޔިތުންނަށް، ޣައްޒާއަށް އަނބުރާ ނާދެވޭނެ ކަމަށް އިޒުރޭލުގެ ދިފާއީ ވަޒީރު ޔޮއާވް ގަލަންޓް ވިދާޅުވެއްޖެ އެވެ.

ޣައްޒާ ރައްޔިތުންނަށް އަމިއްލަ ގެދޮރަށް ދެން ވަދެވޭނީ ހަމާސްއިން އަސީރުކޮށްފައި ތިބި ޔަހޫދީން ދޫކޮށްލި ދުވަހަކުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އަހަރެމެން ރެއާއި ދުވާލު މިކުރާ ކަމަކީ އަސީރުން މިނިވަންކުރަން ކުރަން ޖެހޭ މަސައްކަތްތައް،" ދިފާއީ ވަޒީރު ވިދާޅުވި އެވެ.

"މަޝްވަރާކުރުމާއި ހަމާސްއަށް ޕްރެޝަރު ކުރުމަކީ ވެސް އަސީރުން މިނިވަންކުރަން ކުރަންޖެހޭ މަސައްކަތްތައް،" ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ޔޮއާވް ގަލަންޓް ވިދާޅުވި ގޮތުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވި އާންމުންނަށް ޣައްޒާއަށް ވަނުން ބަންދުކުރަން ޖެހުނީ ހަމާސްއާ ހެދި އެވެ. އެ ނޫން ގޮތެއްގައި ހަމާސްއިން އަސީރުން މިނިވަންކުރަން މަޝްވަރާވެސް ނުކޮށްފާނެތީ އެޅި ފިޔަވަޅެއް ކަމަށްވެސް ވިދާޅުވި އެވެ.

އަސީރުންގެ އާއިލާތަކާ ބައްދަލުކުރައްވައި ދިފާއީ ވަޒީރު ވިދާޅުވީ ހަމާސްގެ ހައްޔަރުގައި ޔަހޫދީންގެ އެކަކު ހުރި ނަމަވެސް އެއީ ލައްކަ ބޮޑުވަރު ކަމަށެވެ.

"އެންމެ ފުކެއް ވެސް ދޫކުރުމެއް ނޯންނާނެ ފަލަސްތީންގެ އާންމުންނަށް ލުއިލިބޭ ގޮތަށް،" ގަލަންޓް ވިދާޅުވި އެވެ.

ގަލަންޓް ވިދާޅުވި ގޮތުން ގަތަރާއި މިސްރު މެދުވެރިކޮށް ކުރެވޭ މަޝްވަރާތަކުގައި ޔަހޫދީންނަށް ކަމުނުދާ ނުކުތާއެއް އޮވެއްޖެނަމަ ބަލައި ނުގަންނާނެ އެވެ. އަދި ޔަހޫދީންގެ ދިރިއުޅުމާއި ދެމިތިބުމަށް ނުރައްކަލަށް އެއްވެސް ކަމެއް ވެއްޖެނަމަ އެ ކަމެއް ނައްތާލާނެ ކަމަށްވެސް ވިދާޅުވި އެވެ.

މިދިޔަ އަހަރު އޮކްޓޯބަރު ހަތެއްގައި ހަމާސްގެ އަސްކަރީ ގޮފިން އިޒުރޭލުގެ ޔަހޫދީ އާބާދީތަކަށް ދިން ހަމަލާތަކަށްފަހު ޔަހޫދީ އަސްކަރިއްޔާއިން ޣައްޒާއަށް ބާރުގަދަ ހަމަލާތައް ވަނީ ދީފަ އެވެ.

ހޮސްޕިޓާތަކަށާއި ރެފިއުޖީ ކޭމްޕްތަކަށް އަދި އާންމުން އެއްވެ އުޅޭ މާރުކޭޓްތަކަށްވެސް ޔަހޫދީން ވަނީ ބޮންއަޅާފަ އެވެ.

ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާއިން މަރުވި މީހުންގެ އަދަދު 30،000 ފަހަނައަޅާފައިވާއިރު، މި އަދަދު އަދި މިއަށް ވުރެ އިތުރުވާނެކަން ކަށަވަރު ކަމަށް އދ އިން ވެސް ވަނީ ބުނެފަ އެވެ.