ދުނިޔެ

ޣައްޒާ ބޯޑަރުގެ ފުރިހަމަ ކޮންޓްރޯލް އަތުލެވިއްޖެ: ޔަހޫދީ އަަސްކަރިއްޔާ

ޣައްޒާއާ ޔާހޫދީ އާބާދީތައް ގުޅުވައިދޭ ބޯޑަރުގެ ފުރިހަމަ ކޮންޓްރޯލް އަތުލައިގަނެ މުޅި ސަރަހައްދުގައި ފޯރިމަރައި ބަލަހައްޓަމުން އަންނަ ކަމަށް ޔަހޫދީ އަސްކަރިއްޔާއިން ބުނެފި އެވެ.

ޔަހޫދީ ސިފައިންނަށް އެ ސަރަހައްދުގެ ކޮންޓްރޯލް މި ލިބުނީ ހަމާސް ޖަމާއަތުގެ އަސްކަރީ ބާރުތަކުން ބޯޑަރު ފޫއަޅުވާލައި ޔަހޫދީ އާބާދީތަކަށް ވަދެގަނެ ހަމަލާދިންތާ ތިން ދުވަސް ފަހުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހަމާސްގެ ހަނގުރާމަވެރިން ޔަހޫދީ އަވަށްތަކުގައި ހަމަލާ ބަދަލުކުރުން އަދިވެސް ދަނީ ކުރިއަށެވެ. ޔަހޫދީ ސިފައިންނާއި ހަމާސްގެ ހަނގުރާމަވެރިންނާ ދެމެދު ބަދަލުކުރެވޭ ހަމަލާތައް ކޮންޓްރޯކްކުރުމުގައި ޔަހޫދީންނަށް އަދިވެސް ތަނަވަސް ކުރިއެރުމެއް ނުލިބެ އެވެ.

ޔަހޫދީ ސަރަހައްދުތަކުގައި ތިބީ ހަމާސްގެ ހަނގުރާމަވެރިންގެ ފުރިހަމަ އަދަދު ޔަހޫދީ ދިފާއީ ވުޒާރާއަށް ވެސް ނޭނގޭ ކަމަށް ވަނީ ބުނެފަ އެވެ.

ހަބަރުތައް ބުނާ ގޮތުން ހަމާސްގެ ހަނގުރާމަވެރިންގެ އިތުރުން ހިޒްބުﷲގެ ބާރުތައް ވެސް ޔަހޫދީ އަވަށްތަކުގައި ހަރާކާތްތެރިވަމުން އެބަ ގެންދެ އެވެ.

ޔަހޫދީ އަސްކަރިއްޔާއިން ބުނި ގޮތުން ބޯޑަރު ހުރަސްކޮށް ވަދެގަތް ހަނގުރާމަވެރިން ޔަހޫދީންގެ އަވަށެއްގައި ފިލާ އޮތްތޯ ވެސް ބަލާނެ އެވެ.

ޔަހޫދީ ދައުލަތުން ބުނާ ގޮތުން ޔަހޫދީ އާބާދީތަކަށް ހަނގުރާމަވެރިން ވަދެގަތީ ހަމައެކަނި ބޯޑަރު ހުރަސްކޮށްފައެއް ނޫނެވެ. ޔަހޫދީން މިހާރު ޝައްކުކުރަނީ ޣައްޒާއާ ޔަހޫދީ އަވަށްތަކާ ބިމުއަޑިން ގުޅުވައިދޭ ބިނގަރާހެއް ހުރި ކަމަށެވެ.

އެކަމަކު އެއީ ކޮން ތަނެއްގައި ހުރި ބިންގަރާހެއް ކަމެއް ޔަހޫދީންނަކަށް އަދި ނޭނގެ އެވެ.

ހަމާސްއިން މިދިޔަ ހޮނިހިރު ދުވަހު ޔަހޫދީ އާބާދީތަކަށް ދިން ކުއްލި ހަމަލާތަކުގައި 1،300 އެއްހާ ޔަހޫދީން މިހާތަނަށް މަރުވެފައިވާ ކަމަށް ބައެއް ހަބަރުތައް ބުނެ އެވެ. ފަލަސްތީނުން މަރުވި މީހުންގެ އަދަދު 590 އަށް އަރާފައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެ އެވެ.

މުޅި ޣައްޒާ ވަށައިގެން ބަންދުކޮށް ފެނާއި ކަރަންޓް ކަނޑާލަން ޔަހޫދީ ދައުލަތުން ވަނީ އަމުރުކޮށްފަ އެވެ. އަދި ޣައްޒާއަށް ދޭ ހަމަލާތައް އާންމުންނަށް އަމާޒުކުރުމަށް ޔަހޫދީ ދިފާއީ ވަަޒީރު އަސްކަރިއްޔާއަށް ވަނީ އަންގާފަ އެވެ.

ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ހަމާސްއިން ބޭނުން ވަނީ ހަނގުރާމަ ކުރުމަށް ކަމަށެވެ. އެހެންވެ ހަނގުރާމައިގައި ދެމިއޮތުމަށް އަސްކަރިއްޔާއަށް އަމުރުކުރައްވާފައިވާ ކަމަށެވެ.