ދުނިޔެ

"ހަމާސް ކުށްވެރި ނުކުރާތީ ޣައްޒާ ގަރާރަށް ވޯޓެއް ނުދެން"

އދގެ ސަލާމަތީ މަޖިލީހުގައި ބަހުސްކުރި ޣައްޒާ ގަރާރަށް ވޯޓު ނުދެއްވީ ހަމާސް ކުށްވެރިކޮށް އެއްވެސް އެއްޗެއް ބުނެފައި ނުވާތީ ކަމަށް އިނގިރޭސިވިލާތުގެ "މިނިސްޓާ ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް އެފްރިކާ" އެންޑްރޫ މިޗަލް ވިދާޅުވެއްޖެ އެވެ.

އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި -- މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެންޑްރޫ މިޗަލް ވިދާޅުވި ގޮތުގައި ޣައްޒާ ގަރާރުގައި ރަނގަޅު ބައިވަރު ނުކުތާ ހުއްޓެވެ. ނަމަވެސް ހަމާސްގެ އަމަލުތައް ކުށްވެރިކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ސަލާމަތީ މަޖިލީހުގައި ހުކުރު ދުވަހު ނެގި ވޯޓުގައި އިނގިރޭސިވިލާތުން އެއްވެސް ކޮޅަކަށް ވޯޓެއް ނުދެ އެވެ.

ފަލަސްތީންގެ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަލާތައް ހުއްޓާލުމަށް ގޮވާލައި ނެގި ވޯޓުގައި -- އެއީ ކުރަން ފެންނަ ކަމެއް ކަމަށް 13 ގައުމަކުން ވަނީ ބުނެ ވޯޓު ދީފަ އެވެ.

ޒަޔަނިސްޓުން ޣައްޒާއަށް ދެމުން ދެންދާ ހަމަލާތައް ހުއްޓާލުމުގެ ބޭނުމެއް ނެތް ކަމަށް ބުނެ އެމެރިކާ އިން ގަރާރު ވީޓޯކުރީ އެވެ.

އެންޑްރޫ މިޗަލް ވިދާޅުވީ ޣައްޒާ ގަރާރުގައި ހުރި ރަނގަޅު ނުކުތާތައް އިނގިރޭސިން ބަލައިގަންނަ ކަމަށެވެ. އަދި ވޯޓު ނުދިން ނަމަވެސް ޒަޔަނިސްޓުންގެ ހަމަލާތަކުގައި ޣައްޒާއިން މަރުވާ މީހުން ގިނަވުމަކި ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ފަލަސްތީން މައްސަލައަށް ހައްލެއް ބޭނުންވާ ކަމަށް ވިދާޅުވެ އެންޑްރޫ މިޗަލް ވިދާޅުވީ ދެ ދައުލަތް އޮންނަ ގޮތަށް -- ފަލަސްތީން ދައުލަތަކަށް ތާއީދުކުރައްވާ ކަމަށެވެ.

ޒަޔަނިސްޓު ޔަހޫދީންނަށް ވެސް އަމާން ވެއްޓެއް އޮންނަންވާނެކަން އިނގިރޭސިން ގަބޫލުކުރާ ފަދައިން ފަލަސްތީން މީހުންނަށްވެސް ރައްކާތެރި މާހައުލެއް އޮންނަން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޣައްޒާ ގަރާރަށް ވޯޓު ނުދިނެއް ކަމަކު އެ ވޯޓަށް ތާއީދުކުރާ ކަމަށްވެސް އެންޑްރޫ މިޗަލް ވިދާޅުވި އެވެ.

ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަލާތައް މެދުކަނޑާލަން އިނގިރޭސިވިލާތް ތާއީދުކުރާ ކަމަށް އެންޑްރޫ މިޗަލް ވިދާޅުވި އެވެ. ނަމަވެސް ޒަޔަނިސްޓުންނަށް ހަމާސްގެ ބިރު އޮތްހައި ހިނދަކު ހަމަލާތައް ހުއްޓާލަން ތާއީދު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.