ދުނިޔެ

އިޒުރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލާކަށް ނުވިސްނަން: އިނގިރޭސިވިލާތް

އިޒުރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް އިނގިރޭސިވިލާތަށް ގޮވާލައި ކިތަންމެ ޕްރެޝަރެއް ކުރި ނަމަވެސް އަދި އަމަލުކުރައްވާނެ ސިޔާސަތަކީ ޒަޔަނިސްޓު ސަރުކާރަށް ހަތިޔާރު ވިއްކުމުގައި ދެމިއޮތުން ކަމަށް އެ ގައުމުގެ ހާރިޖީ ވަޒީރު ޑޭވިޑް ކެމަރަން ވިދާޅުވެއްޖެ އެވެ.

އިޒުރޭލަށް ހަތިޔާރު އެކްސްޕޯޓް ކުރުމާ މެދު ލަންޑަނުން އަމަލުކުރަމުން އަންނަ ސިޔާސަތަށް އަދި ބަދަލެއް ނާންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ވޮޝިންގްޓަންގައި އެ ގައުމުގެ ހާރިޖީ ވަޒީރު އެންޓަނީ ބްލިންކެން އާއެކު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކެމަރަން ވިދާޅުވީ ހަތިޔާރު ވިއްކުމާ ބެހޭ ގޮތުން އިނގިރޭސިވިލާތުގައި ހުރި ގާނޫނުތަކަށް ރިއާޔަތްކުރެއްވުމަށް ފަހު އަދި އިދާރީ ގޮތުން ހޯއްދަވަންޖެހޭ ލަފާތަކަށްފަހު ހަތިޔާރު ވިއްކުމައިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ ސިޔާސަތު މިފަދައިން އާންމުކުރެއްވިއިރު، އިޒުރޭލަށް ހަތިޔާރުވިއްކުން ހުއްޓާލަން ގޮވާލައި ވެރިރަށް ލަންޑަންގައި އާންމުން ދަނީ މަގުތަކަށް ނުކުމެ ޝުއޫރުފާޅުކުރަމުންނެވެ.

މިދިޔަ އަހަރު އޮކްޓޯބަރު ހަތެއްގައި، އިޒުރޭލުން ޣައްޒާއަށް ދޭންފެށި ހަމަލާތަކުގައި މިހާތަނަށް 33،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ލަންޑަންގައި ޝުއޫރުފާޅުކުރާ މީހުން ބުނާ ގޮތުން ޣައްޒާގެ މުޅި އާބާދީ މަރަމުންދާއިރު އިނގިރޭސިވިލާތުން އުޅެނީ އެކަމުން ހިއްސާއެއް ބޭނުންވެގެންނެވެ. އިޒުރޭލަށް ހަތިޔާރު ފޯރުކޮށްދޭހާ ހިނދަކު ހަމަލާތައް ހުއްޓާނުލާނެ ކަމަށްވެސް އެ މީހުން ބުނެ އެވެ.

ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު އަމަލުތައް ޒަޔަނިސްޓް އިޒުރޭލުން ހިންގަމުން ގެންދާއިރު -- އެކަމަށް ވާގިވެރިވުމުގެ ގޮތުން އިނގިރޭސިވިލާތުން ހަތިޔާރު ފޯރުކޮށްދިނުމަކީ ހިތާމަހުރި ކަމެއް ކަމަށް މިކަމާ ދެކޮޅު ހަދައި، ޝުއޫރު ފާޅުކުރާ މީހުން ބުނެ އެވެ.

ކެމެރަން ވިދާޅުވި ގޮތުގައި އިޒުރޭލުގެ އަމަލުތައް އަދި ހުރީ އިނގިރޭސިވިލާތުން ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލަން ޖެހޭ ފެންވަރުގައެއް ނޫނެވެ. އޭނާއަށް ލިބިވަޑައިގެންފައި އޮތް އިރުޝާދުގައިވެސް ހަތިޔާރު ވިއްކުން ހުއްޓާލާ ވާހަކަ ނެތް ކަމަށް ވިދާޅުވި އެވެ. އެކަމަކު އިޒުރޭލަށް ހަތިޔާރު ވިއްކުމާ ބެހޭ ގޮތުން އޭނާއަށް ލިބިވަޑައިގެންފައި އޮތް އިރުޝާދަކީ ކޮބައިކަން ކެމެރަން ވިދާޅެއް ނުވެ އެވެ.