ދުނިޔެ

ހަނގުރާމަ އަކީ އެއްވެސް ބައެއްގެ މަސްލަހަތެއް ނޫން: ބްލިންކެން

މެދުއިރުމަތީގައި ހަމަނުޖެހުން އުފައްދައި ހަނގުރާމަކުރުމަކީ އެއްވެސް ބައެއްގެ މަސްލަހަތު އޮތް ކަމެއް ނޫން ކަމަށް އިޒުރޭލުގެ ދިފާއީ ވަޒީރު ޔޮއާވް ގަލަންޓްގެ އަރިހުގައި، އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.

އިޒުރޭލުގެ ދިފާއުގައި އެމެރިކާ އޮތުމަކީ ހަނގުރާމަކުރަން ޖެހޭ ސަބަބެއް ނޫން ކަމަށްވެސް ބްލިންކެން ވިދާޅުވި އެވެ. މަސްލަހަތު އޮތް ގޮތަކީ ލަސްނުކޮށް ސުލްހައިގެ އެއްބަސްވުމަކަށް ދިއުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސުލްހައިގެ އެއްބަސްވުމަކަށް ގޮސްގެން ނޫން ގޮތަކަށް އަސީރުން މިނިވަންކުރުން ދަތިވާނެ ކަމަށްވެސް ބްލިންކެން ވިދާޅުވި އެވެ. ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި، އިޒުރޭލާ ހެދި ދުނިޔެ ފޭލިވެފައި އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިޒުރޭލުން ސިޔާސީ އެއްބަސްވުމަކަށް އެއްބަސްވާން ޖެހޭ ކަމަށާއި އާއިލާތަކެއް މެމްބަރުންތަކެއް ކުށްވެރިންގެ ގޮތުގައި ބަޔަކު ހިފަހައްޓާފައި ތިބުމަކީ ނުހަނު ބޮޑު ހިތާމައަކަށް ވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މިހެން ވިދާޅުވި ނަމަވެސް، ޣައްޒާ ހަނގުރާމަ އަކީ އެމެރިކާ އާއި އިނގިރޭސިވިލާތުން ސްޕޮންސަރުކޮށްގެން ކުރުވާ ހަނގުރާމަ އެކެވެ.

އިޒުރޭލު ލައްވައި ޣައްޒާއަށް ފަނާކުރުވަނިވި ބޮންއެޅުމަށް ހުރިހާ ހަތިޔާރެއް ފޯރުކޮށްދެނީ އެމެރިކާ އާއި އިނގިރޭސިވިލާތުންނެވެ.

އެމެރިކާ ބޭނުންވެއްޖެ ނަމަ ޣައްޒާ ހަނގުރާމަ މިއަދުވެސް ހުއްޓާލެވިދާނެ އެވެ. ފަލަސްތީންގެ ރައްޔިތުންނަށް އިޒުރޭލު ބޭނުންވާހާ ގޮތެއް ހަދަން ހުއްދަދީފައި އޮތުމުން މިހާލަތު ޖެހުނީ އެވެ.

އިޒުރޭލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްފައި އިތުރުވާ ވަރަށް ވެސް އެމެރިކާއިން ދަނީ ހަތިޔާރު ސަޕްލައިކުރަމުންނެވެ. މިފަދައިން އަމަލުކުރުމަށް ފަހު ގައުމުތަކަށް ދަތުރުކުރައްވައި ބްލިންކެން އުޅުއްވަނީ ހަނގުރާމާ ހުއްޓުވާނެ ގޮތެއް އެނގިވަޑައިނުގެންނެވެ.