ދުނިޔެ

ސިންވާރު އަވަހާރަކޮށްލިކަން ހަމާސްގެ އޮފިޝަލުން ކަށަވަރުކޮށެއް ނުދޭ

އިޒުރޭލު ސިފައިން ޔަހުޔާ ސިންވާރު އަވަހާރަކޮށްލީ ގަސްދުގައި -- ޔަހުޔާ ސިންވާރު އަވަހާރަކޮށްލަން އޭނާގެ ފަހަތުން ދުވެ ގޮސް ހިންގި އޮޕަރޭޝަނެއްގައެއް ނޫނެވެ. ޔަހޫދީންނަށް އޭނާ އަވަހާރަވެފައި އޮތްކަން އެނގުނީ ހަށިތައް ޗެކުކުރުމުގެ ތެރޭގައި ސިންވާރާ މާބޮޑަށް ވައްތަރު މީހަކުހެން ހީވެގެން ހެދި ޓެސްޓްތަކަކުންނެވެ.

ޔަހުޔާ ސިންވާރު އަވަހާރަކޮށްލުމަކީ އިޒުރޭލަށް އަދި ޒަޔަނިސްޓުންނަށް މަދަދުވެރިވާ ހުޅަނަގަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ. އެމެރިކާ ބުނާ ގޮތުން ސިންވާރުގެ މަރަށްފަހު ޣައްޒާ ހަނގުރާމަ ނިމުމަކަށް އަތުވެދާނެ އެވެ.

ސިންވާރު އަވަހާރަކޮށްލެވިއްޖެކަން އިޒުރޭލުން ވަރަށް ކަށަވަރުކަމާ އެކު ބުނާއިރު، ހަމާސްގެ އޮފިޝަލުން މިކަމަށް އަދި ވަކި ރަަސްމީ ޖަވާބެއް ނުދެ އެވެ.

ހަމާސްގެ އޮފިޝަލް ބަސީމް ނައީމް އޭއެފްޕިއަށް ބުނި ގޮތުން ސިންވާރު އަވަހާރަކޮށްލުމުން ހަމާސްގެ ހަރަކާތްތައް ހުއްޓޭނެ ކަމަށް އިޒުރޭލުން ގަބޫލުކުރުމަކީ މޮޔަ ވިސްނުމެކެވެ.

ބަސީމް ނައީމު ވަނީ ސިންވާރު އަވަހާރަކޮށްލިކަން ގަބޫލުކުރަން ދެކޮޅު ހަދާފަ އެވެ. އޭއެފްޕީ އިން ކުރި ސުވާލަށް އޭނާ ބުނީ އަދި ގޮތެއް ނުނިންމާ ކަމަށެވެ.

ސިންވާރުގެ ހަށިގަނޑު އަދި އޮތީ އިޒުރޭލުގައި، ޒަޔަނިސްޓުންގެ އަތްދަށުގަ އެވެ. ޔަހޫދީން ބޭނުން ގޮތެއް ހަދަން އޭނާގެ ހަށިގަނޑު މިހާރު އޮތީ މަސްކޮށާ އަށްޓެއްގެ މަތީގައި ފިނިކޮށްފަ އެވެ.

ހަމާސްގެ ސިޔާސީ ގޮފީގެ ލީޑަރުގެ މަގާމަށް ޔަހުޔާ ސިންވާރު، 61 އައްޔަންކުރީ އޮގަސްޓް 6، 2024 ގައި -- އެ މަގާމުގައި ކުރިން ހުންނެވި އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެންނެވެ.

އިޒުރޭލުގެ ޖާސޫސުން ހަނިއްޔާ އަވަހާރަކޮށްލީ އީރާންގެ ވެރިރަށް ތެހެރާންގައި ހުއްޓައި ޖުލައި 31، 2024 ގައެވެ.

އިޒުރޭލު ބުނާ ގޮތުން އޮކްޓޯބަރު 7، 2023 ގައި ހަމާސްގެ ހަނގުރާމަވެރިން އިޒުރޭލަށް ވަދެގަނެ ޔަހޫދީންގެ އާބާދިތަކަށް ހަމަލާދިނީ ޔަހުޔާ ސިންވާރުގެ މޭސްތިރި ކަމުގައެވެ. މިއީ އޭނާ އަވަހާރަކޮށްލަންޖެހޭ ސަބަބެއްގެ ގޮތުގައި އިޒުރޭލުން ދައްކާ ބަހަނާ އެކެވެ.

ޔަހުޔާ ސިންވާރުގެ މަރާ ގުޅިގެން ގައުމާ މުހާތަބުކުރައްވައި އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ގޮތުގައި ޣައްޒާ ހަނގުރާމައިގެ ނިމުން މިހިސާބުން ފެށުނީ އެވެ. އެކަމަކު ހަނގުރާމަ ނިމޭނެ އިރެއް ވިދާޅެއް ނުވެ އެވެ.

މަސްރަހު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި ސިންވާރުގެ މަރާ ގުޅިގެން ސުލްހައިގެ ވާހަކަތަކަށް ހުރަސްއެޅި ލަސްވެގެން ދާނެ އެވެ. އެއީ މަޝްވަރާ ބައްދަލުވުމުގައި ހަމާސްގެ ޒިންމާތައް ނަގާނެ ލީޑަރަކު އަދި ނެތުމުންނެވެ.

ހަމާސްއަށް ލީޑަރަކު އައްޔަންކުރެވުނު ނަމަވެސް ހަނގުރާމަވެރިންގެ މެދުގައި ބަދަލުހިފުމުގެ ރޫހު އޮތް ނަމަ، ކައިރި މުސްތަގުބަލެއްގައި މެދުއިރުމަތި ސުލްހައަށް މިސްރާބު ނުޖަހާނެ ކަމަށް ސިޔާސީ ތަޖުރިބާކާރުން ބުނެ އެވެ.