ދުނިޔެ

ހިޒްބުﷲ އަށް ހަމަލާނުދޭކަށް ބައިޑަން ވިދާޅެއް ނުވޭ: ނަތަންޔާހޫ

ޒަޔަނިސްޓް ޔަހޫދީ ސަރުކާރުގެ ވިސްނުމަކަށް ވެފައި އޮތީ ލުބްނާންގައި ހަކާތްތެރިވާ ހިޒްބުﷲ ޖަމާއަތަށް -- އައްސިފިލާ ވަރުގެ ހަމަލާއެއް ދިނުން ކަމަށާއި އެކަމަކު ޒަޔަނިސްޓް އަސްކަރިއްޔާއަށް އެ ހަމަލާ ތަންފީޒްނުކުރެވުނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުރަސްއެޅުއްވުމުން ކަމަށް އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަށްވާ ވޯލް ސްޓްރީޓް ޖާނަލުން ބުނެފި އެވެ.

ވޯލް ސްޓްރީޓް ޖާނަލްގެ މި ޚަބަރަށް ރައްދު ދެއްވައި ޒަޔަނިސްޓް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ނޫހުގައި އޮތީ ބޮޑު ދޮގެއް ކަމަށެވެ.

ނަތަންޔާހޫ ވިދާޅުވީ ގޮތުގައި ޔަހޫދީންގެ ރޭވުންތަކާއި ބޭނުންކުރާ ހަތިޔާރާ ބެހޭ ގޮތުން އެމެރިކާއާ މަޝްވަރާކޮށެއް ނުހަދަ އެވެ. އެކަމަކު ވަކި ތަނަކަށް ހަމަލާދިނުމުގެ ކުރިން އެމެރިކާއަށް އަންގާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޒްބުﷲ އަށް ހަމަލާދެން ރޭވި ރޭވުން ބައިޑަން ވިދާޅުވެގެން ކެންސަލްކުރި ކަމަށް ވޯލް ސްޓްރީޓުން ބުނެ ޝާއިއުކޮށްފައި އެ ވަނީ ސައްހަ ރިޕޯޓެއްގެ މައްޗަށް ބިނާކޮށްފައި ނޫން ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ.

ވޯލް ސްޓްރީން ޖާނަލުގައި އޮތް ގޮތުން ބައިޑަން ވަނީ ޒަޔަނިސްޓު އަސްކަރިއްޔާއަށް އިންޒާރުދެއްވާފަ އެވެ.

ހިޒްބުﷲ އަކީ ވެސް ބާރުގަދަ ހަތިޔާރު ހުރި ބަޔަކަށް ވާތީ ޒަޔަނިސްޓުން ރައްދުދޭ ގޮތަކުން ބޯޑަރު ހުރަސްކޮށް ވަރަށް ވަރުގަދަ ހަމަލާއެއް ހިޒްބުﷲ އިން ވެސް ދީފާނެ ކަމަށް އެމެރިކާއަށް ގަބޫލުކުރެވޭ ކަމަށް ބައިޑަން ނަތަންޔާހޫއަށް ދެންނެވި ކަމަށް ވޯލް ސްޓްރީޓްގައި ވަނީ ބުނެފަ އެވެ.

ހިޒްބުﷲ އިން ޒަޔަނިސްޓް އާބާދީތަކަށް ހަމަލާދީފި ނަމަ ވަރަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ބައިޑަން ވިދާޅުވި ކަމަށް ވެސް ވޯލް ސްޓްރީޓްގައި ވެއެވެ.

ބައިޑަންގެ މި އިންޒާރާ ގުޅިގެން ހިޒްބުﷲ އަށް ޒަޔަނިސްޓުން ދޭން ރޭވި ހަމަލާ ކެންސަލްކުރީ ކަމަށް ވެސް ވޯލް ސްޓްރިޓްގައި ވެއެވެ.

ވޯލް ސްޓްރީޓްގެ މި ޚަބަރާ ގުޅިގެން ނަތަންޔާހޫ ވަނީ ކޯފާއިސްކުރައްވައި ވާހަކަދައްކަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ނޫސްތަކުން ރިޕޯޓްކުރަން ވާނީ ހެކި ހުރެގެންނެވެ. ވަކި މީހަކަށް ހަވާލާ ދޭއިރު އޭނާގެ ވޮއިސް ރެކޯޑިން އޮތުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަތަންޔާހޫ އަދި ވިދާޅުވީ އެމެރިކާ ބުންޏެއް ކަމަކު ހިޒްބުﷲ އަށް ދޭން ރާވާފައި ހުރި ހަމަލާތައް ހުއްޓައި ނުލައްވާނެ ކަމަށެވެ.

އަދި ޣައްޒާއަށް ދޭން ރާވާފައި ހުރި ހަމަލާތަކަށް ވެސް ހުއްޓުމެއް ނާންނާނެ ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.