ދުނިޔެ

ބެންގަވީރަކީ ޖާހިލެއް، އޭނާގެ ގޮތްކުޑަ އަމަލުތައް ކުށްވެރިކުރަން: ބްލިންކެން

މެދުއިރުމަތީގައި ނުތަނަވަސްކަން އޮތް މިންވަރު އިޒުރޭލުގެ ނެޝަނަލް ސެކިއުޓީ ވަޒީރު އިތަމާރު ބެންގަވީރަށް އެނގިވަޑައި ނުގަތުމަކީ ހިތާމަހުރި ކަމެއް ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ވިދާޅުވެެއްޖެ އެވެ.

ބްލިންކެން ވިދާޅުވި ގޮތުގައި މުގައްދަސް ބިނާތަކަށް ވަދެގަނެ އަޅުކަންކުރަން ތިބި މީހުން ބޭރުކޮށް އެ ތަންތަނުގެ ހުރުމަތްކެނޑުން އެމެރިކާ ބަލައި ނުގަންނާނެ އެވެ.

ބްލިންކެން މިހެން ވިދާޅުވެފައި މިވަނީ އިތަމާރު ބެންގަވީރު އިސްވެ ހުންނަވައި ޒަޔަނިސްޓުންގެ ބައިގަނޑަކަށް ބުއްދިލައިދެއްވައި މަސްޖިދުލް އަގްސާއަށް ވަދެގަތުމާ ގުޅިގެންނެވެ.

މަސްޖިދުލް އަގްސާގައި ލަވަކިޔައި މުސްލިމުންނަށް ފުރައްސާރަ ކުރުމުގައި ބެންގަވީރުގެ އިތުރުން އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އެހެން ބައެއް ވަޒީރުންވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިޒުރޭލުގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުވެސް ވަނީ ބެންގަވީރާ އެކު އަގްސާގެ ހަރަމަށް ވަދެފަ އެވެ. އަދި އެ ތަނުގައި ތިބި ފަލަސްތީން މީހުންނަށް މަލާމާތްކޮށް ކޮޅުފައިންތަޅައި ވަނީ ބޭރުކޮށްފަ އެވެ.

އިތަމާރު ބެންގަވީރާ އެކު 2،250 އަށް ވުރެ ގިނަ މީހުން އޮގަސްޓް 13 ގައި މަސްޖިދުލް އަގްސާގެ ހަރަމަށް ވަދެގަތް ކަމަށް ހަބަރުތައް ބުނެ އެވެ.

އެންޓަނީ ބްލިންކެން ވިދާލުވީ ކިތަންމެ ބޮޑު މަގާމެއްގައި ހުރި ނަމަވެސް ރުޅިވެރިކަން ގޮވާންކުރާ ކޮންމެ މީހަކީ ޖާހިލެއް ކަމަށެވެ. އިތަމާރު ބެންގަވީރު ވެސް ހުންނެވީ މި ދަރަޖައިގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އިތަމާރު ބޭންގަވީރުގެ ގޮތްކުޑަކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ޔޫރަޕިއަން ޔޫނިއަންގެ ހާރިޖީ ސިޔާސަތާ ބެހޭ މުޝީރު، ޖޯސެފް ބޮރެލް ވެސް ވަނީ ވިދާޅުވެފަ އެވެ.

ބޮރެލް ވިދާޅުވި ގޮތުގައި ބެންގަވީރަކީ ބެންޖަމިން ނަތަންޔާހޫގެ ކެބިނެޓުން ބޭރުކުރަން ޖެއިފައި ހުރި މީހެކެވެ.

ޔޫރަޕިއަން ޔޫނިއަނުން ބެންގަވީރަށް ދަތިކުރުމަށްވެސް ބޮރެލް ވަނީ ގޮވާލައްވާފަ އެވެ. އޭނާއާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާ މެދު މަޖިލީހުގައި މަޝްވަރާކުރައްވާނެ ކަމަށްވެސް ބޮރެލް ވިދާޅުވި އެވެ،