ދުނިޔެ

ސުންނާފަތިކުރަން ލުބްނާން ދޫކޮށްލަނީތޯ ނަތަންޔާހޫ ސުވާލު ކުރައްވައިފި

ލުބްނާން ސުންނާފަތިވުމާއި ނުވުން އޮތީ ލުބްނާންގެ އަމިއްލަ އިޚުތިޔާރުގައި ކަމަށް އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ނަތަންޔާހޫ ވިދާޅުވީ ލުބްނާން އެދޭ ގޮތަށް ކުރިއަށް ދާންވީ ކަމަށާއި، އިހްތިޔާރުކުރާ ގޮތަކުން ފަލަސްތީންގެ ޣައްޒާއަށް ޖެހިފައި އެ އޮތް ހާލު ލުބްނާނަށް ޖެހިދާނެ ކަމަށެވެ.

އިޒުރޭލާ ދިމާކުރާ ކޮންމެ ބަޔަކަށް ވެގެންދާ ގޮތް ލޯމަތީގައި ފެންނަން އޮތްއިރު އެ ފަދަ ހާލަތަކަށް ދައުވަތު ދެނީ ކީއްވެތޯވެސް ބެންޖަމިން ނަތަންޔާހޫ ސުވާލުކުރެއްވި އެވެ.

ލުބްނާންގައި ތިބި ވަކި ބަޔަކު އިހްތިޔާރު ކުރުމަކުން ހުރިހާ ވޭނެއް އަޅަނީ -- ހުރިހާ ތަކުލީފެއް އުފުލަން ޖެހެނީ އާންމުންނަށް ނޫންތޯ -- ވީޑިއޯ މެސެޖެއް މެދުވެރިކުރައްވައި ނަތަންޔާހޫ ލުބްނާންގެ އާންމުންނާ ސުވާލުކުރެއްވި އެވެ.

ނަތަންޔާހޫ ވިދާޅުވީ ހިޒްބުﷲ އަށް ނޫނެކޭ ބުނުމަކީ ލުބްނާންގެ ކޮންމެ ރައްޔިތަކަށް އޮތް ވާޖިބެއް ކަމަށެވެ. އިންސާނީ ޖީލުތަކެއް ނިމިގެންދާއިރު ތަރައްގީއަށް ނުފޯރައިގެން އުޅެނީ ޓެރަރިސްޓުންގެ ހާއްޔަކަށް ލުބްނާން ވެފައި އޮތީމައި ކަމަށްވެސް ވިދާޅުވި އެވެ.

އިޒުރޭލަކީ ލުބްނާންގެ ދުޝްމަނެއް ނޫން ކަމަށާއި އިޒުރޭލު ހަނގުރާމަ ކުރަނީ ޔަހޫދީން ދެމިތިބުމަށް ހުރަސްއަޅައި ޖެއްސުންކުރާ ބަޔަކާ ކަމަށްވެެސް ނަތަންޔާހޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލުބްނާނަށް ކުރިއެރުން އޮތީ ހިޒްބުﷲގެ ކިބައިން ސަލާމަތްވެވުނު ދުވަހަކުން ކަމަށެވެ. ހިޒްބުﷲއާ ނުލައި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލު އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ޣައްޒާއަށް އެ ހާލަތު ޖެހިފައި އެ އޮތީ ޣައްޒާގެ ރައްޔިތުންގެ ސަބަބުން ނޫން ކަމަށާއި އެއީ ޣައްޒާގެ ރައްޔިތުންނަށް ބަޔަކު ޖެއްސި ހާލަތެއް ކަމަށްވެސް ނަތަންޔާހޫ ވިދާޅުވި އެވެ.

އިޒުރޭލާ ހަނގުރާމަ ކުރަން އިހްތިޔާރުކުރާ ބަޔަކާ ހަނގުރާމަ ކުރުރުމަކީ އިޒުލޭލަށް ނުލާހިކު ފަސޭހަކަމެއް ކަމަށާއި ސުލްހައަށް އެދޭ ނަމަ އެއީ އެންމެ ރަނގަޅު ގޮތް ކަމަށްވެސް ވިދާޅުވި އެވެ.

ޔަހޫދީން އިސްތިއުމާރުނކޮށްފައި އޮތް ބިންތަކަކަށް ހަމާސްގެ ބަޔަކު ވަދެގަނެ އޮކްޓޯބަރު 7، 2023 ގައި ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތި ކެކި ވިރެން ފެށީ އެވެ. އިޒުރޭލުން ބަދަލުހިފަން ދިން ހަމަލާތަކުގައި ޣާއްޒާއިން 42،000 އަށް ވުރެ ގިނަ މީހުން ވަނީ މަރާފަ އެވެ. އަނެއްކޮޅުން ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އާއި ހިޒްބުﷲގެ ލީޑަރު ހަސަން ނަސުރުﷲ ވެސް އިޒުރޭލުން ވަނީ އަވަހާރަކޮށްލާފަ އެވެ.